އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ކުޑަ ދެ ކުއްޖަކު މަރާލައިފި

އިއްޔެ އިސްރާއީލުން ދިން ހަމަލާގައި މަރުވި ޣައްޒާގެ 15 އަހަރުގެ ކުއްޖާގެ އާއިލާގެ މެމްބަރެއް -- ފޮޓޯ: އަލްޖަޒީރާ

ގުދުސް (ޖުލައި 15): އިސްރާއީލުން ޣައްޒާއަށް އިއްޔެ ދިން ވައިގެ ހަމަލާތަކުގެ ސަބަބުން ދެ ކުޑަކުއްޖަކު މަރުވެއްޖެ ކަމަށް ފަލަސްތީނުގެ ހެލްތު އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އިއްޔެގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ ޣައްޒާގެ ހުޅަނގުގައި އޮންނަ އަލް ޚުތައިބާއަށެވެ. އަދި އެހަމަލާ ދީފައި ވަނީ ގިނަ އަދަދެއްގެ މީހުން އެއްވެ އުޅޭ ޕާކެއް ކައިރިއަށެވެ.

އިސްރާއީލް އަސްކަރިއްޔާ އިން ވަނީ އިއްޔެގެ ހަމަލާ އަމާޒު ކުރީ ހައި ރައިޒް ބިލްޑިންގަކަށް ކަމަށާއި އެހަމަލާ ދިނުމުގެ ކުރިން އެތަނުން ދުރަށް ދިޔުމަށް އާއްމުންނަށް އިންޒާރު ދިން ކަމަށް ބުނެފަ އެވެ. އަދި އެއީ ހަމާސްގެ ޓްރެއިނިން ފެސިލިޓީއެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ އަލްޖަޒީރާގައިވާ ގޮތުން އެހަމަލާތަކުގެ ސަބަބުން 15 އަހަރުގެ ކުއްޖަކާއި 16 އަހަރުގެ ކުއްޖަކު މަރުވީ އެއިމަރާތުގެ ފުރާޅުމަތީގައި ކުޅެން ތިއްބަ އެވެ.

މީގެ އިތުރުން އެ ހަމަލާތަކުގައި 12 މީހަކަށް އަނިޔާވި ކަމަށާއި އޭގެ ތެރޭގައި ގިނައީ އާއްމުން ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުންޏެވެ.

އިސްރާއީލްގެ ބޮޑުވަޒީރު ވީޑިއޯ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ވަނީ ހަމާސްއަށް އަމާޒުކޮށް އެހަމަލާތައް ދިނީ އެޖަމާއަތުން އިސްރާއީލަށް ދިން ރޮކެޓު ހަމަލާތަކާ ގުޅިގެން ކަމަށެވެ. އަދި އިއްޔެގެ ހަމަލާތަކަކީ 2014 ވަނަ އަހަރުގެ ޣައްޒާ ހަނގުރާމައަށް ފަހު އިސްރާއީލުން އެސަރަހައްދަށް ދިން އެންމެ ވަރުގަދަ ހަމަލާތައް ކަމަށް ވިދާޅުވެފަ އެވެ.

"އިއްޔެ ހަމާސްއަށް ދިން ހަމަލާތަކަކީ އޮޕަރޭޝަން ޕްރޮޓެކްޓިވް އެޖް ނިމުމަކަށް އައި ފަހުން އައިޑީއެފް އެޖަމާއަތަށް ދިން އެންމެ ވަރުގަދަ ހަމަލާތައް. އަދި އެހަމަލާތައް އަދިވެސް ވަރުގަދަ ކުރަން ޖެހޭ ނަމަ އެކަން ވެސް ކުރާނެ،" 2014 ވަނަ އަހަރުގެ ޣައްޒާ ހަނގުރާމައާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވި އެވެ.

ނަމަވެސް ފަލަސްތީނުގެ އޮފިޝަލުން ވަނީ އިއްޔެގެ ހަމަލާތަކަށް ފަހު ދެފަރާތުން ހަމަލާ ބަދަލު ކުރުން މެދުކަނޑާލުމަށް އެއްބަސްވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ޣައްޒާއާއި އިސްރާއީލް ގުޅޭ ބޯޑަރު ކައިރީ ގްރޭޓް މާޗް އޮފް ރިޓާންގެ ނަމުގައި ފަލަސްތީނުގެ ރައްޔިތުން އަދި ވެސް ދަނީ މުޒާހަރާ ކުރަމުންނެވެ. މިދިޔަ މާޗު މަހު އެމުޒާހަރާތައް ފެށީ އިސްރާއީލް އުފެއްދުމަށް ޓަކައި އެބިމުން ބޭރުކޮށްލި ފަލަސްތީނުގެ ރައްޔިތުންނަށް، އެބިމަށް ރުޖޫއަވުމުގެ ހައްގު އޮތް ކަމަށް ބުނެ އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އެ މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 138އަށް އަރައިފަ އެވެ. އަދި ޒަހަމްވި މީހުންގެ އަދަދު ވަނީ 160،000އަށް ވުރެ އިތުރުވެފަ އެވެ. (އަލްޖަޒީރާ)

comment ކޮމެންޓް