"ބައްތީ ގުލް މީޓަރު ޗާލޫ" ރިލީޒް ކުރާ ތާރީޚު ބަދަލުކޮށްފި

ޝާހިދު ކަޕޫރު އަދި ޝްރައްދާ ކަޕޫރުގެ ފިލްމު "ބައްތީ ގުލް މީޓަރު ޗާލޫ" ރިލީޒް ކުރާ ތާރީޚު ފަސްކޮށްފިއެވެ.

ކުރިން ފިލްމު ރިލީޒް ކުރަން ނިންމައިފައި އޮތީ އަންނަ އޯގަސްޓު މަހުގެ 31 ވަނަ ދުވަހު އެވެ. ނަމަވެސް މައްސަލަތަކެއް ދިމާވެ، ޝޫޓިން ލަސްވުމުގެ ސަބަބުން އެ ތާރީޚުގައި ފިލްމު ރިލީޒް ނުކުރެވޭނެ ކަމަށް އޮތީ ބެލެވިފައެވެ.

އެހެންކަމުން ސެޕްޓެމްބަރު 14ގައި ފިލްމު ރިލީޒް ކުރުމަށް މިހާރު ވަނީ ނިންމައިފައެވެ.

ފެބުރުއަރީ މަހު ޝޫޓިން ފެށި އެ ފިލްމުގެ ޝޫޓިން މުޅިން ނިންމާލެވިފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށް ޚަބަރުތައް ބުނެ އެވެ.

ފިލްމުގެ މަންޒަރުތައް ޝޫޓު ކޮށްފައި ވަނީ މުމްބާއީ، ތެހްރީ އަދި އުއްތަރަކަންޑްގައެވެ. "ބައްތީ ގުލް މީޓަރު ޗާލޫ" އަކީ އިންޑިއާގައި ބޮޑުވެފައިވާ ކަރަންޓުގެ މައްސަލައަށް އަލިއަޅުވާލައި އުފައްދާ ފިލްމެކެވެ.

ޓީސީރީޒް އަދި ކޭއާރްއައިއާރްޖޭ ގުޅިގެން ޕްރޮޑިއުސްކުރާ އެ ފިލްމު ޑައިރެކްޓު ކޮށްފައި ވަނީ މިދިޔަ އަހަރުގެ ކާމިޔާބު ފިލްމު "ޓޮއިލެޓް: އެކް ޕްރޭމް ކަތާ" ގެ ޑައިރެކްޓަރު ޝްރީ ނާރާޔަން ސިންގްއެވެ. ޝާހިދާއި ޝްރައްދާގެ އިތުރުން ފިލްމުގެ މުހިންމު ރޯލަކުން ބަތަލާ ޔާމީ ގޯތަމް ވެސް ފެނިގެންދާނެއެވެ.

comment ކޮމެންޓް