ހަލަބުގައި ހުންނަ ސީރިއާ އަސްކަރިއްޔާގެ މަރުކަޒަކަށް އިސްރާއީލުން ހަމަލާދީފި

ސީރިއާގެ ސަރުކާރުން ވަނީ އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައި އޮތް ގިނަ ސަރަހައްދުތަކެއްގެ ކޮންޓްރޯލް އަތުލާފައި -- ފޮޓޯ: އޭއެފްޕީ

ގުދުސް (ޖުލައި 16): ސީރިއާގެ ހަލަބުގައި ހުންނަ، އެގައުމުގެ އަސްކަރިއްޔާއަށް ނިސްބަތްވާ މަރުކަޒަކަށް އިސްރާއީލުން މިސައިލް ހަމަލާދީފި ކަމަށް ސީރިއާގެ ދައުލަތުގެ މީޑިއާއިން ބުނެފިއެވެ.

ސީރިއާ އަސްކަރިއްޔާގެ އޮފިޝަލަކާ ހަވާލާދީ ސަނާ ނޫހުން ބުނި ގޮތުގައި އިސްރާއީލްގެ ހަމަލާތައް އަމާޒު ކުރީ އަލް ނައިރަބް އެއާޕޯޓު ކައިރީ ހުންނަ މަރުކަޒަކަށެވެ. އަދި އެހަމަލާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވެއެވެ.

ނަމަވެސް ސީރިއާގެ ހަނގުރާމަ މޮނިޓާ ކުރާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން ބުނި ގޮތުގައި ރޭ ދިން ހަމަލާތަކުގައި އެގައުމުގެ ސަރުކާރަށް ތާއިދު ކުރާ ނުވަ ހަނގުރާމަވެރިން މަރުވި އެވެ. އަދި އެމަރުކަޒަކީ ސީރިއާ ސަރުކާރާ އެކު ހަނގުރާމަ ކުރަމުންދާ އީރާނުގެ ފައުޖުތަކުން ބޭނުން ކުރަމުން ދިޔަ މަރުކަޒެކެވެ.

މީގެ ކުރިންވެސް އިސްރާއީލުން ވަނީ އީރާނުގެ ސިފައިން ހަރަކާތްތެރިވާ ކަމަށް ބެލެވޭ ގިނަ ސަރަހައްދުތަކަށް ހަމަލާ ދީފައެވެ.

އިސްރާއީލުން އެހަމަލާތައް ދިނީ ސީރިއާގެ ފައުޖުތަކުން ދަރާ ޕްރޮވިންސުގެ ބޮޑުބައެއް ހިފި ފަހުންނެވެ. ދެހާސްއެގާރަ ވަނަ އަހަރު ސީރިއާ ހަނގުރާމަ ފެށުމަށް މަގުފަހިވި މުޒާހަރާތައް ބޭއްވި ދަރާގެ 84 ޕަސެންޓު މިހާރު ކޮންޓްރޯލުކުރަނީ އެގައުމުގެ ސަރުކާރުންނެވެ. (އަލްޖަޒީރާ)

comment ކޮމެންޓް