ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީން އިންތިޒާމްކޮށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ އިސްލާމީ ހޭލުންތެރިކަމާ ބެހޭ ބައިނަލްއަގުވާމީ މަހާސިންތާ މިއަދު ފަށައިފި އެވެ.
މިއަދު ހެނދުނު އިސްލާމިކް ޔުނިވާސިޓީގެ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި މަހާސިންތާ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ރައީސް އަބްދުﷲ ޖިހާދެވެ.

މިއަދު ފެށި އިސްލާމީ ހޭލުންތެރިކަމާބެހޭ ބައިނަލްއަގުވާމީ މަހާސިންތާގައި ނާއިބު ރައީސް ޖިހާދު ވާހަކަ ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް
މާދަމާގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މިހާސިންތާގެ މައުލޫއަކީ "ސުލްހައާއި ހަމަޖެހުމާއި ތަހައްމަލު ކުރުން، ދެކުނު އޭޝިއާގައި ގާއިމުކުރުގައި އިސްލާމީ ފިކުރާއި ސަގާފަތާއި ހަޟާރަރުގެ ދައުރު" އެވެެ.
އިސްލާމިކް ޔުނިވާސިޓީން ބުނީ އެ މަހާސިންތާގައި 12 ގައުމަކުން އިލްމީ ބޭފުޅުން ބައިވެރިވާ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގެ އިލްމީ ބޭފުޅުން ވެސް ހިމެނެ އެވެ. ކޮންފަރެމްސްގައި ބައިވެރިވި ބައެއް ގައުމުތަކުގެ ތެރޭގައި ޕާކިސްތާން، މެލޭޝިއާ، އިންޑޮނީޝިއާ، އިންޑިއާ، ލަންކާ، އިނގިރޭސިވިލާތް، ބަނގުލަދޭޝް، ފަލަސްތީން، މޮރީޝަސް، ނައިޖީރިއާ އަދި ބޮސްނިއާ ފަދަ ގައުމުތައް ހިމެނެ އެވެ.

މިއަދު ފެށި އިސްލާމީ ހޭލުންތެރިކަމާބެހޭ ބައިނަލްއަގުވާމީ މަހާސިންތާގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް
އިސްލާމިކް ޔުނިވާސިޓީން ބުނީ އެ މަހާސިންތާގައި ޖުމްލަ 43 ކަރުދާހެއް ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 37 ކަރުދާހަކީ ބޭރުގައުމުތަކުން މަހާސިންތާގައި ބައިވެރިވާ ބޭފުޅުން ހުށަހަޅާ ކަރުދާސް ކަމަށް ވެސް އިސްލާމިކް ޔުނިވަސިޓީ އިން ބުންޏެވެ.
ކަރުދާސް ހުށަހެޅުމަށް އިސްލާމީ އެކިގައުމުތަކަށް ހުޅުވާލައިގެން ލިބުނު ކަރުދާސްތަކުގެ ތެރެއިން އެ ކޮންފަރެންސްއަށް ފުރުސަތުދޭނެ ކަރުދާސްތައް ހޮވުމުގައި މަސައްކަތްކުރައްވާފައި ވަނީ ޕާކިސްތާނުގެ ރިގާ ޔުނިވާސިޓީއިންނެވެ.