މޯދީގެ ސަރުކާރުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް މާދަމާ ނަގަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް މާދަމާ ނަގާނެ -- ފޮޓޯ: އެންޑީޓީވީ

ދިއްލީ (ޖުލައި 19): އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުގެ އިތުބާރު ނެތް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލައިގެ ވޯޓުލުން މާދަމާ ބާއްވަން ނިންމައިފިއެވެ.

އެމައްސަލަ ހުށަހަޅާފައި ވަނީ މަޖިލީހުގެ 50އަށް ވުރެ ގިނަ މެމްބަރުންގެ ތާއިދާއެކުގައެވެ. އޭގެ ތެރޭގައި ކޮންގްރެސް ޕާޓީ، ނެޝަނަލިސްޓު ކޮންގްރެސް ޕާޓީ އަދި ސަމަޖްވާދީ ޕާޓީއަށް ނިސްބަތްވާ މެމްބަރުން ހިމެނެއެވެ.

އިންޑިއާގެ ޕާލިމެންޓަރީ އެފެއާސް މިނިސްޓަރު އާނަންތް ކުމާރު ވަނީ ސަރުކާރުން އެވޯޓު ކާމިޔާބު ކުރާނެ ކަމަށް ވިދާޅުވެފައެވެ. އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގެ އަގުލަބިއްޔަތު އޮންނަނީ ބޮޑުވަޒީރު މޯދީގެ ޕާޓީ ނިސްބަތްވާ ނެޝަނަލް ޑިމޮކްރެޓިކް އެލައަންސަށެވެ.

ނަމަވެސް އިދިކޮޅު ޕާޓީތަކުން ވަނީ އެވޯޓުގެ ބަހުސްގައި، އަންހެނުންގެ ރައްކާތެރިކަމާއި އެގައުމުގައި ޝަރީއަތާ ނުލާ މީހުން މެރުން ފަދަ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް ބުނެފައި އެވެ. އަދި އެފަދަ މައްސަލަތައް އިސްލާހު ކުރުމަށް މޯދީގެ ސަރުކާރަށް ޕްރެޝަރު ކުރާނެ ކަމަށް ބުނެފައެވެ.

އެއީ ހަތަރު އަހަރުވެފައިވާ މޯދީގެ ސަރުކާރާ ދެކޮޅަށް ނަގާ ފުރަތަމަ އިތުބާރު ނެތް ކަމުގެ ވޯޓެވެ. އަދި އެއީ ކުރީގެ ބޮޑުވަޒީރު އަތަލް ބިހާރީ ވަޖުޕާއީގެ ސަރުކާރާ ދެކޮޅަށް 2003 ވަނަ އަހަރު އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގި ފަހުން، އެގައުމުގެ ސަރުކާރަކާ ދެކޮޅަށް ނަގާ އެފަދަ ފުރަތަމަ ވޯޓެވެ.

ބޮޑުވަޒީރު މޯދީގެ ސަރުކާރުގެ އިތުބާރު ނެތްކަމަށް ފާސްވާނީ މަޖިލީހުގެ ތިރީގޭގެ 543 މެމްބަރުންގެ ތެރެއިން 268 މެމްބަރުން އިތުބާރު ނެތް ކަމަށް ވޯޓު ދިނުމުންނެވެ.

comment ކޮމެންޓް