އީޔޫއިން އަޅާ ފިޔަވަޅަކުން ރާއްޖެއަށް ކިހާ އަސަރެއް ކުރާނެ؟

އީޔޫ ޕާލިމަންޓްރީގެ ވަފްދުގެ ބޭފުޅުން ރައީސް ޔާމީނާ ބައްދަލުކުރައްވަނީ: ފޮޓޯ/ ރައީސް އޮފިސް

ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް އިއްޔެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވަނީ ވިދާޅުވެފަ އެވެ. އަދި އެފިޔަވަޅު މި މަހުގެ މެދެއްހާ ހިސާބުގައި އަޅާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ފިޔަވަޅުތަކާ އެކު ރާއްޖެއަށް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ވެސް ވިދާޅުވި އެވެ. މިހާރު ވެސް ހަމަ ޔަގީނުން ދިވެހިންގެ ހިތުގައި އުފެދޭނެ ސުވާލަކީ ރާއްޖެއަށް ކިހާ ވަރެއްގެ ދަތިތަކެއް ކުރިމަތިވާނެތޯ އެވެ.

އެ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެ ބަނޑަށް ޖެހިދާނެތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ކާބޯތަކެއްޗަށް ދަތިވެ، ޑޮލަރުގެ ދަތިކަން ކުރިމަތިވެދާނެތޯ ވެސް ސުވާލު ކުރަމުންދެ އެވެ. އެ ސުވާލުތަކުގެ ޖަވާބެއް ރައީސް ޔާމީނެއް ވެސް ނުދެއްވަ އެވެ. ނަމަވެސް ވިދާޅުވީ ދިމާވާ ކަންކަމާ ކުރިމަތިލާން ތައްޔާރަށް ހުންނެވި ކަމަށެވެ.

އީޔޫގެ ކަންތައްތައް ރަނގަޅަށް ދަންނަ ބޭފުޅަކު "ސަން" އަށް ވިދާޅުވީ އީޔޫ އިން އަޅާ ފިޔަވަޅުގެ ސަބަބުން ރާއްޖެ ބަނޑަށް ޖެހިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި އީޔޫއިން ފިޔަވަޅު އަޅާ އިރު ވެސް އިގްތިސާދީ ދަތިކަމެއް އަންނާނެ ގޮތަކަށް ފިޔަވަޅު ނާޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ފިޔަވަޅު އަޅާފާނެ ރާއްޖެ އިން އީޔޫއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނޫނީ ސަރުކާރުގެ އިދާރާތަކުގެ އިސްވެރިންނަށް ޔޫރަޕުގެ ގައުމުތަކަށް އެތެރެ ނުވެވޭ ގޮތަށް. އޭރުން އެބޭފުޅުންނަށް ވިސާ ލިބުމުގައި ދަތިތަކެއް ހުންނާނެ،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ އިސް ބޭފުޅުންނާ އީޔޫގެ ވަފްދުން ބައްދަލު ކުރައްވަނީ: ފޮޓޯ/ އީވާ ޓުވީޓާ

ރާއްޖެ އިން ކަންތައްތަކެއް ނުކޮށްފި ނަމަ ފިޔަވަޅުއަޅައި ދިނުމަށް އެދި އެންމެ ބޮޑަށް އީޔޫގައި ލޮބީ ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. އެކަމުގެ ސަބަބުން އީޔޫއިން ހުށަހަޅާފައިވާ ބައެއް ކަންކަމުގެ ތެރޭގައި އިސްލާމް ދީން ނޫން އެހެން ދީންތަކަށް ރާއްޖޭގައި ފުރުސަތު ދިނުން ހިމެނެ އެވެ. އޭގެ އިތުރުން އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމާއި ބައެއް ސިޔާސީ ލީޑަރުން މިނިވަންކޮށް އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ވެސް އީޔޫއިން ވަނީ ހުށަހަޅައިފަ އެވެ.

ރައީސް އަބްދުﷲ ޔާމީން ވަނީ އެ ހުށަހެޅުންތަކަށް ވަރަށް ސާފު ޖަވާބެއް ދެއްވައިފަ އެވެ. ފިޔަވަޅު އެޅި ނަމަވެސް ގަބޫލުނުކުރާ ކަންތައްތަކެއް ހުރި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެގޮތުން އިސްލާމްދީން ނޫން ދީނަކަށް ޖާގަ ނުދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވާ ވިދާޅުވުމަށް ހުއްޓުމެއް އަންނަން އީޔޫއިން އަންގަން ޖެހޭނެ ކަމަށް ގަބޫލުނުކުރާ ކަމަށް ވިދާޅުވި އެވެ.

