އިސްރާއީލް ސިފައިން ރަޒަން މަރާލީ ގަސްތުގައި: ތަހުގީގު

އިސްރާއީލުން ޝަހީދުކޮށްލި 21 އަހަރުގެ ރަޒަން އަލް ނަޖަރު -- ފޮޓޯ: ޓުވިޓާ

ގުދުސް (ޖުލައި 18): އިސްރާއީލް ސިފައިން، ފަލަސްތީނުގެ ނަރުހެއް ކަމަށްވާ ރަޒަން އަލް ނަޖަރު ޝަހީދުކޮށްލީ ގަސްތުގައި ކަމަށް އިސްރާއީލުގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމްއިއްޔާއެއް ކަމަށްވާ ބެތްސަލެމް އިން ބުނެފި އެވެ.

މިދިޔަ މަހުގެ އެކެއްގައި 21 އަހަރު ރަޒަން ޝަހީދުކޮށްލީ ޣައްޒާ އާއި އިސްރާއީލް ވަކިކޮށްދޭ ފެންސް ކައިރީ މުޒާހަރާ ކުރަމުން ދިޔަ މީހުންގެ ތެރެއިން ޒަހަމްވެފައިވާ މީހުންނަށް ފަރުވާ ދެމުން ދަނިކޮށެވެ.

ބެތްސަލެމް އިން އިން ކުރިއަށް ގެންދިޔަ ތަހުގީގުން ދެއްކި ގޮތުގައި އިސްރާއީލް ސިފައިން ރަޒަންގެ ގަޔަށް ބަޑި ޖެހީ ބޯޑަރާ ގާތްގަނޑަކަށް 25 މީޓަރު ދުރުގައި ހުއްޓަ އެވެ. އަދި އެހަމަލާ ދިނީ ރަޒަން މެޑިކަލް ޔުނިފޯމެއް ލައިގެން ހުއްޓާ ކަމަށާއި އޭނާގެ ފަރާތުން ސިފައިންގެ މީހާއަށް ވެސް އަދި އެހެން މީހަކަށް ވެސް އެއްވެސް ނުރައްކަލެއް ނެތީސް ކަމަށް އެޖަމްއިއްޔާ އިން ބުންޏެވެ.

ރަޒަން ޝަހީދުކޮށްލި ވަގުތު އޭނާއާ އެކު ހުރި އެހެން ޕެރެމެޑިކެއް ކަމަށްވާ ރަމީ އަބޫ ޖަޒަރު ވަނީ އެމީހުން އެދުވަހު ބޯޑަރު ކައިރިއަށް ދިޔައީ، ކަރުނަ ގޭސް ޖެހުމުގެ ސަބަބުން ހޭނެތިފައިވާ ދެމީހުންނަށް އެހީވުމަށްޓަކަ އެވެ.

ރަޒަން އަލް ނަޖަރު ގާޒާގެ ބޯޑަރު ކައިރީގައި ޒަހަމްވި މީހަކަށް ފަރުވާ ދެނީ -- ފޮޓޯ: ޓުވިޓާ

އަދި އެމީހުން ތިބީ މެޑިކަލް ވެސްޓު ލައިގެން ކަމަށާއި ފެންސާ ކައިރިއަށް ދިޔައީ އެމީހުންގެ އަތުގައި ހަތިޔާރެއް ނެތްކަން ދެއްކުމަށް ޓަކައި ދެ އަތް މައްޗަށް ހިއްލައިގެން ކަމަށް ބުންޏެވެ.

ނަމަވެސް އިސްރާއީލް ސިފައިން ކަރުނަ ގޭސް ޖަހަން ފެށުމުން އެމީހުން ފެންސާ ގާތްގަނޑަކަށް 25 މީޓަރު ދުރަށް ގޮސް، އެތަނުގައި މަޑު ކުރި އެވެ. އަދި އެވަގުތު އެމީހުން ކައިރީ މުޒާހަރާ ކުރަމުން ދިޔަ އެއްވެސް މީހަކު ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.

