ފީފާ ވޯލްޑް ކަޕް 2018ގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމަށް ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް ހޮވިއްޖެއެވެ.
މިރޭގެ ފައިނަލްގައި ކްރޮއޭޝިއާއިން ފްރާންސާ ވާދަކޮށް 4-2ގެ ނަތީޖާއަކުން ބަލިވެފައިވާ އިރު، މެޗަށްފަހު މޮޑްރިޗަށް ވަނީ ރަން ބޯޅަ ދީފައެވެ.
ވޯލްޑް ކަޕްގެ ދެވަނައަށް އެންމެ މޮޅު ކުޅުންތެރިއަކަށް ބެލްޖިއަމްގެ އެޑެން ހަޒާޑް ހޮވުނު އިރު، އޭނާއަށް ލިބޭނީ ރިހި ބޯޅައެވެ. ތިންވަނަ ކުޅުންތެރިއަކަށް ހޮވުނީ ފްރާންސްގެ އެންޓޮއިން ގްރީޒްމަންއެވެ. އޭނާއަށް ވޯލްޑް ކަޕްގެ ލޯ ބޯޅަ ލިބޭނެއެވެ.
މޮޑްރިޗް ވަނީ ވޯލްޑް ކަޕްގައި ކްރޮއޭޝިއާއިން ކުޅުނު ހުރިހާ މެޗެއްގައިވެސް ތަފާތު މޮޅު ކުޅުމެއް ދައްކައިފައެވެ. އެގޮތުން ވޯލްޑް ކަޕްގެ ފައިނަލްގެ ކުރިން ކްރޮއޭޝިއާއިން ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމުވެސް ހޯދީ އޭނައެވެ.
ކްރޮއޭޝިއާގެ ޓީމު ވޯލްޑް ކަޕްގައި ލީޑު ކުރުމުގައިވެސް މުހިއްމު ރޯލެއް އަދާކުރި މޮޑްރިޗް ވަނީ ގްރޫޕް ސްޓޭޖުގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ވަކިން ހާއްސަކޮށް ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދައްކައިފައެވެ. އެ މެޗުގައި މޮޑްރިޗްގެ ފަރާތުން ހިތްގައިމު ގޯލެއްވެސް ފެނިފައިވާ އިރު، 2014 ވަނަ އަހަރު ވޯލްޑް ކަޕްގެ ރަން ބޯޅަ ހޯދީ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއެވެ.