މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ)ގެ ފަރާތުން ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް އަމާޒުކޮށްގެން ބޭއްވި މިނީ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ޕޯޗުގަލް ހޯދައިފިއެވެ.
މުބާރާތުގައި އެމްއީސީސީގައި ރެޖިސްޓްރީ ކޮށްފައިވާ 12 ޓީމުން ވާދަކުރި އިރު، މުބާރާތުގެ ޓީމުތައް ސީޑު ކޮށްފައި ވަނީ ކޮންމެ ޓީމަކުން ވެސް އެއް ކުޅުންތެރިއަކަށް ބަލައިގެންނެވެ. ރަޝިއާގެ ވޯލްޑް ކަޕްގެ ގަދަ 16އަށް ދިޔަ ޓީމުތަކުގެ ތެރެއިން ގުރުއަތުން ހޮވުނު 12 ޓީމަކަށް މުބާރާތުގެ ޓީމުތައް ބަހާލެވިފައިވާ އިރު، ހުރިހާ މެޗެއްވެސް ކުރިއަށްދިޔައީ ސޯސަންވިލާގައެވެ.
ސޯސަންވިލާގައި ސަރުކާރުން އަޅައިދީފައިވާ ޓާފް ދަނޑުގައި ޖުލައި މަހުގެ އަށަކުން 12 އަށް މުބާރާތް ކުރިއަށް ގެންގޮސްފައިވާ އިރު، ފައިނަލްގައި ކުޅެފައި ވަނީ ރަޝިއާއާއި ޕޯޗުގަލްއެވެ.
އެ މެޗު 4-2ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޕޯޗުގަލްއެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް ވޯލްޑް ކަޕް ތަށްޓެއްގެ ނަކަލެއް ދިނުމުގެ އިތުރުން 50،000 ސްރީލަންކަން ރުޕީސް ދީފައިވެއެވެ. ދެވަނައަށް ދިޔަ ރަޝިއާއަށްވެސް ވަނީ 30،000 ސްރީލަންކަން ރުޕީސްގެ ފައިސާގެ އިނާމެއް ދީފައެވެ. ތިންވަނަ ޓީމަށް ދީފައި ވަނީ 20،000 ރުޕީސްގެ ފައިސާގެ އިނާމެވެ.
މުބާރާތުގެ ތިންވަނަ ފްރާންސަށް ލިބުނު އިރު، ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވީ ސަރުކާރުން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު)އެވެ.
މުބާރާތުގެ ރަނަރަޕް މަގާމަށް އެމްބަސީގެ މިނިސްޓަރު ކައުންސެލާ މުހައްމަދު ނިމާލް އިނާމު ހަވާލުކޮށްދެއްވާފައިވާ އިރު، ތިންވަނައަށް ދިޔަ ފްރާންސަށް އިނާމު ދެއްވީ އެމްބަސީގެ މިނިސްޓަރު ކައުންސެލާ ޝިފާގު މުފީދު (ހިސްޓޯ)އެވެ.
ރައީސް ޔާމީން އަބްދުލްޤައްޔޫމް ޒުވާނުންނަށް ފަހިކޮށްދެއްވާ ފުރުސަތުތަކުގެ ދަށުން ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ހާއްސަކޮށް ގިނަ ކަންތައްތަކެއް ރާވާ ހިންގަމުން ދެއެވެ. އެގޮތުން ވޯލްޑް ކަޕާ ގުޅުވައިގެންވެސް އަންނަނީ ތަފާތު ހަރަކާތްތަކެއް ހިންގަމުންނެވެ.
ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށްވެސް އެޗްޑީކޮށް 20 ފޫޓު 16 ފޫޓުގެ ބޮޑު ސްރީނެއްގައި ވޯލްޑް ކަޕް ބެލުމުގެ އިންތިޒާމްވެސް ސޯސަންވިލާގައި ސަރުކާރުން ވަނީ ހަމަޖައްސައިފިއެވެ.