އަހަންނަށް ހުށަހެޅުން ލިބުނީ ޔުވެންޓަސްއިން އެކަނި: ރޮނާލްޑޯ

ޖުވެންޓަސްއާ ގުޅުމަށްފަހު ރޮނާލްޑޯ މިއަދު މެޑިލްގައި --- ފޮޓޯ/ އޭޕީ

ކްރިސްޓިއާނޯ ރޮނާލްޑޯއަށް ހުށަހެޅުން އައީ ހަމައެކަނި ޔުވެންޓަސްއިން ކަމަށް އޭނާ ބުނެފި އެވެ.

އުމުރުން 33 އަހަރުގެ ރޮނާލްޑޯ، ނުވަ އަހަރަށް ފަހު ރެއާލް މެޑްރިޑް ދޫކޮށްލީ 99.2 މިލިއަން ޕައުންޑުގެ އަގަކަށް ޔުވެންޓަސްއާ ގުޅުމަށެވެ.

ޔުވެންޓަސްއާ ގުޅުނުކަން މީގެ ދުވަސްކޮޅެއް ކުރިން އޭނާ އިއުލާން ކުރި ނަމަވެސް ޓްރާންސްފާގެ ހުރިހާ ކަމެއް ނިންމާފައި ވަނީ މިއަދު އެވެ. އޭނާ ޔުވެންޓަސްގެ މެޑިކަލް ފުރިހަމަ ކުރީ ވެސް މިއަދުގެ ވަގުތެއްގަ އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ އޭނާ މިހާރު ހުރި އުމުރުގައި ގިނަ ކުޅުންތެރިން ދާނީ ގަތަރު ނޫނީ ޗައިނާއަށް ކަމަށާއި ޔުވެންޓަސްއަށް ބަދަލުވުމަކީ ލިބުނު އުފަލެއް ކަމަށެވެ.

"ކެރިއަރުގެ މިހާރު ހިސާބުގައި ޔުވެންޓަސްއަށް ދެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް. އަހަރެން ބޭނުން ވަނީ މޮޅުވާން. ފަހަރެއްގައި އަހަންނަށް ޔުވެންޓަސްއާ އެކު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ލިބިދާނެ. އެކަމަކު އެކަމަށް ޓާގެޓް ކޮށްގެން ނޫން ކުޅޭނީ. އެއީ ޓީމުގެ ކުޅުމުން އަންނަ ކަމެއް،" ރޮނާލްޑޯ ބުންޏެވެ.

ޔުވެންޓަސްއާ ގުޅުމަށް ފަހު ރޮނާލްޑޯ ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ވާހަކަ ދައްކާފައިވާ އިރު، އޭނާ ބުނީ ޔުވެންޓަސްއާ ގުޅުމަށް ނިންމި ނިންމުމުގައި ގިނަ ސަބަބުތަކެއްވާ ކަމަށެވެ.

"މެންޓަލީ ވެސް، ފިޒިކަލީ ވެސް އަހަރެން މިހުރީ ވަރަށް ފިޓްކޮށް. އެހެންވި ފަހުރުވެރިވޭ ޔުވެންޓަސްއަށް ސޮއިކުރެވުނީތީ. އަހަރެން ބޭނުން ވަނީ އަހަންނަކީ ތަފާތު ކުޅުންތެރިއެއްކަން ދައްކަން. އަހަރެންގެ އުމުުރުން މިހާރު 23 އެއް ނޫން. އުމުރުން މިހާރު 33. އެހެންނަމަވެސް އަހަންނަށް ޔުވެންޓަސްއާ އެކު ކުރިއަށް ދިއުން މުހިއްމު،" ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ބުނެފައި ވަނީ އޭނާ ޔުވެންޓަސްއާ ގުޅުނީ ތާރީހީ ކާމިޔާބީތަކެއް ހޯދުމަށް ކަމަށާއި އޭނާގެ ކެރިއަރުގައި އަދި ވެސް ހޯދޭނެ ކާމިޔާބީތައް އެބަހުރި ކަމަށެވެ.

ރޮނާލްޑޯ 2009 ވަނަ އަހަރު ރެއާލްއާ ގުޅުނީ މެންޗެސްޓާ ޔުނައިޓެޑުންނެވެ. އޭނާ ވަނީ ރެއާލްގައި ހޭދަކުރި ނުވަ އަހަރުގައި ކްލަބުގެ ރެކޯޑު 450 ގޯލް ޖަހައިފަ އެވެ. ރެއާލްއާ އެކު ދެ ފަހަރަށް ލީގު އުފުލާލި ރޮނާލްޑޯ ވަނީ ހަތަރު ފަހަރަށް ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްފަ އެވެ.

comment ކޮމެންޓް