ބެކްޓީރިއާއަކުން ތަޣައްޔަރުވެފައިވާ ގަނޑުކުރި ތަރުކާރީ ރާއްޖެއަށް އެތެރެވެއްޖެ

އިންސާނާގެ ހަށިގަނޑަށް ނުރައްކާތެރި ބެކްޓީރިއާއެއް ކަމަށްވާ "ލިސްޓީރިއާ މޮނޮސައިޓޮޖެންސް" އިން ތަޣައްޔަރުވެފައިވާ ގަނޑުކުރި ތަރުކާރީ ރާއްޖެއަށް އެތެރެވެފައި ވުމުން އެ ތަކެތި ރާއްޖޭގެ ބާޒާރުން ނެގުމުގެ މަސައްކަތް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން ފަށައިފި އެވެ.

އެފްޑީއޭ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ "ލިސްޓީރިއާ މޮނޮސައިޓޮޖެންސް" ބެކްޓީރިއާއިން ތަޣައްޔަރުވެފައިވާ ގަނޑު ކުރި ތަރުކާރީ ރާއްޖެގެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީ ނެޓްވޯކް އަދި ޔޫރަޕްގެ އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އިން އެ އޮތޯރިޓީއަށް ދީފައިވާ ކަމަށެވެ.

މިހާރު އެ ތަރުކާރީ ރާއްޖޭގެ ބާޒާރުން ބޭރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އޮތޯރިޓީ އިން ވަނީ ބުނެފައެވެ.

ތަޣައްޔަރުވެފައިވާ ތަރުކާރީ ހިމެނެނީ "ޑަޓް ޝައުބް" ބްރޭންޑުގެ މިކްސްޑް ވެޖިޓަބަލްސް އެ ބްރޭންޑުގެ ސްވީޓް ކޯންގަ އެވެ. މީގެ އިތުރުން ތަޣައްޔަރު ވެފައިވާ ކަމަށް ބެލެވޭ އެހެން ބްރޭންޑުތަކެއް އެފްޑީއޭ އިން ވަނީ އެލާޓް ކޮށްފަ އެވެ. އެއީ "ޓްރާންސްގޯމޭ ކުއަލިޓީ" އަދި "ޕިންގުއިން" މި ދެ ބްރޭންޑުގެ ގަނޑު ކުރި ތަރުކާރީއެވެ.

މި ބްރޭންޑުތަކުގެ ތަރުކާރީ ވިއްކަން ހުރިނަމަ އެކަން އެފްޑީއޭއަށް އެންގުމަށް އެ އޮތޯރިޓީ އިން ވަނީ އެދިފަ އެވެ.

"ލިސްޓީރިއާ މޮނޮސައިޓޮޖެންސް" އަކީ ސިކުނޑި އަދި ސްޕައިނަލް ކޯޑު ފަދަ ހަށިގަނޑުގެ މުހިންމު ގުނަވަންތަކުގައި އިންފެކްޝަން އުފައްދާ ބެކްޓީރިއާއެކެވެ. މި ބެކްޓީރިއާ އަކީ މާބަނޑު އަންހެނުންނަށާއި، އަލަށް ވިހާ ކުދިންނަށާއި، އުމުރުން ދަވަސްވީ މީހުންންގެ އިތުރުން ދިފާއީ ނިޒާމުގައި މައްސަލަ ހުންނަ މީހުންނަށް ހާއްސަކޮށް ނުރައްކާތެރި ބެކްޓީރިއާއެކެވެ.

comment ކޮމެންޓް