ރޯމާގެ އެލިސަން ބެކާ ހޯދުމަށް ލިވަޕޫލުން ރެކޯޑު އަގެއް ހުށަހަޅައިފި

ރޯމާގެ ގޯލްކީޕަރު އެލިސަން ބެކާ --- ފޮޓޯ/ ގެޓީ

އޭއެސް ރޯމާގެ ބްރެޒިލް ކީޕަރު، އެލިސަން ބެކާ ހޯދުމަށް ލިވަޕޫލުން ރެކޯޑު ހުށަހެޅުމެއް ހުށަހަޅައިފިއެވެ.

ބްރެޒިލް ގައުމީ ޓީމުގެ ގޯލް ކީޕަރު އެލިސަން ހޯދުމަށް ކުރިންވެސް ލިވަޕޫލްއިން މަސައްކަތް ކޮށްފައިވާ އިރު، މިދިޔަ ހަފްތާ ތެރޭގައި އެ ކްލަބުން ބުނެފައި ވަނީ ގޯލްކީޕަރެއް ހޯދުމުގެ މަސައްކަތް ހުއްޓާލައިފައިވާ ކަމަށެވެ.

މިދިޔަ ހަފްތާގައި ލިވަޕޫލުން އެހެން ބުނި ނަމަވެސް އެލިސަން ގަތުމަށް އެޓީމުން 66 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހެޅިކަމަށް މީޑިއާ ރިޕޯޓުތައް ބުނެފައިވެއެވެ. މީޑިއާ ރިޕޯޓުތައް ބުނެފައި ވަނީ ލިވަޕޫލްގެ ހުށަހެޅުމަށް ރޯމާ އެއްބަސްވި ނަމަވެސް އަދި ރަސްމީ އެއްވެސް ނިންމުމެއް ނުނިއްމާ ކަމަށެވެ.

ބްރެޒިލްގެ އިންޓަނޭޝިއޮނާލްއިން ކުޅުން ފެށި އެލިސަން ވަނީ މިދިޔަ ސީޒަންގައި ރޯމާއަށް 37 މެޗު ކުޅެދީފައެވެ. އޭނާ ރޯމާއާއެކު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފައިވާ އިރު، ރޯމާ ޗެމްޕިއަންސް ލީގު ސެމީ ފައިނަލުން ކެޓީ ލިވަޕޫލް އަތުން ބަލިވެގެންނެވެ.

މިހާތަނަށް އެންމެ އަގުބޮޑުކޮށް ޓީމަކަށް ގެންގޮސްފައިވާ ކީޕަރަކީ އިޓަލީގެ ޖިއާންލުއިޖީ ބުފޮންއެވެ. ޕާމާއިން ޔުވެންޓަސްއަށް ބުފޮން ގޮސްފައި ވަނީ 53 މިލިއަން ޔޫރޯގެ އަގަކަށެވެ. ލިވަޕޫލްއިން އެލިސަން ހޯދުމަށް 70 މިލިއަން ޔޫރޯއެއް ހުށަހަޅާފައިވާ އިރު، އެ އަގަކީ ކީޕަރަކަށް މިހާތަނަށް ހުށަހެޅި އެންމެ ބޮޑު އަގެވެ.

ޕްރިމިއާ ލީގުގައި އެންމެ އަގުބޮޑު ކީޕަރަކީ މެންޗެސްޓާ ސިޓީގެ ބްރެޒިލް ގޯލްކީޕަރު އެޑަސަންއެވެ. ސިޓީން އޭނާގެ ސޮއި ހޯދައިފައި ވަނީ ބެނިފީކާއަށް 40 މިލިއަން ޔޫރޯގެ އަގެއް ހުށަހެޅުމަށް ފަހުގައެވެ.

ބްރެޒިލުން ވޯލްޑް ކަޕްގައި ކުޅުނު ފަސް މެޗުގައިވެސް އެޓީމުގެ ގޯލް ބެލެހެއްޓީ އެލިސަންއެވެ. އޭނާ ވަނީ ފަސް މެޗުން ތިިން ކްލީންޝީޓް ހޯދައިފައެވެ.

މިދިޔަ ސީޒަންގައި ލިވަޕޫލްގެ ފުރަތަމަ 11ގައި އާއްމުކޮށް ހިމެނުނު ކީޕަރަކީ ލޮރިސް ކެރިއަސްއެވެ. އޭނާގެ ފަރާތުން ބައެއް ލީގު މެޗުތަކުގެ އިތުރުން ޗެމްޕިއަންސް ލީގުގެ ފައިނަލްގައިވެސް ވަނީ ބޮޑެތި ގޯސްތަކެއް ފެނިފައެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކެރިއަސްގެ ފަރާތުން ފެނުނު ގޯސްތަކަކީ އޭނާގެ ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ހެދުނު ގޯސްތަކެއް ކަމަށް މެޑިކަލް ރިޕޯޓުތަކާ ހަވާލާދީ ލިވަޕޫލުން ބުނެފައިވެއެވެ.

comment ކޮމެންޓް