މާޒިޔާވެސް ބަލިކޮށް، ޓީސީން މޮޅުވުމުގެ ރެކޯޑު ދަމަހައްޓައިފި

ދިވެހި ޕްރިމިއާ ލީގުގައި ޓީސީއާއި މާޒިޔާ ކުޅުނު މެޗުގެ ތެރެއިން: އެ މެޗު 3-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޓީސީ --- ފޮޓޯ/ އެފްއޭއެމް

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުވެސް ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ޓީސީން ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ.

މިއަދުގެ މެޗަށް ނުކުތް އިރުވެސް ޓީސީން އޮތީ މިހާތަނަށް ޕްރިމިއާ ލީގުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެފައެވެ. މިއަދުގެ މެޗުން މޮޅުވެ ލީގު ތާވަލުގެ އެއްވަނައިގައި ޓީސީ އޮތީ ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓާއެކުގައެވެ. މާޒިޔާއަށް ހަތަރު މެޗުން ލިބެނީ ހަތަރު ޕޮއިންޓެވެ.

މިއަދުގެ މެޗަށް ޓީސީން ނުކުމެފައި ވަނީ އަނިޔާގައި ހުރި އެޓީމުގެ ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) ނުލައެވެ. އޭނާގެ ބަދަލުގައި ފުރަތަމަ 11އިން ފެށީ މުހައްމަދު އަޖުފާނެވެ.

މެޗުގެ ދެވަނަ މިނެޓުގައި މާޒިޔާގެ ފުރަތަމަ ހަމަލާ ފެނިގެންދިޔައެވެ. މެދުތެރެއިން ޓީސީގެ މިޑްފީލްޑަރު އަހުމަދު ރިލުވާން (ބެން) ނައްޓާލުމަށްފަހު ނާއިޒް ހަސަން (ދާދު) ދުރުން ފޮނުވާލި ހަމަލާ ދިފާއުކޮށް ބޭރުކޮށްލީ ޓީސީގެ ނޭޕާލް ގޯލްކީޕަރު ކިރަން ކުމާރެވެ. އޭގެ ފަހުންވެސް ފުރަތަމަ ހާފްގައި ދާދުގެ ދުރު ހަމަލާއެއް ފެނިގެންދިޔައެވެ. ހާފްގެ ކުރީކޮޅުގައި ފޮނުވާލި އެ ހަމަލާ ދިޔައީ އަރިމަތިން ބޭރަށެވެ.

ދިވެހި ޕްރިމިއާ ލީގުގައި ޓީސީއާއި މާޒިޔާ ކުޅުނު މެޗުގެ ތެރެއިން: އެ މެޗު 3-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޓީސީ --- ފޮޓޯ/ އެފްއޭއެމް

އޭގެ ދެ މިނެޓްފަހުން އަނެއްކާވެސް މާޒިޔާއަށް ފުރުސަތެއް ލިބިގެންދިޔައެވެ. މިފަހަރު ކިރަން ހެދި ގޯހަކުން މާޒިޔާގެ ކޯނެލިއަސް ސްޓެވާޓަށް ލިބުނު ފުރުސަތުގައި އޭނާ ބޯޅަ ގޯލަށް ފޮނުވާލި ނަމަވެސް ބްލޮކްވީ ޑިފެންޑަރު ފައިގައި ޖެހިފައެވެ. މެޗުގެ ފުރަތަމަ ކޮޅުގައި ކުރިއަށް ޕްރެސްކޮށްގެން ކުޅެމުންދިޔަ މާޒިޔާއިން ހަމަލާއަކަށްފަހު ހަމަލާއެއް އުފެއްދިތަން ފެނިގެންދިޔައެވެ.

މެޗުގެ ފުރަތަމަ 20 މިނެޓުގައި މާޒިޔާއިން މޮޅަށް ކުޅުނު އިރު، 19 ވަނަ މިނެޓުގައި އަހުމަދު އިމާޒް (އާއްކޮ)އަށް ލިބުނު ރަނުގެ ފުރުސަތެއް އޭނާ ވަނީ ނަގާލައިފައެވެ.

މާޒިޔާއަށް ލިބުނު ގިނަ ހަމަލާތަކެއްގެ ބޭނުން ނުހިފި ދިއުމުން ހާފްގެ ފަހު ކޮޅުގައި ޓީސީން ފުރުސަތުތައް ފަހިކުރަން ފެށިއެވެ. އެގޮތުން މުހައްމަދު އައްޒާމަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ މަތިން ދިޔަ ނަމަވެސް، މެޗުގެ 27 ވަނަ މިނެޓުގައި ޓީސީން ލީޑެ ނެގިއެވެ. ޑިފެންޑަރު ނައްޓާލުމަށްފަހު އޭރިއާ ތެރެއަށްވަދެ އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) ތިރިތިރިން ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ގޯލްގެ ކަނަށެވެ.

