އައިޑީކާޑުގެ މައުލޫމާތު ބަދަލުވެގެން އާ ކުރާ މީހުންނަށް ވޯޓު ނުލެވުމުގެ ޒިންމާ ނުނަގާނަން: ޑީއެންއާރު

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު --- ސަން ފޮޓޯ: ފަޔާޒު މޫސާ

އައިޑީކާޑުގައި ހިމެނޭ މައުލޫމާތުގެ ތެރެއިން ފުރިހަމަ ނަން، އެޑްރެސް ނުވަތަ އުފަން ތާރީޚަށް ބަދަލު އައިސްގެން ކާޑު އާކުރާ މީހުންނަށް ވޯޓު ނުލެވިއްޖެ ނަމަ އެކަމުގެ ޒިންމާ ނުނަގާނެ ކަމަށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ބުނެފި އެވެ.

ޑީއެންއާރުގެ ޑިރެކްޓަރު ފަރީދާ ޔޫސުފް މިއަދު "ސަން" އަށް ވިދާޅުވީ އައިޑީކާޑުގައި ހިމެނޭ މި މައުލޫމާތު ބަދަލުވެގެން ކާޑު ހައްދާ ނަމަ އިގުރާރެއްގައި ސޮއި ކުރުވަމުންދާ ކަމަށެވެ. އިގުރާރުގައި ސޮއި ކުރުވަނީ ވޯޓުލާ އިރު ލިސްޓުގައިވާ މައުލޫމާތާއި އައިޑީކާޑުގެ މައުލޫމާތު ތަފާތުވެގެން ވޯޓު ނުލެވުނު ނަމަވެސް އެކަމުގެ ޒިންމާ ޑީއެންއާރުން ނުނަގާނެތީ އެކަމާމެދު މީހުން ހޭލުންތެރި ކުރުވުމަށް ކަމަށް ފަރީދާ ވިދާޅުވި އެވެ.

"ކޮންމެ ފަހަރަކު ވެސް [އިންތިހާބާ ދިމާކޮށް] އައިޑީކާޑު ހައްދާއިރު މި މައުލޫމާތު ބަދަލުވެގެން އައިޑީކާޑު އާކުރާ މީހުން ލައްވާ މި އިގުރާރުގައި ސޮއި ކުރުވަން،" ފަރީދާ ވިދާޅުވި އެވެ.

ދަފުތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި ދަފުތަރުގައި ޖެހިގެން ގިނަ ބަޔަކު އައިޑީކާޑުގައި ހިމެނޭ މައުލޫމާތު ބަދަލު ކުރަން ހުށަހަޅާ ކަމަށާއި އެ ފަރާތްތަކުން ވެސް އިގުރާރުގައި ސޮއިކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތިޚާބުގެ ވޯޓާސް ލިސްޓު އީސީ އިން އާންމުކޮށްފައި ވަނީ މި މަހުގެ ފުރަތަމަ ދުވަހު އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ދަފުތަރު ކެޓެގަރީއަށް ފޯމު ހުށަހެޅުމަށް ލުއި ގޮތްތަކެއް ހަމަޖެއްސުމުން ގިނަ ބަޔަކު ދަނީ ދަފުތަރުގައި ރަޖިސްޓްރީ ކުރަމުންނެވެ. ހައުސިން މިނިސްޓްރީ އިން މީގެ ކުރިން ބުނެފައި ވަނީ ދަފުތަރުގައި ރަޖިސްޓްރީވި ނަމަވެސް ވޯޓު ދިނުމުގެ ހައްގު ލިބޭނެ ކަމަށެވެ. ދަފުތަރުގައި ޖެހުމަށް އެދި ފޯމު ލުމުން ސްލިޕްކޮޅެއް ދޭ ކަމަށާއި ދަފުތަރުގައި ޖެހުމަށް އެދި ހުށަހަޅާމީހުންގެ މައުލޫމާތު ޑީއެންއާރަށް ފޮނުވާނީ އިންތިޚާބުގެ ފަހުން ކަމަށް ވެސް ހައުސިން އިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް