ގާނާއާއި ޔަމަނުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން-ރެޒިޑެންޓް ސަފީރުން، ސަފީރު ކަމުގެ ފަތްކޮޅު މިއަދު ރައީސް އަބްދުﷲ ޔާމީނަށް އައުވައިފި އެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި އެ ރަސްމިއްޔާތުގައި، ޔަމަނުން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރަކީ މުހައްމަދު މޮޓަހަރ އަލާޝާބީ އެވެ. ގާނާއިން ކަނޑައެޅުއްވި ސަފީރަކީ މައިކަލް އޭރަން ނީ ނޯރޓޭ އޮކުއަޔޭ އެވެ.
ވަކިވަކިން މިއަދު ކުރިއަށްދިޔަ ބައްދަލުވުންތަކުގައި ރައީސް އޮފީހުން ބުނީ، ޔަމަނުގެ އައު ސަފީރާއި ރައިސް ޔާމީނ،ް ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް އެކުގައި މަސައްކަތްކުރެވޭނެ ދާއިރާތަކާއި ބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ.
ރައީސް ޔާމީން އެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގެ ތެރޭގައި އަރަބި އިސްލާމީ ގައުމުތަކާ ދިވެހިރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުން ފާހަގަކުރެއްވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖެ އާއި ޔަމަނާއި ދެމެދު ގުޅުން އިތުރަށް ބަދަހިވެ، ފުޅާވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވި އެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުން ފަދަ ދެ ގައުމުން އިސްކަންދޭ ކަންކަމުގައި ބައިނަލްއަގްވާމީ މައިދާނުގައި އެކުގައި މަސައްކަތް ކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް މަޝްވަރާ ކުރެއްވި އެވެ.
ގާނާގެ ސަފީރާ އެކު ކުރިއަށް ގެންދިޔަ މަޝްވަރާ ތަކުގައި ރައީސް ޔާމީން ވަނީ ގާނާއާ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމުކުރިތާ ތިރީސް އަހަރު ފުރެން ކައިރިވެފައިވާކަން ފާހަގަކުރޮށްފަ އެވެ. އަދި ކުރިއަށް އޮތްތަނުގައުި ދެ ގައުމު ގުޅިގެން އެކިއެކި ކަންކަމުގައި ކުރިއަށް ދިޔުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.