ހއ. މާފިނޮޅުގައި ތަރައްގީކުރާ އެއާޕޯޓު އެޅުމަށް ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ހޯރަފުށީ ކައިރީ އޮންނަ މާފިނޮޅުގައި ތަރައްގީ ކުރާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމަށް އެ ސަރަހައްދަށް ގޮސްފައިވާ އެމްޓީސީސީގެ ކޮންނަ ބޯޓު، މަހާ ޖައްރާފަށް ހއ. ހޯރަފުށީގެ ރައްޔިތުންގެ ފަރާތުން މިރޭ ވަނީ ފަރިވަޅެއްވެސް އަރުވައިފައެވެ.
ކުލަގަދަ ރަސްމިއްޔާތަކާއެކު މިރޭ ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ހޯރަފުށީގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
މާފިނޮޅު އެއާޕޯޓަކީ އެ ސަރަހައްދުގެ ރައްޔިތުންގެ އުއްމީދާ ގުޅިފައިވާ އެއާޕޯޓެވެ. އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް މިރޭ ފަށާފައިވާއިރު މިދިޔަ ހަފްތާ ގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ އައިހެވަން މަޝްރޫއާޢެކު މާފިނޮޅު އެއާޕޯޓަށް އިތުރު ތަރައްގީ އަންނާނެ ކަމަށެވެ.
ހޯރަފުށީ ކައިރީ އެއާޕޯޓެއް އަޅުއްވާނެކަން ރައީސް އިއުލާނުކުރެއްވީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. އަދި މާފިނޮޅުގައި އެއާޕޯޓު ތަރައްގީ ކުރަން ރީޖަނަލް އެއާޕޯޓްސް އިން ހުޅުވާލާފައިވަނީ މާޗް މަހުއެވެ.
މާފިނޮޅުގައި ތަރައްގީ ކުރާ އެއާޕޯޓަކީ 1.2 ކިލޯމީޓަރުގެ ރަންވޭ އަކާއެކު ތަރައްގީކުރާ އެއާޕޯޓެކެވެ. އެއާޕޯޓް އެޅުމަށް 16 ހެކްޓަރުގެ ސަރަހައްދެއް ހިއްކާނެއެވެ. އެމްޓީސީސީ އިން ބުނީ ބިން ހިއްކުމުގެ މަސައްކަތް ހަ މަސްތެރޭ ނިންމާލެވޭނެ ކަމަށެވެ.
ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ މާފިނޮޅުގެ ބިން ހިއްކުމުގެ މަސައްކަތަކީ ހީކުރި ވަރަށްވުރެ އުނދަގޫ މަސައްކަތެއް ކަމަށާޢި އެހެންކަމުން އެއާޕޯޓުގެ މަސައްކަތް ކުރުމަށް އެމްޓީސީސީ ގެ މަހާޖައްރާފުގެ އިތުރުން ކަޓާ އޮޕްޝަން ޑްރެޖަރުވެސް އެ މަސައްކަތުގައި ބޭނުންކުރާނެ ކަމަށެވެ.
ޒިޔަތު ވިދާޅުވީ އެމްޓިސީސީ އިން މިހާރުވެސް ތިން އެއާޕޯޓެއްގެ މަސައްކަތް ކުރަމުން ކަމަށާއި އޮގަސްޓު މަހުގެ ނިޔަލަށް މި މަސައްކަތްތައް ނިންމާލާ އިތުރު މަސައްކަތްތަކެއް ފަށަން ތައްޔާރަށް އޮތް ކަމަށެވެ.
މާފިނޮޅު އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ދިޔަ މަހާ ޖައްރާފަށް ހޯރަފުށީ ރައްޔިތުންގެ ފަރާތުން ފަރިވަޅެއް ދިން އިރު، ހދ. ކުޅުދުއްފުށީ އެއާޕޯޓު އަޅަން ބިންހިއްކުމަށް މަހާ ޖައްރާފު އެ ރަށަށް ދިއުމުން ކުޅުދުއްފުށީ ރައްޔިތުންވެސް ވަނީ މަހާޖައްރާފަށް ފަރިވަޅު ދީފައެވެ.