ރައީސް ޔާމީން ކުރައްވަނީ ގައުމީ ޖިހާދެއް، ހުރިހާ ރައްޔިތުން ބައިވެރިވާން ޖެހޭ: މުއިއްޒު

ޖުލައި 18، 2018: ރައީސް ޔާމީން ހއ. ދިއްދުއަށް ވަޑައިގެން ހަތަރު މަޝްރޫއެއްގެ ނިމުން ފާހަގަކުރުން -- ފޮޓޯ/ ރައީސް ޔާމީން

ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކުރައްވަމުން ގެންދަވަނީ ގައުމީ ޖިހާދެއް ކަމަށާއި އެ ޖިހާދުގައި އެންމެހާ ރައްޔިތުން ބައިވެރިވާން ޖެހޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މުއިއްޒު މިހެން ވިދާޅުވީ ރައީސް ޔާމީން މިއަދު ހއ. ބާރަށަށް ކުރެއްވި ދަތުރުފުޅުގެތެރެއިން އެ ރަށުގައި ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ނިމުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މިހާރު މި ކުރިއަށްދާ މިސްރާބަށް ބަލާއިރުގައި، ރައީސް ޔާމީން ގައުމު ތަރައްގީ ކުރުމަށްޓަކައި މި ކުރައްވާ މަސައްކަތްތަކަށް ބަލާއިރު، އަދި އެ މަސައްކަތްތައް ހުއްޓުވުމަަށް ބަޔަކު މީހުން ކުރަމުންދާ މަސައްކަތައް ބާލާއިރު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ރައީސް ޔާމީން ކުރައްވަމުން ގެންދަވަނީ ގައުމީ ޖިހާދެކޭ." މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.

ބޮޑުތަކުރުފާނު ކުރެއްވި ޖިހާދުގައި ބާރަށުގެ ރޯލު ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ މިހާރު އެ ރަށުގެ ރައްޔިތުން، ރާއްޖޭގެ ގައުމިއްޔަތާއި، މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތް ކުރުމަށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ޖިހާދުގައި އަތުކުރި އޮޅާލައިގެން ބައިވެރިވާން ތައްޔާރަށް ތިބޭ ރައްޔިތުންތަކަށް ވާން ޖެހޭނެ ކަމަށެވެ.

"މި ރަށުގެ ހުރިހާ ރައްޔިތުންނަކީ ވެސް މިފިކުރުގައި ތިބެން ޖެހޭ ބައެއް. މި ގައުމީ ޖިހާދުގެ ފިކުރުގައި ތިބޭ ބަޔަކަށް ކޮންމެ ރައްޔިތަކުވެސް ވާން ޖެހޭ." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ޖިހާދުގައި ބައިވެރިވުމަކީ ސިޔާސީ ގޮތުން ހުންނަ ޕާޓީއަކާ ބެހޭ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ގައުމުގެ މުސްތަގުބަލަށްޓަކައި ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މީގެ ދެމަހެއްހާ ދުވަސް ފަހުން، ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހަކީ ތި ބޭފުޅުންނަށް މި ޖިހާދުގައި އެންމެ ފުރިހަމައަށް ބައިވެރިވެވޭނެ ދުވަސް،"

ދެވަނަ ދައުރަކަށް ރައީސް ޔާމީން ނުހޮވިއްޖެ ނަމަ ބޭރުގެ ފަރާތްތަކާ ގުޅިގެން ރާއްޖޭގައި އިސްލާމް ދީން ފަތުރަން އުޅޭ ބަޔަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި މީގެ ކުރިންވެސް ކަން ވެފައި ވަނީ އެހެން ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ގައުމު އެތައް ދާއިރާއަކުން، އެތައް މިންގަނޑަކުން، ކުރު މުއްދަތެއްގެ ތެރޭގައި ރައީސް ތަރައްގީ ކުރައްވާފައިވާ ކަމަށެވެ.

comment ކޮމެންޓް