ޓެނިސް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި އައިލެންޑް އޭވިއޭޝަން ދެވަނަ ޓެނިސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ރޭ ނިންމާލައިފި އެވެ.
ޖުމްލަ 111 ކުޅުންތެރިންނާއެކު މޭރީ ބްރައުން ޓެނިސް ކޯޓުގައި ކުރިއަށް ދިޔަ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ސަގާފީ ހަރަކާތްތައްވެސް ފެނިގެން ގޮސްފައިވާ އިރު، އެކިއެކި ކެޓަގަރީތަކުން ޗެމްޕިއަންކަން ހޯދި ކުޅުންތެރިންނަށް ތައްޓާއި މެޑަލް، އަދި ހަނދާނީލިޔުން ވަނީ ދީފައެވެ.

ދެވަނަ އައިލެންޑް އޭވިއޭޝަން ޓެނިސް ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ޓެނިސް އެސޯސިއޭޝަން
މުބާރާތުގެ އޯޕަން ކެޓަގަރީގެ ސިންގަލްސް ފިރިހެން ޗެމްޕިއަންކަން ހޯދީ އަބްދުﷲ ފާއިހް ފަޒީލެވެ. އޭނާ ފައިނަލްގައި ވާދަކުރީ އިގްނާޒް މަންސޫރާއެވެ.
އޯޕަން ޑަބަލްސް އަންހެން ޗެމްޕިއަންކަން އައިމިނަތު އިރުފާ މާހިރާއި ޒެއިނާގެ ޕެއާއިން ހޯދި އިރު، ފިރިހެން ޗެމްޕިއަންކަން ހޯދީ ހަސަން ނާޒިފާއި ފާއިހްގެ ޕެއާއެވެ.
މިކްސް ޑަބަލްސްގެ ޗެމްޕިއަންކަންވެސް އަޔާނީއާއި ފާއިހްގެ ޕެއާ ހޯދާފައިވާ އިރު، 45 އަހަރުން މަތީ އުމުރުފުރާގެ ޗެމްޕިއަންކަން ހޯދީ އަހުމަދު ރަޝީދެވެ. އެ ކެޓަގަރީން ޑަބަލްސް ޗެމްޕިއަންކަން ހޯދީ މުހައްމަދު އަމީންއާއި މުހައްމަދު ހުސައިން މަނިކެވެ.

ދެވަނަ އައިލެންޑް އޭވިއޭޝަން ޓެނިސް ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ޓެނިސް އެސޯސިއޭޝަން
އަންހެން 59 ކުޅުންތެރިންނާއި ފިރިހެން 52 ކުޅުންތެރިންނާއެކު ކުރިއަށް ދިޔަ މުބާރާތުގައި ހަ އަހަރުން ދަށުގެ އުމުރުފުރާއިން ފެށިގެން 45 އަހަރުންމަތީގެ އުމުރުފުރާގެ ދެ ޖިންސުގެ ކެޓަގަރީތަކުގެ ކުޅުން ކުރިއަށް ގެންގޮސްފައިވެއެވެ.
ރޭގެ ރަސްމިއްޔާތުގައި ހުރިހާ އުމުރުފުރާތަކުގެ ޗެމްޕިއަންކަން ހޯދި ކުޅުންތެރިންނަށްވެސް ވަނީ ޓްރޮފީއާއި ފައިސާގެ އިނާމް ހަވާލުކޮށްފައެވެ.
ރޭގެ ރަސްމިއްޔާތުގައި ރާއްޖޭގެ ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަރާތްތަކުގެ އިތުރުން މޯލްޑިވިއަންގެ އިސް ބޭފުޅުން ވަނީ ބައިވެރިވެލައްވާފައެވެ.