ޕާޓީ ދޫކޮށްލި މެމްބަރުންނަށް ރައްޔިތުންގެ ހައްގުގައި ވާހަކަ ދެއްކުމުގެ ޖާގައެއް ނޯންނާނެ: ރައީސް

ރައީސް ޔާމީން މިއަދު ދިއްދޫގައި --- ފޮޓޯ/ ރައީސް އޮފީސް

ޕާޓީ ދޫކޮށްލާފައި ރައްޔިތުން ހޮވި ފިކުރާ ދެކޮޅަށް ދިޔަ މެމްބަރުންނަށް ރައްޔިތުންގެ ހައްގުގައި ވާހަކަ ދެއްކުމުގެ އެއްވެސް ހައްގެއް ނޯންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

ތިލަދުއްމައްޗަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ދިއްދުއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގެ ފިކުރުގައި އިންތިހާބު ކުރީމަ މަވެތިކަން އިސްކޮށްފައި އަމާނާތްތެރިކަން ނަގާލީމަ އެއީ އެ ޕާޓީގެ މައްސަލައެއް ނޫން ކަމަށެވެ. އެއީ އެމީހުންގެ ހުރި އަމިއްލަ އެދުމުގެ ސިފަތަކެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެހެންވީމަ އެމީހުންނަކަށް މިއަދަކު ރައްޔިތުންގެ ހައްގުގައި ވާހަކަ ދެއްކުމުގެ އެއްވެސް ޖާގައެއް ނޯންނާނެ. އެމީހުންނަކީ އެމީހުންގެ އަމިއްލަ ކުލަތައް އެމީހުންގެ އަމިއްލަ ސިފަތައް ކުރިއަށް ނެރުނު ބައެއް. އަދި މިކަންކަން ކުރުމުގައި ދައުލަތަށް ހިދުމަތް ކުރެއްވި ކިތަންމެ އިސް ބޭފުޅުންނެއް މިކަމުގައި އުޅުއްވި ނަމަވެސް. އަޅުގަނޑުގެ ފޮތުގައި އަޅުގަނޑުގެ ކުރިމަތީގައި ކުށެއް ވެއްޖެއްޔާ ކުށެއް. ކުޑަ މީހަކު ކުރިޔަސް ބޮޑު މީހަކު ކުރިޔަށް ކުށެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ދިއްދޫ ރައްޔިތުން އެދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އިންތިހާބު ކުރެއްވީ ސަރުކާރުގެ ފިކުރަށް ކަމަށް ރައީސް ޔާމީން އިޝާރާތް ކުރެއްވި އެވެ. އަދި އެ ފިކުރު ދޫކޮށްލި ނަމަވެސް ދިއްދޫ ރައްޔިތުންނަށް ސަރުކާރުން ގެނެސްދޭ ތަރައްގީގެ ފާލަމަކީ މަޖިލިސް މެމްބަރު ކަމުގައި ނުހަދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އޭގެ ހަގީގީ މިސާލަކީ ގދ. ތިނަދޫ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ތިނަދޫއަށް ނިސްބަތްވާ މަޖިލީހުގެ ދެ މެމްބަރުންނަކީ ވަރަށް ކުރިން ޕާޓީ ބަދަލު ކުރެއްވި މެމްބަރުން ކަމަށާއި އެހެންނަމަވެސް ތިނަދޫއަށް ތަރައްގީ ގެނެސް ދިނުމުގައި ސަރުކާރުން ފަހަތަށް ނުޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ އެކަންކަން އެތަނަށް އައިމާ. ތިނަދޫގެ އެއްވެސް މެމްބަރަކަށް ވިދާޅެއް ނުވެވޭނެ މިއީ ތިމަންނަ ކުރި ކަންކަމެކޭ. އެކަމެއް ނުހިނގާނެ އެގޮތަކަށް." ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ދިއްދޫ ރައްޔިތުންނާ ސަލާމް ކުރައްވަނީ --- ފޮޓޯ ރައީސް އޮފީސް

ރައްޔިތުންނަށް ބޭނުންވާ ކަންކަން ހިމަނާފައި ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ބަޖެޓެއް އެކުލަވާލާފައި މަޖިލީހަށް ފޮނުވީމަ އެމްޑީޕީ މެމްބަރުން ބަޖެޓަށް ދިން ވޯޓެއް ނޯންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެމްޑީޕީގެ އެއްވެސް މެމްބަރަކު ތަރައްގީގެ ބަޖެޓަށް ދެއްވި ވޯޓެއް ނޯންނާނެ. އެއްވެސް މެމްބަރަކު ސަރުކާރުން ރައްޔިތުންނަށް ކޮށްދެން ބޭނުންވާ ކަންތައްތައް އެދިގެން ދިޔައީމަ އެމްޑީޕީގެ މެމްބަރުން ދެއްވި ވޯޓެއް ނޯންނާނެ. މިއީ ހަގީގަތް.،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ ފަރާތުން މެމްބަރުންނަށް ބޮޑު އިތުބާރަކާއި ތާއީދެއް ދެނީ އަމާނާތެއް ހަވާލުކޮށްފައި ކަމަށެވެ. އެ އަމާނާތަކީ ރައްޔިތުންގެ ވިންދާއި ރައްޔިތުންގެ ރޫހާ ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރުން ކަމަށާއި މަޖިލީހަށް ހޮވުނީމަ އެ މިނިވަން ވީކީ ނޫން ކަމަށެވެ.

"އޭނާގެ [މަޖިލިސް މެމްބަރުގެ] ނޯންނާނެ މިނިވަން ހިޔާލެއް. އޭނަގެ ހިޔާލުތައް އަންނަންވާނީ ރަށަށާއި ދައުލަތަށް ބޭނުންވާ ތަރައްގީ އެންމެ ފުރަތަމަ ކަމަކަށް. ރަށަށް ހިޔާނާތްތެރި ނުވުން. ރަށަށް ގައްދާރު ނުވުން. ރަށުގެ އަމާނާތާއި ކަރާމާތަށް އިސްކަން ދިނުން. އަދި އެއާ އެކީ އޭނަގެ ދާއިރާގެ ކަންކަން އިސްކުރުން،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެކަން ކަމަކީ ގާނޫނުގައި ދުސްތޫރިގައި މިހާރު ވެސް ލިޔެވިފައި އޮތްގޮތް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެއްވެސް މީހަކަށް ގައުމުގެ މަސްލަހަތު އެއް ފަރާތަށް ޖައްސާފައި ދާއިރާގެ ވާހަކަ ނުވެސް ދެއްކޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

މި ފަހުގެ ތާރީހުގައި ހިނގައި ދިޔަ ކަންކަމަކީ ދުނިޔޭގެ ތާރީހުގައި ވެސް ހިނގާފައި ހުރި ކަންކަން ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ބޭރުގެ ގައުމެއްގައި ވެސް އެމީހަކު އިންތިހާބުވާ ޕާޓީގެ ފިކުރު ދޫކޮށްލައިފި ނަމަ ގޮނޑި ގެއްލޭ ގޮތަށް އޮންނަ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

comment ކޮމެންޓް