އެމްޑީޕީ އާއި ގާސިމް އަދިވެސް ބޮޑު ހިޔާލު ތަފާތުވުމެއްގައި!؟

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ގާސިމް އިބްރާހިމް -- ސަންފައިލް ފޮޓޯ

އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ފިކުރަކީ މުޅިން ތަފާތު ފިކުރެއްކަން މާޒީއަށް ބަލައިލުމުން އޮތީ ފެންނާށެވެ. މިފަހަރު އިންތިހާބުގައި ވާދަކުރަން އެ ދެ ޕާޓީން ކޯލިޝަނެއްގައި ހަދައިގެން މިހާރު ކެމްޕޭން ފަށާފައިވާ އިރު އަދި ވެސް ފެނިގެންދަނީ އެއްގަލަކަށް ނޭރިގެން އުޅޭ މަންޒަރެވެ.

އެމްޑީޕީ މެމްބަރުންގެ މެދުގައި ވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ މެދު ހިތްހަމަ ނުޖެހުން އުފެދި ސޯޝިއަލް މީޑިއާގައި ފާޅުގައި ދަނީ ފާޑު ކިޔަމުންނެވެ. އެންމެ ފުރަތަމަ މައްސަލައަކަށްވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުކަން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިނުމަށް އެމްޑީޕީން ނިންމުމެވެ. އޭގެ ފަހުން އެކަން ބަދަލުވެ ކޯލިޝަނުގެ ރަނިންގް މޭޓްކަން ޖޭޕީއަށް ދިނުމަށް ނިންމި ހިސާބުން ކޮންމެވެސް ވަރަކަށް އެ ދެބައިމީހުންގެ ތެރެއިން ހަމަ ޖެހުމެއް ފެންނަން ފެށި އެވެ.

އިދިކޮޅުގެ ރިޔާސީ ކެމްޕެއިނަށް އިބޫގެ ރަނިން މޭޓް ފައިސަލް ނަސީމް ގުޅިވަޑައިގަތް މީޑިއާ މައުލޫމާތު ދެނީ --- ފައިލް ފޮޓޯ: އެމްޑީޕީ

ނަމަވެސް މިހާރު އަނެއްކާ ވެސް ގާސިމް އިބްރާހިމް ވަނީ އޭނާ ބޭނުންވާ ކަންތައްތަކެއް ކޯލިޝަނަށް ހުށަހަޅައިފަ އެވެ. އިދިކޮޅު އެޕްޑީޕީގެ އިސް މީހަކު 'ސަން' އަށް ވިދާޅުވީ ކޯލިޝަން ވެރިކަމެއްގައި މަޖިލީހުގެ ރައީސްކަން ބޭނުންވާ ކަމަށް ބުނެ ގާސިމް ހުށަހަޅާފައިވާ ކަމަށެވެ.

"ގާސިމް އެބަބުނޭ އޭނާއަށޭ މަޖިލީހުގެ ރައީސްކަން ދޭން ޖެހޭނީ. މާ ބޮޑަށް ކަންތައްތައް ބޭނުންވެގެން ހުށަހަޅުއްވަނީ. މިހެންވާ ނަމަ ގާސިމާ ނުލާ ވެސް ކުރިއަށް ދާން ޖެހިދާނެ ހެން ހީވަނީ،" އެމްޑީޕީ މީހަކު ބުންޏެވެ.

ގާސިމް ކޯލިޝަނުގެ ބައެއް ބޭފުޅުންނާ މެދު ހިތްހަމަ ނުޖެހޭކަން ފާޅުވެގެން ދިޔަ އަނެއް ކަމަކީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު ޖަލުގައި ހުންނަވާތާ އަހަރެއްވުމުން ޖަލްސާ ބާއްވަން ކުނޫޒު ދޭން އެދުމުން ގާސިމް އެކަމާ ދެކޮޅު ހެއްދެވުމެވެ. މީގެ ކުރިން އެފަދަ ޖަލްސާތައް ބާއްވަމުން އަންނަ ކުނޫޒު ނުދޭން ކުއްލިއަކަށް ގާސިމް ނިންމެވުމަކީ އިދިކޮޅު ގިނަ ބަޔަކު އެކަމާ ހިތްހަމަ ނުޖެހުން ފާޅު ކުރި ކަަމެކެވެ.

ގާސިމް އިބްރާހިމް އާއި ފާރިސް މައުމޫން ޖުމުހޫރީ ޕާޓީގެ ޖަގަހަ، މ. ކުނޫޒުގައި އޮތް ޖަލްސާއެއްގައި---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ގާސިމް އިދިކޮޅު ބައެއް ފަރާތްތަކަށް ކުރެއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ ވަކި މީހަކަށް އަނިޔާލިބޭ ވާހަކަ ދައްކަން ޖަލްސާ ބާއްވަން ކުނޫޒު ނުލިބޭނެ ކަމަށެވެ. ޖަލްސާ ބާއްވަން ކުނޫޒު ލިބެނީ އެންމެނަށް އަނިޔާ ލިބޭ ވާހަކަ ދައްކާ ނަމަ ކަމަށް ގާސިމް އެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.

