ދަރުމަވަންތަ ހޮސްޕިޓަލުން ފޯރުކޮށްދިނުމަށް ނިންމާފައިވާ ބައެއް ޚިދުމަތްތައް މި މަހު ފޯރުކޮށްދެވޭނެ ކަމަށް މީގެ ކުރިން ބުނެފައިވީނަމަވެސް އެ ޚިދުމަތްތައް ފެށޭވަރުވާނީ ސެޕްޓެމްބަރު މަހު ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް އެހޮސްޕިޓަލަށް ޒިޔާރަތްކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ހޮސްޕިޓަލުގެ ޚިދުމަތްތައް ފެށުން ލަސްވީ މެޝިނަރީތައް ގެނައުމުގައި ލަސްތަކެއް ދިމާވުމުން ކަމަށެވެ.
ރާއްޖޭގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގެ ތޮއްޖެހުން ކުޑަކޮށް، ސިއްހީ ދާއިރާ އާ ހަރުފަތަކަށް ގެންދިއުމުގެ މަގްސަދުގައި އިމާރާތްކުރާ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލުން ރާއްޖޭގައި މިހާރު ނުލިބޭ ސިއްހީ ގިނަ ޚިދުމަތްތައް ލިބޭނެއެވެ. ހޮސްޕިޓަލުގައި ޚިދުމަތް ދޭން ފެށޭނެ ސީދާ ތާރީޚް ދަންނަވަން ދަތިކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، ހޮސްޕިޓަލު ހުޅުވުމާއެކު އައިޖީއެމްއެޗުން ހިދުމަތް ހޯދަން ކިޔުގައި ޖެހުން ހުއްޓުމަކަށް އަންނާނެ ކަމަށެވެ.
"މި ހޮސްޕިޓަލު ހުޅުވުމާއެކު އައިޖީއެމްއެޗުގެ ތޮއްޖެހުން ކުޑަވެ، ޚިދުމަތަށް ބޭނުންޖެހިފައިތިބި މީހުން ގިނަ ދުވަހު ކިޔުގައި ތިބެން ޖެހުން ހައްލުވާނެ. އެމްއާރުއައި އާ ސީޓީ ސކޭން އަދި ލެބޯޓްރީ ޓެސްޓުތައް ނުހެދި ލަސްވުން ވެސް ހައްލުވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތުގައި ބަލިމީހުން ބަލާ ކޮޓަރިތަކާއި ވޯޑް، ޕްރައިވެޓްރޫމު، ލެބޯޓްރީ، ކެތްލެބް އަދި އޯޕަން ހާޓް ސާޖަރީގެ ޚިދުމަތް ދޭނެއެވެ. މިނިސްޓަރު ވިދާޅުވީ މިއީ ރާޢްޖެއިން ބޭރަށް ބޭހަށް ދިއުން މަދުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ލިބޭ ކުރިއެރުމެއް ކަމަށެވެ.
"ހުރިހާ ޑިޕާޓްމެންޓެއްގައިވެސް ޚިދުމަތްތައް އިތުރުކޮށް، ޖާގައިގެ ދަތިކަން ހައްލުވެގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ. ހެލްތު މިނިސްޓަރު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޚިދުމަތް ފުޅާވެގެންދާއިރު ކާޑިއެކް ސެންޓަރަކީ އޯޕަން ހާޓް ސާޖަރީތައްވެސް ހެދޭނެ ފެންވަރުގެ ތަނަކަށް ވާނެ ކަމަށެވެ.
"ޓޫރިޒަމަށް ބެލިޔަސް، ބޭރުގެ އިސްވެރިންނާއި މުއްސަނދިން ރާއްޖެ އައުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އެބޭފުޅުންނަށް އެކަށީގެންވާ ވަރުގެ ސިއްހީ ހިދުމަތެއް [ރާއްޖެއިން] ލިބެން ނެތުމަކީ އެފަދަ ބޭފުޅުން ރާއްޖެ އައުމަށް ފަސް ޖެހޭ ކަމެއް. [ދަރުމަވަންތަ ހޮސްޕިޓަލު ހުޅުވުމާއެކު] މިކަމަށްވެސް ހައްލު ލިބޭނެ."
އައިޖީއެމްއެޗާ ދަރުމަވަންތަ ހޮސްޕިޓަލު އެއްކޮށްލުމުން 500 އެނދުގެ ހޮސްޕިޓަލަކަށް ބަދަލު ވާނެ ކަމަށާއި އެއާއެކު އެނދުމަތި ނުކުރެވި ބަލިމީހުން ކިޔުގައި ތިބުން ހުއްޓޭނެ ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރު ނާޒިމް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލާއެކު ސިއްހީ ދާއިރާ މިހާރު އޮތް ހަރުފަތުން އާ ހަރުފަތަކަށް ދާނެ ކަމަށެވެ. މިއީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއި ރާއްޖެިއން މިހާރު ލިބެންނެތް ސިއްހީ ޚިދުމަތްތަކާއެކު ތަރައްގީކުރާ ހޮސްޕިޓަލެކެވެ.
އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް އެޅުމަށް ސަރުކާރުން ހަވާލުކޮށްފައި ވަނީ ސިންގަޕޫރުގެ ޝެންހުއާ ނަމަކަށް ކުންފުންޏަކާއެވެ. އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މާރޗު މަހު އެވެ.
އެއިމާރާތް އެޅުމަށް 140 މިލިޔަން ޑޮލަރު (2.1 ބިލިޔަން ރުފިޔާ) ހަރަދުވާ އިރު އިމާރާތް ކުރުމުގެ އަގު ޝެންހުއާ ކުންފުންޏަށް ދައްކަން ޖެހޭނީ ތިން އަހަރު ދުވަހަށް ބަހާލައިގެންނެވެ. ޝެންހުއާ ކުންފުންޏާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން 25 ބުރީގެ އިމާރާތުގެ އިތުރުން 10 ބުރީގެ އިމާރާތެއް ވެސް އެޅުމަށް ވަނީ ހަމަޖެހި ފައެވެ.
އެ އިމާރާތުގައި ޗައިލްޑް ކެއާ ސެންޓަރަކާއި ޖިމާއި ރިހެބިލިޓޭޝަން ސުއިޓެއް ވެސް ހުންނާނެ އެވެ. އެ އިމާރާތުގެ ފަސް ފަންގިފިލާއެއް ހާއްސަކޮށްފައި ވަނީ ހޮސްޕިޓަލުން ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ޕްރައިވެޓް އެކަމޮޑޭޝަން ހަމަޖެއްސުމަށް އައިޖީއެމްއެޗުން ވަނީ މީގެ ކުރިން ބުނެފައެވެ. މީގެ އިތުރުން ރާއްޖޭގެ މެޑިކަލް ކޮލެޖު ހިންގުމަށް އެ އިމާރާތުގެ ދެ ފަންގިފިލާ ވަނީ ޚާޢްސަ ކޮށްފައެވެ.