ގައުމަށް ހެޔޮއެދޭ ބަޔަކު ގައުމުގެ ފަތިފުށް ބޭރުގައި ނުކިޔާނެ: ރައީސް

ރައީސް ޔާމީން ދިއްދޫގައި ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

ގައުމަށް ހެޔޮއެދޭ ބަޔަކު ގައުމުގެ ފަތިފުށުގެ ވާހަކަ ބޭރުގައި ނުކިޔާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

ހއ. އަތޮޅަށް ރައީސް ޔާމީން ކުރައްވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު ދިއްދުއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ގައުމަށް ހެޔޮއެދޭ ބަޔަކު ގައުމުގެ ދާހިލީ ކަންކަމަށް އަތް ބާނަން ބޭރުގެ ފަރާތްތަކަށް ޖާގަ ނުދޭނެ ކަމަށެވެ.

"އެއީކީ ގައުމަށް ހެޔޮއެދޭ މީހުންގެ ސިފައެއް ނޫން. އަދި ސިފައިންނާއި ފުލުހުންނާއި ކުރިމަތިލާކަށް ގޮވައެއް ވެސް ނުލާނެ. ސިފައިންނާއި ފުލުހުންނަކީ ވެސް ގާނޫނު ތަންފީޒު ކުރުމުގައި ގާނޫނު ކަނޑައަޅާ މިންވަރަކަށް ކަންކަން ކުރާ ބައެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވަނީ ރައްޔިތުންނަށް ސުވާލެއް ކުރިމަތި ކުރުވައިފަ އެވެ. އެއްސެވީ "ބޭރުގެ ފަރާތްތަކުން ރާއްޖެއަށް ފިޔަވަޅު އެޅީމާ އެންމެ ބާރަށް އަތް ޖަހާ އީދު ގެނެސްގެން އުޅެނީ ގައުމަށް ހެޔޮއެދޭތީ ތޯ؟" އެވެ. އަދި ވިދާޅުވީ ރައީސް ކަމުގައި ޔާމީން އަބަދު ނުހުންނާނެ ކަމަށާއި ގައުމު ހިނގަން ވާނެ ކަމަށެވެ.

"މުޅި ރައްޔިތުންގެ ހައްގާއި މުޅި ގައުމުގެ އަމަން ގެއްލޭ ވަރުގެ ކަންތައްތައް ކުރީމަ އަޅުގަނޑުމެން ވިސްނަން ވާނެ ކޮންމެ މީހަކު ކުރި ނަމަވެސް އެއީ ގައުމުގެ ދިފާއުގައި ގައުމުގެ ރައްޔިތުންގެ ހައްގުގައި މަސްލަހަތު ދަމަހައްޓަން ބޭނުންވެގެން އިސްތިގުލާލާއި ކަރާމާތާއި ގައުމަށް އޮންނަ ޝަރަފު ދަމަހައްޓާ މީހަކު އެކަމެއް ނުކުރާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން އެހެން ވިދާޅުވެފައިވާއިރު ޔޫރަޕުގެ އިއްތިހާދުން ރާއްޖެއަށް ފިޔަވަޅު އެޅުމަށް ފެރޭމް ވޯކެއް އެކުލަވާލުމާ ގުޅިގެން އިދިކޮޅު މައި ޕާޓީން ވަނީ އީޔޫއަށް ޝުކުރު އަދާކޮށް މަރުހަބާ ކިޔައިފަ އެވެ. ރާއްޖެއަށް ފިޔަވަޅު އެޅުމަށް އެދި އީޔޫގައި އިދިކޮޅު ފަރާތްތަކުން ލޮބީ ކުރައްވަމުން ގެންދަވާތާ ދުވަސްތަކެއް ވެސް ވެއްޖެ އެވެ.

ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ލިބިއްޖެ ނަމަ ކުރެވޭނެ ކަންތައް "އިންތިހާއަށް" ދާނެ ކަމަށެވެ. އަދި އެއީ ޑިމޮކްރަސީގައި ގަބޫލުކުރާ ސިފަ ކަމަށް ވިދާޅުވި އެވެ. އެކަމަކު ޑިމޮކްރެސީގައި ގަބޫލުކުރާ ސިފައިގެ ތެރޭގައި ލޭންދޭނު ވިޔަފާރި ކުރުމާއި ރިޝްވަތު ދިނުމާއި ކޮރަޕްޝަނަކީ ހިމަނާ ކަމެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުގެ ސަބަބުން ހިނގާފައި ހުރި ކަންކަމުގެ ތަފްސީލު އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް ދޭން ޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"މިހާރު މި ނުކުމެވަޑައިގެން އުޅުއްވާ ބޭފުޅުން ވެސް އެބަޖެހޭ ރައްޔިތުން ކުރިމަތީގައި ވިދާޅުވާން މިހިރީ މިހިރީ މިހިރީ ތިމަންނަމެންގެ ފަރާތުން ހިނގާފައި ހުރި ކަންކަމޭ. އަދި ވިދާޅުވެ ދެއްވަން ޖެހޭ ކީއްވެގެންތޯ އެކަންކަން ހިނގާފައި ހުރީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ގައުމިއްޔަތަށް އޮތް ލޯބި އިސްކުރަން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އެ ލޯތްބަކީ ޅެން ބަހަކުން ނިންމާލެވޭނެ ކަމެއް ނޫން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެޅެމެއް ހައްދަވާފައި ހުރި މުޝީރުން ނޫނީ އެޅެން ލިޔުއްވާފައި ހުރި ޝާއިރުންގެ ޅެމުން އެބަޔަކަށް ފަސޭހަ ބައތެއް ނަގާފަ ލިޔުނީމަކާ ކަމަކު ނުދާނެ." ރައީސް ޔާމީން ވިދާޅުވި އެވެ.

comment ކޮމެންޓް