"އެ އެންމެން ނުހިމެނޭ ގޮތަށް ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް އިވެންޓް ބޭއްވުމުން އެތައް ބަޔަކު ބާކީވާ ކަމުގެ ޝަކުވާ އެތައް ބައެއްގެ ފަރާތުން ލިބޭ. ވީމާ ސްޓިއަރިންގް ކޮމިޓީން މިކަން ރިކޮންސިޑަ ކުރައްވައި އެންމެނަށް ހާއްސަ ޖަލްސާއަކަށް ޖަލްސާ ބަދަލު ކުރެއްވުން އެދެން. އެނޫން ގޮތަކަށް ކުނޫޒުގައި މިކަހަލަ ޖަލްސާ ބާއްވައިގެން ނުވާނެ،" ގާސިމްގެ މެސެޖުގައި ބުނެފައިވެ އެވެ.

އެމްޑީޕީން ހުށަހެޅި މެނިފެސްޓޯއާ މެދު ވެސް ގާސިމްގެ ހިތްހަމަނުޖެހުންތަކެއް ވަނީ ހުށަހަޅުއްވައިފަ އެވެ. އެގޮތުން ބޭރުގެ ފަނޑިޔާރުން ގެނައުމަށް އެމްޑީޕީން ހިމަނާފައިވާ ކަންކަމަށް ގާސިމް ދެކޮޅު ހެއްދެވި އެވެ.

ރައީސް ނަޝީދު އަރިހުގައި ގާސިމް އިބްރާހިމް --- ސަން ފައިލް ފޮޓޯ

ކޯލިޝަނެއް އެކުލަވާލާ އިރު ޕާޓީތައް ގުޅިގެން މެނިފެސްޓޯ އެކުލަވާލުމަށް ވާހަކަ ދެކެވުނު ނަމަވެސް އަދި ވެސް އެކަމަށް އަމަލީ ސިފައެއް ޖެހިގެންދާތަނެއް ނުފެނެ އެވެ. އިންތިހާބަށް މިހާރު ބާކީ އޮތީ 65 ދުވަހެވެ. ކޯލިޝަނުން ދެ ކެންޑިޑޭޓެއް ނެރެ ކެމްޕޭން ކުރަމުން ދިޔަ ނަމަވެސް މިހާތަނަށް ކޯލިޝަނުގެ މެނިފެސްޓޯއަކީ ކޮބައިކަމެއް ފެންނާކަށް، އަދި އިއުލާންކޮށްފައެއް ނުވެ އެވެ.

އެމްޑީޕީން ނެރެފައިވާ މެނިފެސްޓޯ "ޖަޒީރާ ރާއްޖެ" އަށް އެހެން ޕާޓީތަކުގެ ހިޔާލު ހުރިގޮތް ވެސް ވެސް ނޭނގެ އެވެ. މެނިފެސްޓޯ އެކުލަވާލަން ފަށާ ހަމައިން އަނެއްކާ ވެސް ދެ ޕާޓީގެ ހިޔާލުތަފާތުވުންތައް ބޮޑުވެގެންދާނެ ކަމަށް މާޒީއަށް ނަޒަރު ހިންގާލުމުން ގަބޫލުކުރެވޭ ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ މާޒީއަށް ބަލާލުމުން ވެސް ހިޔާލުތަފާތުވުންތައް އިންތިހާއަށް ފެންނަން އެބަހުއްޓެވެ. އެގޮތުން 2008 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް ގަނައުމުގައި ޖޭޕީ ބޮޑު ދައުރެއް އަދާކުރި ނަމަވެސް އެ ކޯލިޝަން ރޫޅިގެން ދިޔައީ ހިޔާލުތަފާތުވުންތައް ބޮޑުވެ، ޖުމްހޫރީ ޕާޓީގެ ފިކުރާ ދެކޮޅު ކަންތައްތަކެއް އޭރު އޮތް އެމްޑީޕީ ސަރުކާރުން ކުރަން ފެށުމުންނެވެ.

ކަން މިހެން އޮތް އިރު މެނިފެސްޓޯ އެކުލަވާލުން ނުވަތަ އެމްޑީޕީން ބޭނުންވާ ގޮތަށް ކަންތައްތައް ގެންދިއުމަށް ޖޭޕީ އާ ބަސް ބުނެފާނެތޯ މިއީ ސުވާލު އުފެދޭ ކަމެކެވެ. ނުވަތަ އެމްޑީޕީން ޖޭޕީ ބޭނުންވާ ގޮތަށް ކަންކަން ކުރަން ދޫ ދޭނެތޯ ވެސް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

އިދިކޮޅު ޕާޓީތަކުން ހާއްސަކޮށް އެމްޑީޕީން ދައްކާ އަނެއް ވާހަކައަކީ ގާސިމް އިންތިހާބާ ޖެހެންދެން ވެސް ކޯލިޝަނުގައި ދެމި ހުރެދާނެ ކަމާ މެދު ސުވާލު އުފެދޭ ވާހަކަ އެވެ.

"ގާސިމަށް އިތުބާރު ކުރުމަށް ވުރެ މިޖެހޭ ވަޔަށް އިތުބާރު ކުރުން ވެސް މާ ރަނގަޅުވާނެ،" އެމްޑީޕީ މީހަކު ބުންޏެވެ.

އެމްޑީޕީ ޖޭޕީ ގުޅިގެން އުފައްދާ ކޯލިޝަނެއް މަސައްކަތް ކުރާނެ ކަމާ މެދު ގިނަ ބަޔަކު ސުވާލު އުފައްދަމުން ދާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަނެއްކާ ވެސް ތާރީހު އިއާދަވާ މަންޒަރު ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބެލެވެ އެވެ.

comment ކޮމެންޓް