ފާރިސް ގޮޅިން ނެރޭ ވީޑިއޯ ސިއްރު މަޖިލީހެއްގައި ބަލަން އޭނާ ދެކޮޅު ހަދައިފި

ފާރިސް(މ) ގޮޅިން ނެރެގެން ގެންދިއުމުގެ ތެރޭގައި އޭނާގެ އަތަށް އަނިޔާވެފައި: އެ ވިޑީއޯ ސިއްރު މަޖިލީހެއްގައި ބެލުމަށް ފާރިސް ވަނީ ދެކޮޅު ހަދާފައި ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާޙް

ފުލުހުންގެ ބަންދުގައި ދޫނިދޫ ގޮޅީގައި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ހުންނަވަނިކޮށް ނެރިގެން ގެންދާ ވީޑިއޯ ސިއްރު މަޖިލީހެއްގައި ބެލުމަށް އޭނާ ދެކޮޅު ހަދައިފި އެވެ.

ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ފާރިސް މައުމޫންގެ މިއަދުގެ އަޑުއެހުމުގައި އޮތީ ޝަރީއަތް ފެށުމުގެ ކުރުން އޭނާފެ ފަރާތުން ހުށަހަޅާ ފަހު ދެ ހުށަހެޅުން ހުށަހެޅުމެވެ. އެގޮތުން އެންމެ ފަހު ހުށަހެޅުމެއްގެ ގޮތުގައި ފާރިސްގެ ފަރާތުން އޭނާގެ ގާނޫނީ ވަކީލް އިބްރާހިމް ޝަމީލް ހުށަހެޅުއްވީ ގާނޫނާ ހިލާފަށް ފުލުހުން ފާރިސްގެ މައްޗަށް ތަހަގީގު ހިންގާފައި ވާތީ މައްސަލަ ބޭރުކޮށްދިނުމަށެވެ.

އެގޮތުން ފާރިސް ދޫނިދޫ ގޮޅީގައި އޮއްވައި ގާނޫނާ ހިލާފަށް ވަކީލެއް ނެތި ތަހްގީގަށް ގެންގޮސްފައިވާ ކަން ޝަމީލް ފާހަގަކުރި އެވެ. އަދި ޣައިރު ގާނޫނީ އަމުރަކަށް ކިޔަމަން ވުމަށް ފާރިސް ދެކޮޅު ހެދުމުން ގަދަކަމުން ގޮޅިން ނެރެގެން ގެންގޮސްފައިވާ ކަމަށް ޝަމީލް ވިދާޅުވި އެވެ.

ނަމަވެސް ދައުލަތުން ވަނީ އެ ހަށަހެޅުން ދޮގުކޮށް ފާރިސް ގޮޅިން ނެރެގެން ގެންދިޔަ ވީޑިއޯ ޝަރީއަތުގެ މަޖިލީހުގައި ދެއްކުމަށް އެދިވަޑައިގެންފަ އެވެ. ދޫނިދޫ އަކީ އާންމުންނަށް ނުވަދެވޭ ގޮތަށް އޮންނަ ރަށަކަށްވުމުން ދައުލަތުން އެދިފައި ވަނީ ވީޑިއޯ ދެއްކުމުގެ ކުރިން ޝަރީއަތުގެ މަޖިލިސް ސިއްރުކޮށްދިނުމަށެވެ.

ނަމަވެސް ފާރިސްއާ މަޝްވަރާ ކުރުމަށް ފަހު ވަކީލް ޝަމީމް ވިދާޅުވީ ސިއްރުކޮށްގެން ބާއްވާ މަޖިލީހެއްގައި ވީޑިއޯ ބަލަން ބޭނުން ނުވާ ކަމަށާއި އެ ވީޑިއޯ ހުޅުވާލެވިގެން ކުރިއަށް ގެންދާ އަޑުއެހުމެއްގައި ނުބެލޭނެ އެއްވެސް ގާނޫނީ ހުއްޖަތެއް ނެތް ކަމަށެވެ. އަދި ސިއްރުކޮށްގެން އަޑުއެހުން ކުރިއަށް ގެންދާ ނަމަ އެ ހުށަހެޅުން ދޫކޮށްލާ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ނިންމެވީ އެ ވީޑިއޯ ދެއްކޭނީ ސިއްރު އަޑުއެހުމެއްގައި ކަމަށެވެ. ސަބަބެއްގެ ގޮތުގައި ހައިލަމް ވެސް ފާހަގަކޮށްފައި ވަނީ ދައުލަތުން ފާހަގަކުރި ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަމުގެ ނުކުތާ އެވެ.

ފާރިސްގެ ފަރާތުން މިއަދު ފުރަތަމަ ހުށަހެޅީ އޭނާ ދިރިއުޅޭ މ. ސްނޯރޯސް ގަވާއިދާ ހިލާފަށް ފުލުހުން ބަލައި ފާސްކޮށް ހެކީގެ ގޮތުގައި ބައެއް ތަކެތި ގެންދިޔަ ކަމަށެވެ. ނަމަވެސް ދައުލަތުން ވަނީ ފާރިސް ދިރިއުޅުއްވާ ގެ ބަލާފައި ވަނީ ކޯޓު އަމުރާ އެއްގޮތަށް ފުލުހުން އަމަލުކުރުމަށް ހަދާފައި ގާނޫނުތަކާ އެއްގޮތައް ކަމަށް ވިދާޅުވެފަ އެވެ.

ފާރިސްގެ ފަރާތުން ގިނަ ހުށަހެޅުންތަކެއް ހުށަހެޅި ނަމަވެސް އޭގެތެރެއިން އެއްވެސް ހުށަހެޅުމެއް ބަލައިގަނެފައެއް ނުވެ އެވެ. އަދި އެ މައްސަލައަކީ އެ ކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއްގެ ގޮތުގައި ގާޒީ ވަނީ ނިންމައިފަ އެވެ.

ފާރިސްއާ އެކު އިތުރު ހަ ފަރާތެއްގެ މައްޗަށް ވެސް ދައުލަތުން ވަނީ ހަމަ އެ މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލައިފަ އެވެ. އަދި ދެން އަޑުއެހުންތައް ކުރިއަށް ގެންދަނީ އެންމެ އެކީގައި ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

comment ކޮމެންޓް