ލަތީފަށް ގޮންޖަހައި، ދިއްދޫން ރައީސް ޔާމީނަށް ކީ ހޫނު މަރުހަބާ!

ރައީސް ޔާމީން ދިއްދޫ ރައްޔިތުންނާ ސަލާމް ކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުއްލްގައްޔޫމު ތިލަދުއްމައްޗަށް ކުރެއްވި ދަތުރުފުޅުގައި ހއ. ދިއްދޫއަށް ވަޑައިގަތުމުގެ ކުރިން ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރުން އަބްދުއްލަތީފު މުހައްމަދު ބަޔާނެއް ނެރުއްވި އެވެ. ބަޔާނުގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރޭން ދިއްދޫ ރައްޔިތުންގެ އަޑު ކަނޑުވާލި ކަނޑުވާލުމަށް އެ ރަށުގެ ރައްޔިތުން މާފު ނުކުރާނެ ކަމަށެވެ.

ނަމަވެސް ލަތީފު ވިދާޅުވި ވިދާޅުވުމާއި ރައީސް ޔާމީން އެރަށަށް ވަޑައިގަތުމުން ފެނުނު މަންޒަރު ވަރަށް ތަފާތެވެ. ގިނަ އަދަދެއްގެ ރައްޔިތުން ރައީސް ޔާމީނަށް މަރުހަބާ ދަންނަވަން ނުކުމެ ތިއްބެވެ.

ރައީސް ޔާމީން ވަޑައިގަތުމުން ދިއްދޫގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

އެހާ ގިނަ އަދަދެއްގެ ރައްޔިތުން ރައީސް ޔާމީނަށް މަރުހަބާ ދަންނަވަން ނުކުމެފައި ވަނީ "ދިއްދޫ ރައްޔިތުން ރައީސް ޔާމީނަށް މަރުހަބާ ދަންނަވަން ޖެހޭ ސަބަބެއް ނެތް" ކަމަށް ލަތީފު ވިދާޅުވެފައި ވަނިކޮށެވެ. އެކަމާ ގުޅިގެން ސަރުކާރާއި ރައީސް ޔާމީނަށް ތާއީދު ކުރާ ފަރާތްތަކުގެ ފާޑުކިޔުންތައް ލަތީފަށް ވަނީ އަމާޒުވެފަ އެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވަނީ ރައީސް ޔާމީނަށް ދިއްދޫ ރައްޔިތުން ކީ މަރުހަބާގެ ފޮޓޯތައް ޓްވީޓުކޮށް އެމަންޒަރު ލަތީފަށް ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ނިހާނުގެ އިތުރުން ދިއްދޫން ރައީސް ޔާމީނަށް ކީ ހޫނު މަރުހަބާއާ ގުޅޭ ގޮތުން އެރަށުގައި ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ. އަދުރޭ ވިދާޅުވީ ރައީސް ޔާމީން ދިއްދުއަށް ވަޑައިގެން ހަމަ އެކަނި ރައްޔިތުންނަށް ސަލާމް ކުރައްވަން ވެސް 45 މިނިޓް ހޭދަ ކުރައްވަން ޖެހި ވަޑައިގަތް ކަމަށެވެ. އޭގެން ދޭހަވަނީ ލަތީފަށް ދިއްދޫ ރައްޔިތުން މާފު ނުކުރާނެކަން ކަމަށް އަދުރޭ ވިދާޅުވި އެވެ.

ދިއްދޫގައި ގިނަ އަދަދެއްގެ ރައްޔިތުން ރައީސް ޔާމީނަށް މަރުހަބާ ކިޔަން ނުކުމެ ތިބުމުން އިދިކޮޅު ފަރާތްތަކުން އެކަމާ ފާޑު ކިޔެވެ. ބައެއް މީހުން ބުނާ ގޮތުން އެތަނުގައި ގިނައީ ކުޑަކުދިންނެވެ. އަދި އަނެއް ބަޔަކު ބުނަނީ ކައިރި ރަށްރަށުން މީހުން ގެންގޮސްގެން ރައީސް ޔާމީނަށް މަރުހަބާކީ ކަމަށެވެ.

ޕީޕީއެމްގެ ހއ. އަތޮޅު ކެމްޕޭނާ ހަވާލުވެ ހުންނެވި އާދަމް ނަސީރު 'ސަން' އަށް ބުނީ ރައީސް ޔާމީނަށް މަރުހަބާކިޔަން އެދުވަހު ދިއްދޫގައި ތިބީ ހަމައެކަނި ދިއްދޫ ރައްޔިތުން ކަމަށެވެ.

ރައީސް ޔާމީން ދިއްދޫ ރައްޔިތުންނާ ސަލާމް ކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

"އެއްގޮތަކަށް ވެސް ކައިރި ރަށަކުން މީހަކު ނުގެންނަން ރައީސަށް މަރުހަބާ ކިޔާކަށް. މުޅިން ވެސް ދިއްދޫ ރައްޔިތުން ތިބީ. އަޅުގަނޑުމެން އަންދާޒާ ކޮށްލާފައި ބުނެވޭނީ 800 އަށް ވުރެ ގިނަ މީހުން ތިބޭނެއޭ އަތަނުގައި ރައީސަށް މަރުހަބާ ދަންނަވަން،" އެޑަމް ބުންޏެވެ.

ރައީސަށް މަރުހަބާ ދެންނެވުމަށް ދިޔައީ ގިނައިން ކުޑަކުދިން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ވާހަކައަށް ވެސް އޭނާ ރައްދު ދިނެވެ. ބުނީ ސުކޫލު ކުދިން ރައީސަށް މަރުހަބާ ކިޔަން ނުކުތުމަކީ އަލަށް މިގައުމުގައި ވާ ކަމެއް ނޫން ކަމަށެވެ.

"އެތަނުގައި ތިބި ކޮންމެ ކުޑަކުއްޖަކަށް ބޮޑު ތިން މީހުން ތިބޭނެ. އެއީ އިދިކޮޅު ފަރާތްތަކުން ހަޖަމު ނުވެގެން ދައްކާ ވާހަކައެއް،" އެޑަމް ބުންޏެވެ.

ދިއްދޫގެ ކެމްޕޭން ޓީމުން ބުނާ ގޮތުން އެ ރަށުން ރައީސް ޔާމީނަށް 70 ޕަސެންޓް ވޯޓު ލިބޭނެ އެވެ. އަދި މިހާރު ވެސް ކެމްޕެއިން ދަނީ ވަރަށް ފޯރީގައި ކުރިއަށް ކަމަށް ބުންޏެވެ.

comment ކޮމެންޓް