ކޮނޑޭ ކައުންސިލް އިދާރާ ރައްޔިތުން ނުކުމެ ބަންދުކޮށްފައި ހުންނަތާ ހަތަރު ދުވަސް!

ގއ. ކޮނޑޭ ބަނދަރު ހެދުމަށް ސަރުކާރުން އަންނަ އަހަރަށް ބަޖެޓްކޮށްފައި ނުވާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް، ރައްޔިތުންގެ ބަޔަކު ނުކުމެ އެރަށު ކައުންސިލް އިދާރާ ބަންދުކޮށް، ހުޅުވިޔަ ނުދީ ހިފަހައްޓާފައި ހުންނަތާ ހަތަރު ދުވަސްވެއްޖެ އެވެ.

ގއ. ކޮނޑޭ ކައުންސިލް މެންބަރ އަބްދުﷲ ޝިހާބު ވިދާޅުވީ، އެރަށު ބަޔަކު ހޯމަ ދުވަހު ނުކުމެ ކައުންސިލް އިދާރާ ބަންދުކުރީ، އެ އަތޮޅު މާމެންދޫ، ދެއްވަދޫ އަދި ގެމަނަފުށީގެ ބަނދަރު ހެދުމަށް 2012 ވަނަ އަހަރުގެ ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނާފައިވާއިރު ކޮނޑޭގެ ބަނދަރު ހެދުމަށް ބަޖެޓްގައި ހިމަނާފައިނުވާތީ ކަމަށެވެ.

ޝިހާބު ވިދާޅުވީ ކައުންސިލް އިދާރާ ބަންދުކޮށްފައިވާތީ ކައުންސިލުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ދިނުމަށް ހުރަސްއެޅިފައިވާ ކަމަށެވެ. އަދި ކޮނޑޭ ކައުންސިލުން ރައްޔިތުންނާއި ބައްދަލުކޮށްފައިވާކަމަށެވެ.

"ކޮނޑޭ ކައުންސިލުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތަށް ދިނުމަށް ދަތިވެފަވާތީ އަޅުގަނޑުމެން ރައްޔިތުންނާއި ބައްދަލުކުރިން. ރައްޔިތުން ބުނަނީ ކޮނޑޭ ބަނދަރު ހެދުން ފިޔަވާ ރައްޔިތުންނަށް ސަރުކާރުން ދޭންޖެހޭނެ ހިދުމަތެއް ނޯންނާނެ. ގއ. އަތޮޅުގައި މިހާރު ނެހެދިވާ ހަމައެކަނި ބަނދަރަކީ ކޮނޑޭ ބަނދަރު. އެހެންވީމާ މިކަން ހިނގައިދިޔަގޮތް ސަރުކާރުން ރައްޔިތުންނަށް ހާމަނުކުރާހާ ހިނދަކު ކައުންސިލް އިދާރާ ނުހުޅުވާނެކަމަށް ރައްޔިތުން ބުނަނީ،" ޝިހާބް ވިދާޅުވި އެވެ.

ޝިހާބު ވިދާޅުވީ، މިކަން ހައްލުކުރުމަށްޓަކާ 11 މެންބަރުންގެ މައްޗައް ހިމެނޭ ފުލުހުންގެ ޓީމެއް އަންގާރަ ދުވަހު އެރަށަށްގޮސް ކައުންސިލް އިދާރާ ހުޅުވޭތޯ މަސައްކަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް ކައުންސިލް އިދާރާ ހުޅުވުމުގެ ފުރުސަތެއް ރައްޔިތުން ފުލުހުންނަށް ނުދިނުމުން ފުލުހުން އެރަށުން އެނބުރި ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގއ. އަތޮޅު ޕޮލިސް ކޮމާންޑަރު މުހައްމަދު ޝާހު ވިދާޅުވީ، ކޮނޑޭ ކައުންސިލް އިދާރާ ބަންދުކުރި މައްސަލަ ދަނީ ތަހުގީގުކުރަމުން ކަމަށާއި މިވަގު އިދާރާގެ ތަޅުދަނޑި އޮތީ ކޮނޑޭ ކައުންސިލްގެ ޒިންމާދާރު ވެރިޔާގެ އަތުގައި ކަމަށެވެ.

ޝިހާބު ވިދާޅުވީ ރައީސް މުޙައްމަދު ނަޝީދު 2009 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ގއ. ވިލިނގިއްޔަށް ވަޑައިގެން ގއ. އަތޮޅުގެ ރަށު އޮފީސްތަކުގެ އިސް ފަރާތްތަކާއި ބައްދަލުކުރެއްވިއިރު 2009 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭ ކޮނޑޭ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފެށޭނެކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

ނަމަވެސް، ރައީސް ވިދާޅުވި ތާރީހް ފަހަނައަޅައި ދިޔަތާ އެތަކެއް ދުވަސް ފާއިތުވެގެންދިޔައިރުވެސް އެމަސައްކަތްފެށިފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު