އެމްޑީޕީ އުފެއްދީ ވަރުވާ އަށް ލިޔާކަށް ނޫން: މޫސަ

ފެބްރުއަރީ 20، 2018: ޕީޕީއެމް އިން "ރުމާލު 2" ޖަގަހާގައި ބޭއްވި ޖަލްސާ އެއްގައި މޫސަ ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްޑީޕީ އުފެއްދީ "ގޮއިފާލައްބަ އާއި ހިންނަ ފަދަ ތަންތަން ވަރުވާ އަށް ލިޔާ އުސޫލުން ސިޔާސީ ޕާޓީއެއް ވަރުވާ އަށް ލިޔަން ނޫން" ކަމަށާއި އެމްޑީޕީ އުފެއްދީ ރައްޔިތުންގެ ތަރައްގީ އަށް މަސައްކަތް ކުރުމަށް ވައުދުވެގެން ކަމަށް އެމްޑީޕީ އިސްކޮށް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަތް އަދި ކުރީގައި އެ ޕާޓީގައި އިސްކޮށް ހަރަކާތްތެތިވެވަޑައިގަތް ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ހއ. ކެލާގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ އެމްޑީޕީ އުފެއްދީ އެއްވެ އުޅުމުގެ މިނިވަން ކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ރައްޔިތުންނަށް ފަހިކޮށްދީ، ރައްޔިތުން ބޭނުންވާ ކަންތައް ކޮށްދިނުމަށް ކަމަށެވެ.

މޫސަ ވިދާޅުވީ އޭރު އެމްޑީޕީގައި މަސައްކަތް ކުރެއްވީ ރައްޔިތުންނަށް ފާގަތިކަން ހޯދައި ދިނުމަށް ކަމަށާއި މިހާރު ވެސް މަސައްކަތް ކުރައްވަނީ އެގޮތުގައި ކަމަށެވެ.

އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، މޫސަ ވިދާޅުވީ ރައީސް މައުމޫނުގެ ވެރިކަމުގައި ކުރިކަމަށް ބުނާ ކޮރަޕްޝަނުގެ އަމަލުތަކާއި އަނިޔާތަކުގެ ވާހަކަ އެމްޑީޕީ އިން ވަރަށް ބާރަށް ދެއްކި ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ވެރިކަމުގައި އެކަންތައް ތަހުގީގު ނުކުރީ ކީއްވެތޯ މޫސަ ސުވާލު ކުރެއްވި އެވެ.

ރައީސްއެއްގެ ފަރާތުން ރައްޔިތުން ބޭނުންވަނީ އެ މީހުންނަށްް ބޭނުންވާ ކަންތައްތައް ފުރިހަމަކޮށްދީ ދީނާއި ގައުމު ހިމާޔަތް ކުރުން ކަމަށާއި އެކަންތައް ފުރިހަމަ ވުމުން ދެން ބޭނުން ވަނީ ތަރައްގީ އާއި ކުރިއެރުން ކަމަށް މޫސަ ވިދާޅުވި އެވެ.

"އޭގެ ތެރޭގައި ބިން ހިއްކުން އެއާޕޯޓު އެޅުން ބްރިޖު އެޅުން ޒަމާނީ މަސްވެރިކަމާއި ދަނޑުވެރިކަން، ރައްޔިތުންނަށް ވިޔަފާރީގެ ފުރުސަތުތައް ދިނުން، ބޭރުގެ އިންްވެސްޓުމެންޓުތައް ރާއްޖެ ގެނެސް އަމަން އަމާންކަމާ އެކު އުޅެވޭނެ ތަނަކަށް ރާއްޖެ ވުން،"

މޫސަ ވިދާޅުވީ ރާއްޖެ ތަރަައްގީކޮށް ރާއްޖެ ކުރިއަށް ގެންދަވާނީ ރައީސް ޔާމީން ކަމަށެވެ.

އޭނާ ވިދާޅުވީ އެމްޑީޕީ އަކީ މުސްތަގުބަލެއް އޮތް ޕާޓީއެއް ނޫން ކަމަށާއި ޕީޕީއެމް އާ އެކު ކުރިއަށް ދިއުމަށް އެމްޑީޕީގެ މެންބަރުންނަށް ގޮވާލާ ކަމަށެވެ.

ޔޫރަޕިއަން ޔޫނިއަންގެ ނިންމުމަށް އިޝާރާތްކުރައްވައި މޫސަ ވިދާޅުވީ ބޭރުގެ ބަޔަކު ރާއްޖެއަށް ފިޔަވަޅު ނާޅާ ކަމަށާއި އަޅަން ނުވެސް އުޅޭ ކަމަށެވެ.

comment ކޮމެންޓް