"ރަޒަން ހުރީ އަހަރެންގެ ކަނާތަށް އަދި [މެޑިކަލް ޓީމުގެ އެހެން މެމްބަރެއް] ރަޝާ ހުރީ ފަހަތުގައި. އަހަރެމެން ތިބީ ވާހަކަ ދައްކަން. ކުއްލިއަކަށް [އިސްރާއީލް ސިފައިން] ބަޑި ޖެހި. އަހަރެން ރަޒަންއަށް ބަލާލިއިރު އޭނާ ވެއްޓުނު މަންޒަރު ފެނުނު،" އަބޫ ޖަޒަރު ބުންޏެވެ.

އެހަމަލާގައި އަބޫ ޖަޒަރުގެ ވާތު ފަޔަށް ވަޒަނެއް އެރި އެވެ. އަދި އެމީހުންނާ އެކު ދެން ހުރި ޕެރެމެޑިކް ވެސް ޒަހަމްވި އެވެ.

ނަމަވެސް އިސްރާއީލުން ވަނީ އެގައުމުގެ ސިފައިންގެ ދިފާއުގައި ވާހަކަ ދައްކާފައި އެވެ. އަދި އެއީ ރަޒަންއަށް އަމާޒުކޮށް ގަސްތުގައި ދިން ހަމަލާއެއް ނޫން ކަމަށާއި ހަމަލާ އަމާޒު ކުރީ މުޒާހަރާ ކުރަމުން ދިޔަ މީހުންނަށް ކަމަށް ބުނެފަ އެވެ.

ރަޒަން ޝަހީދުކޮށްލުމުގެ ކުރިން ދިން އިންޓިވިއުއެއްގައި އޭނާ ވަނީ، އިސްރާއީލް ސިފައިން އޭނާއަށް ދިމާލަށް އެއް ފަހަރަށް ވުރެ ގިނައިން ބަޑި ޖަހާފައިވާ ކަމަށާއި ޒަހަމްވެފައިވާ މީހުންނަށް ފަރުވާ ނުދިނުމަށް އިންޒާރު ދިން ކަމަށް ވެސް ބުނެފަ އެވެ.

ރަޒަންގެ ޖަނާޒާގައި ފަލަސްތީނުގެ އެތައް ހާސް މީހުން ބައިވެރިވި -- ފޮޓޯ: ޓުވިޓާ

"ސިފައިން ވަނީ އަހަރެން މަރާލަން އެތައް ފަހަރަކު މަސައްކަތްކޮށްފައި. އިސްރާއީލް ސިފައިން އަހަންނަށް ހަމަލާ އަމާޒު ކުރާ ކަމުގެ މައުލޫމާތު ލިބުނު އަދި މިދާއިރާ އިން ދުރަށް ދިޔުމަށް ވެސް ބުނި. ނަމަވެސް އަހަރެން އެކަމަށް ފަރުވާލެއް ނުދެން." އޭޕްރިލް މަހު ދިން އިންޓަވިއުއެއްގައި ރަޒަން ބުންޏެވެ.

ރަޒަންގެ ޖަނާޒާގައި ފަލަސްތީނުގެ އެތައް ހާސް މީހުން ބައިވެރިވެ، ބަދަލު ހިފުމަށް ގޮވާލާފައިވެ އެވެ.

ގްރޭޓް މާޗް އޮފް ރިޓާންގެ ނަމުގައި ފަލަސްތީނުގެ ރައްޔިތުން ފެށި މުޒާހަރާތަކުގައި އިސްރާއީލް ސިފައިން ވަނީ 137 މީހަކު މަރާފައި ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ބުންޏެވެ. އަދި އެހަމަލާތަކުގައި 15،000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ވެސް އެމިނިސްޓްރީން ބުންޏެވެ.

މިދިޔަ މާޗު މަހު އެމުޒާހަރާތައް ފެށީ އިސްރާއީލް އުފެއްދުމަށް ޓަކައި އެބިމުން ބޭރުކޮށްލި ފަލަސްތީނުގެ ރައްޔިތުންނަށް، އެބިމަށް ރުޖޫއަވުމުގެ ހައްގު އޮތް ކަމަށް ބުނެ އެވެ. (އަލްޖަޒީރާ)

comment ކޮމެންޓް