އިންތިހާބުގެ ކެމްޕެއިނާ ގުޅޭ ގޮތުން ޑރ. ޝަހީމާއި ޑރ. ޒިޔާދު މަޝްވަރާ ކުރައްވައިފި

ރިޔާސީ އިންތިހާބުގެ ކެމްޕެއިނާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރާއި ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ރަނިންމޭޓް ކުރިއަށް ގެންދެވި މަޝްވަރާގެ ތެރެއިން--ފޮޓޯ/ޓްވިޓާ

ރިޔާސީ އިންތިހާބުގެ ކެމްޕެއިނާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރާއި ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ރަނިންމޭޓް މަޝްވަރާ ކުރައްވައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރާއި ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ ދެމެދު މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނު އިސްލާމިކް މިނިސްޓްރީގަ އެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ބުނީ ރައްޔިތުންނަށް ފުރިހަމައަށް ހިދުމަތް ދިނުމުގެ މުހިއްމުކަމާ ގުޅޭ ގޮތުންނާއި އަދި ކުރިއަށް އޮތް އިންތިހާބަށް ތައްޔާރު ވުމުގައި މިނިސްޓްރީން ވެދެވެން ހުރި އެހީތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށެވެ.
ޕީޕީއެމް އިން ކުރިއަށް އޮތް އިންތިހާބުގައި ރަށްރަށަށް ކެމްޕެއިން ޓީމްތައް ދަތުރުކުރާ އިރު އިސްލާމިކް މިނިސްޓްރީގެ ސިޔާސީ މަގާމްތަކުގައި ތިއްބަވާ ބޭފުޅުން އެ ކެމްޕެއިންތަކުގައި ބައިވެރިކުރުމާ ގުޅޭ ގޮތުން މިނިސްޓަރު ޒިޔާދު ބާގިރު ވާހަކަ ދެއްކެވި ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުންޏެވެ.

ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓަކަށް ޑރ. ޝަހީމް ހަމަޖެއްސެވުމާ އެކު އެމަނިކުފާނު ގެންދަވަނީ ކަމާ ގުޅޭ އެކިއެކި ބޭފުޅުންނާ ބައްދަލު ކުރައްވައި އެކި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށް ގެންދަމުންނެވެ. އޭގެ ތެރޭގައި ހާއްސަ ގޮތެއްގައި ދީނީ އިލްމްވެރިން ހިމެނެ އެވެ.

comment ކޮމެންޓް