އަދި ޖަލުގައި ތިބި ކުށްވެރިންތަކެއް ދޫކޮށްލަން ޖެހޭނެ ކަމަށާއި ރާއްޖޭގައި ބާއްވަނީ "މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށް ގަބޫލުކުރާނީ ކުށްވެރިން ދޫކޮށްލީމާ" ކަމަށް އީޔޫއިން ބުނާ ބުނުން ގަބޫލުނުކުރާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އީޔޫއިން ދޫކޮށްލަން ބުނާ މީހުންނަކީ ޝަރީއަތުގެ ކުރިމަތީގައި "މުޖުރިމުން" ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެހެންވީމަ ޝަރީއަތުން ބޭރުން ކަންކަން ކުރަން ބަޔަކު އެންގިޔަސް އަދި އެކަމެއް ނުކުރެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އީޔޫ ޕާލަމެންޓް. ފޮޓޯ: ބީބީސީ

"މިއަދު ވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ކިތަންމެ ވަރަކަށް އިއްތިހާދުގެ ފަރާތުން އެންގިޔަސް މި ހުރިހާ ކުށްވެރިންނެއް ވީއްލައި، ކުށްވެރިންނަކީ ކުށެއް ނުކުރާ ބަޔަކަށް އަޅުގަނޑަކަށް ނުހެދޭނޭ. އަދި ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައި ތިބި މެމްބަރުންގެ ގޮނޑިއަކީ ވެސް ނުގެއްލޭ ގޮނޑިއަކަށް އަޅުގަނޑަކަށް ނުހެދޭނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އީޔޫގެ ކަންކަން ދަންނަ އެކްސްޕާޓް "ސަން"އަށް ވިދާޅުވީ ގަބޫލުކުރެވޭ ގޮތުން އެންމެ ފުރަތަމަ އީޔޫއިން ވަކި މީހަކަށް ޓާގެޓްކޮށް ވެސް ފިޔަވަޅެއް ނާޅާނެ އެވެ. އެއީ މީގެ ކުރިން ވެސް އީޔޫއިން އެހެން ގައުމުތަކަށް ފިޔަވަޅު އަޅާފައިވާ އުސޫލުތަކަށް ބަލާ އިރު އީޔޫއިން އެންމެ ފުރަތަމަ އަންގާނީ ވަކިކަމެއް ވަކިގޮތަކަށް ކުރުމަށެވެ. އަދި ފިޔަވަޅު އެޅި ނަމަވެސް ވަކި ނަމެއް ޝާމިލު ނުކުރާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ވަފުދުން އެޓާނީ ޖެނެރަލް މުހައްމަދު އަނިލްއާ ބައްދަލުކުރުން--ފޮޓޯ/އެޓާނީ ޖެނެރަލްގެ އޮފީސް

އަދި އެކަން އީޔޫއިން މޮނިޓަ ކުރެއްވުމަށް ފަހު ބައެއްގެ ނަން ލިސްޓުގައި ހިމަނާ ނަމަ ހިމަނަމުން ގެންދާނެ ކަމަށް ވިދާޅުވި އެވެ. މިހާ ހިސާބުން އުފެދޭ ސުވާލަކީ އީޔޫއިން ރާއްޖެއަށް ފިޔަވަޅު އެޅުމުގެ ސަބަބުން އިންޑިއާ އެމެރިކާ އިން ދަތި ކުރުމުގެ ފިޔަވަޅު އަޅާފާނެތޯ އެވެ. އޭނާ ވިދާޅުވީ އެއީ ވުން ވަރަށް ދުރު ކަމެއް ކަމަށެވެ.

އީޔޫ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ހީނަރު ކަމެއް އައިސްފައިވާ ކަމަށް ދިވެހިން ގަބޫލުކުރި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ރާއްޖޭގެ ކަންކަމާ ބެހޭ ގޮތުން އީޔޫއާ އެކު ގާތް ގުޅުމެއް އޮވެ މަޝްވަރާ ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވޭތުވެ ދިޔަ އެއްވެސް އަހަރަކު ޔޫރަޕުން ޓުއަރިސްޓުން ނާން ވަރަށް މިއަހަރު ޓުއަރިސްޓުން އައުމުން ވެސް ދޭހަވަނީ އީޔޫ ގައުމުތަކުން ރާއްޖެއާ މެދު މާބޮޑު ހިތްހަމަނުޖެހުމެއް ނެތްކަން ކަމަށް ވިދާޅުވި އެވެ.

ރާއްޖެއަށް ފިޔަވަޅު އެޅުމުގެ މައްސަލަ އެޖެންޑާ ކޮށްފައި ވަނީ މާދަމާގެ ވަގުތަކަށެވެ. ދިވެހިންނަށް ދަތިތަކެއް އަތުވެދާނެ ކަމުގެ ބިރު ރައްޔިތުންގެ މެދުގައި އޮތް ނަމަވެސް ވާގޮތެއް ދެން އެނގޭނީ މާދަމާ އެވެ.

comment ކޮމެންޓް