ސިނަމާލެ ބްރިޖުމަތިން ދަތުރުކުރާ ބަސްތަކަށް ޚާއްސަ ވަގުތީ ޓާމިނަލެއް އަޅަނީ

ސިނަމާލެ ބްރިޖު--- ސަން ފޮޓޯ: ފަޔާޒު މޫސާ

ސިނަމާލެ ބްރިޖުމަތިން ދަތުރުކުރާ ބަސްތަކަށް ޚާއްސަ ވަގުތީ ޓާމިނަލެއް އެޅުމުގެ މަސައްކަތް އެމްޕީއެލްއިން ފަށައިފިއެވެ.

ބްރިޖު މަތިން ދަތުރުކުރާ ބަހުގެ ޚިދުމަތް ދޭނީ އެމްޕީއެލްއިންނެވެ. އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ ވަގުތީ ޓާމިނަލް އަޅަނީ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުގައި ކަމަށެވެ.

"އޮގަސްޓް 10 ގެ ނިޔަލަށް ނިންމާލެވޭތޯ މި ބަލަނީ،" އޮފިޝަލު ވިދާޅުވިއެވެ.

ސިނަމާލެ ބްރިޖު އަންނަ މަހުގެ ތެރޭގައި ހުޅުވުމަށް މަސައްކަތް ކުރާއިރު ބްރިޖު މަތިން ދަތުރުކުރާ ބަސްތަކުގެ ފުރަތަމަ ޝިޕްމަންޓު މި މަހުގެ ތެރޭގައި އަންނާނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ. ފުރަތަމަ ޝިޕްމެންޓުގައި ނުވަ ބަސް ގެންނާނެއެވެ. އެއީ ހަތް ސިޓީ ބަހާއި ދެ ކައުޗް ބަހެވެ. މިޚިދުމަތް ދިނުމަށް ޖުމްލަ 22 ބަސް ގެންނަން ވަނީ ނިންމައިފައެވެ.

ބްރިޖު ހުރަސްކޮށް ބަހުގައި ދަތުރުކުރާ މީހުންނަށް ޚާއްސަކޮށްގެން ހުޅުމާލޭގައި ބަސް ޓާމިނަލް އަޅާނީ މީގެ ކުރިން ހުޅުމާލޭގައި ކުނިކޮށި ހުރި ސަރަހައްދުގައެވެ.

https://sun.mv/107532

އެކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުރައްޒާގު ހަލީމް މީގެ ކުރިން "ސަން"އަށް ވިދާޅުވީ ބަސް ދަތުރުތަކުގައި ކަރުދާހު ޓިކެޓުގެ ބަދަލުގައި ބޭނުންކުރާނީ "ޓަޗް އެންޑް ގޯ" ޓެކްނޮލަޖީ ކަމަށެވެ. ބަސް ދަތުރުތަކަށް އެމްޕީއެލްއިން 100 މިލިއަން ރުފިޔާ އިންވެސްޓުކުރާނެ ކަމަށް ހަލީމް މީގެ ކުރިން ވިދާޅުވިއެވެ.

ބަސް ދަތުރުތަކަށް ޗާޖު ކުރާނެ އަދަދު އަދި ކަނޑަ ނާޅާ ކަމަށާއި އެކަމާމެދު ސަރުކާރާ މަޝްވަރާކުރަމުންދާކަމަށް އެމްޕީއެލް އިން ބުނެއެވެ.

މާލޭގައި ހަދާ ދާއިމީ ބަސް ޓާމިނަލް އެޅުމަށް ހަމަޖެހިފައިވަނީ ތައިސޭ ކޮށި ކައިރީގައެވެ. ދާއިމީ ޓާމިނަލްގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް އެމްޕީއެލް އިން ބުނެއެވެ.

comment ކޮމެންޓް