ސިންގަޕޫރާ ރާއްޖެއާ ދެމެދު ކުރާ ވިޔަފާރިން ޑަބަލް ޓެކްސޭޝަން ހުއްޓާލުމަށް މަޝްވަރާކުރަނީ

ރާއްޖެއާ ސިންގަޕޫރުގެ ޓެކްސް އޮތޯރިޓީތަކުން ޑަބަލް ޓެކްސޭޝަން އެވޮއިޑަންސާ ބެހޭގޮތުން ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ބައިވެރިން -- ފޮޓޯ/ މީރާ

ސިންގަޕޫރާއި ރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރި މުއާމަލާތްތަކުގެ އާމްދަނީއިން ދެ ފަހަރަށް ޓެކްސް ނެގޭ ހާލަތްތައް ހުއްޓުވުމާ ބެހޭ މަޝްވަރާތައް ފަށައިފިއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ބުނި ގޮތުގައި ސިންގަޕުރާއި ރާއްޖެއާ ދެމެދު ޑަބަލް ޓެކްސޭޝަން އެވޮއިޑަންސް އެގްރިމެންޓެއް އެކުލަވާލެވޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.

އެ މަސައްކަތުގެ ދަށުން ދެ ގައުމުގެ ދެމެދުގައި ބޭއްވި މަޝްވަރާގެ ފުރަތަމަ ބުރު ކުރިއަށް ދިޔައީ މިދިޔަ ހޯމަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށެވެ. މަޝްވަރާތަކުގައި ދެ ގައުމުން އިސް ވެރިންގެ ގޮތުގައި ބައިވެރިވެވަޑައިގަތީ މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރާއި ސިންގަޕޫރުގެ އިންލެންޑް ރެވެނިއު އޮތޯރިޓީގެ ޑެޕިއުޓީ ކޮމިޝަނަރ ޗިއާ ޓާން ހުއޭ މިންއެވެ.

މީރާއިން ބުނި ގޮތުގައި މި އެއްބަސްވުން އެކުލަވާލެވުމުން ދެގައުމުގެ ދެމެދުގައި ހިނގާ ވިޔަފާރިތަކުގައި ކުރެވޭ މުއާމަލާތްތަކުން އެއް އާމްދަނީއަކުން ދެ ފަހަރަށް ޓެކްސްކުރުން ހުއްޓާލެވޭނެއެވެ.

މީގެ އިތުރުން ދެ ގައުމުގެ މެދުގައި ޓެކްސްއާ ގުޅޭ މައުލޫމާތުތައް ބަދަލުކުރުމަށް މަގު ފަހިވެގެން ދާނެ ކަމަށް މީރާއިން ބުނެއެވެ.

comment ކޮމެންޓް