ފޭދޫ އިއްބެގެ ގޯލަށްފަހުން ޓީސީން އިތުބާރާއެކު ކުޅެމުން ދިޔަކަން ފާހަގަކޮށްލެވުނެވެ. އެގޮތުން ހާފް ނިމުމުގެ ކުރިން އެޓީމުން ވަނީ އިތުރު ގޯލެއްވެސް ޖަހައިފައެވެ. އާދަމް އިޝާން (ސައްޓު)ގެ ބާރު ހަމަލާ މާޒިޔާގެ ޒުވާން ކީޕަރު ހުސައިން ޝަރީފް މަތަކޮށް ބޭރުކޮށްލި އިރު، ޓީސީން ދެވަނަ ގޯލް ޖެހީ އެ ފުރުސަތުން ލިބުނު ކޯނަރުގައެވެ. އަލީ އަޝްފާގު (ދަގަނޑޭ) ނަގައިދިން ކޯނަރު، މާޒިޔާ އޭރިއާ ތެރެއިން ޓީސީގެ ޑިފެންޑަރު އަލާ ނަސްރު ބޮލުން ޖެއްސި އިރު، ކީޕަރު ކުރިމަތީގައި ހުރެ މަޑުމަޑުން ބޯޅައިގައި ފައި ޖައްސާލައިގެން ގޯލް ތެރެއަށް ވައްދާލީ ފޭދޫ އިއްބެއެވެ.

ދިވެހި ޕްރިމިއާ ލީގުގައި ޓީސީއާއި މާޒިޔާ ކުޅުނު މެޗުގެ ތެރެއިން: އެ މެޗު 3-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޓީސީ --- ފޮޓޯ/ އެފްއޭއެމް

ފުރަތަމަ ހާފް ނިމެންދަނިކޮށް ކޯނެލިއަސްއަށް ލިބުނު ފުރުސަތުގައި އޭނާ ބާރު ބޯޅައެއް ފޮނުވާލި ނަމަވެސް ޓީސީގެ ކީޕަރު ކިރަންގެ މޮޅު ސޭވްއަކާއެކު އެޓީމުން ވަނީ 2-0ގެ ލީޑު ހިފަހައްޓައިފައެވެ.

ދެވަނަ ހާފް ވަރުގަދަކޮށް ފެށީ ޓީސީންނެވެ. ދެވަނަ އެގޮތުން ހާފްގެ ކުރީކޮޅުގައި ދަގަނޑޭގެ ދެ ހަމަލާއެއް ފެނިގެންދިޔަ އިރު، ފުރަތަމަ ހަމަލާގައި ކީޕަރުވެސް ނައްޓާލުމަށްފަހު އޭނާ ފޮނުވާލި ހަމަލާ ބްލޮކް ކުރީ ޑިފެންޑަރެވެ. އޭގެ ކުޑަ އިރުކޮޅެއްފަހުން އޭނާ ފޮނުވާލި ބާރު ހަމަލާ، މާޒިޔާ ޑިފެންޑަރު ފައިގައި ޖެހި މިސްރާބު ބަދަލުވެގެން ގޯލަށް ނުވަނީވެސް ކިރިޔާއެވެ.

ޓީސީން މެޗުގެ 66 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކުރިއެވެ. ފޭދޫ އިއްބެ މާޒިޔާގެ އޭރިއާ ތެރެއަށް ތިރިތިރިން ހުރަސްކޮށްދިން ބޯޅަ، ގޯލްގެ ކައިރީގައި ހުހަށް އޮވެ ފަސޭހަކަމާއެކު ގޯލަށް ވައްދާލީ އިބްރާހީމް ވަހީދު (އިއްބެ)އެވެ.

ތިންވަނަ ގޯލަށްފަހު ޓީސީން މެޗު ޑޮމިނޭޓް ކުރިއެވެ. ހާއްސަކޮށް މެޗުގެ 76 ވަނަ މިނެޓުގައި މާޒިޔާގެ ޔަސްފާދު ހަބީބު (މުލަކޭ)އަށް ދެއްކި ރަތް ކާޑާއެކު ޓީސީއަށް ކުޅެން ފަސޭހަވެގެން ދިޔައެވެ.

ދިވެހި ޕްރިމިއާ ލީގުގައި ޓީސީއާއި މާޒިޔާ ކުޅުނު މެޗުގެ ތެރެއިން: އެ މެޗު 3-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޓީސީ --- ފޮޓޯ/ އެފްއޭއެމް

ދެވަނަ ހާފްގައި ފޭދޫ އިއްބެއަށް ހެޓްރިކް ފުރިހަމަ ކުރުމަށް ފަހި ފުރުސަތެއް ލިބުނު އިރު، އޭނާ ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލްގެ މަތީ ކަނާ ދިމާއިން ބޭރަށެވެ. މެޗުގެ ފަހުކޮޅުގައި ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ދިޔަ މާޒިޔާއަށް ޓީސީގެ ގޯލަށް މާ ބޮޑު ނުރައްކަލެއް ކުރެވިފައެއް ނުވެއެވެ. ޓީސީންވެސް އިތުރު ގޯލެއް ޖަހަން މަސައްކަތް ކުރި ނަމަވެސް، ބޮޑަށް ބެލީ ކޮޅަށް ގޯލެއް ނުވައްދާ މެޗު ނިންމާލުމަށެވެ.

ދިވެހި ޕްރިމިއާ ލީގުގެ މެޗެއް މިރޭވެސް އޮންނާނެއެވެ. މިރޭ 9:00ގައި ގައުމީ ފުޓުބޯޅަ ދަނޑުގައި އޮންނަ މެޗުގައި ވާދަކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ށ. ފޯކައިދުއެވެ.

comment ކޮމެންޓް