ސްޓީލިން ޕެރަޑައިސް ދެއްކުމުން މީޑިއާނެޓު ބައި މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރި ރަނގަޅަށް: ސިވިލް ކޯޓު

ޖަސްޓިސް ބިލްޑިގ---ސަން ފޮޓޯ// މުހައްމަދު އަފްރާހް

ދިވެހި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިނގައި ދިޔަ ކަމަށް ބުނެ އަލް ޖަޒީރާ އިން ދެއްކި "ސްޓީލިން ޕެރަޑައިސް" ޑޮކިއުމެންޓްރީ ރީބްރޯޑްކާސްޓު ކުރުމުން މީޑިއާ ނެޓު ބައި މިލިއަން ރުފިޔާ އިން ޖޫރީމަނާ ކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މީޑިއާނެޓު ބައި މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރީ އަބުރުގެ ގާނޫނުގެ ދަށުންނެވެ. އެ ކޮމިޝަނުން ވަނީ މީޑިއާނެޓު ޖުރީމާނާކޮށް އެ ޑޮކިއުމެންޓްރީ ދެއްކީތީ މައާފަށް އެދުމަށް އަންގާފައެވެ.

މީޑިއާނެޓުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި އިރު މިދިޔަ ބުރާސްފަތި ދުވަހު އެ ކޯޓުން ނިންމާފައި ވަނީ، މީޑިއާ ނެޓުން ރީބްރޯޑްކާސްޓު ކުރި އެ ޑޮކިއުމެންޓްރީ އަކީ ގައުމުގެ ސިޔާދަތާއި އިސްތިގުލާލަށް ނުރައްކާވާ ކޮންޓެންޓު ހިމެނޭ ޑޮކިއުމެންޓްރީ އެއްކަން ސާބިތުވާ ކަމަށެވެ. އަދި ބްރޯޑްކޮމްގެ ފިޔަވަޅަކީ ގާނޫނާ ހިލާފަށް ނިންމި ނިިންމުމެއް ނޫން ކަމަށް އެ ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ސްޓީލިން ޕެރަޑައިސްގައި ދައްކާފައި ވަނީ، މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ތުހުމަތު ކުރެވޭ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ވާހަކައެވެ.

comment ކޮމެންޓް