އެނބޫދޫފަޅު މަޝްރޫއުގެ ފުރަތަމަ ފިޔަފަހީގެ މަސައްކަތް މި އަހަރު ނިމޭނެ

ކ. އެނބޫދޫފަޅުގައި ހިންގާ "ކްރޮސްރޯޑްސް މޯލްޑިވްސް" މަޝްރޫއުގައި "ކިއުރިއޯ ބައި ހިލްޓަން" ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ދަނީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ތައިލެންޑްގެ ސިންހަ އެސްޓޭޓު ކުންފުނިން ކ. އެނބޫދޫފަޅުގައި ކުރިއަށް ގެންދާ "ކްރޮސްރޯޑްސް މޯލްޑިވްސް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހި މި އަހަރު ނިމުމުގެ ކުރިން ނިންމައި، އަންނަ އަހަރުގެ ކުރީކޮޅު ހުޅުވާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

ކްރޮސްރޯޑްސް މޯލްޑިވްސް މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްގީކުރަނީ "ޓައުންޝިޕް"ގެ ނަމުގައި ހަދާ ރަށެއްގެ އިތުރުން ހާޑްރޮކް ހޮޓެލް ބްރޭންޑުގެ ރިސޯޓެއް ހިމެނޭ ރަށަކާއި، "ކިއުރިއޯ ބައި ހިލްޓަން" ބްރޭންޑުގެ ރިސޯޓެއް ހިންގާ ރަށެކެވެ.

މީގެ ކުރިން ނިންމާފައިވަނީ މި ތިން ރަށް މި އަހަރު ނިންމައި، މި އަހަރުގެ ފަހުކޮޅުގެ ތެރޭގައި ހުޅުވުމަށެވެ.

އެނބޫދޫފަޅުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ސިންހަ އެސްޓޭޓުގެ ޗީފް ކޮންސްޓްރަކްޝަން އެންޑް ޑިޒައިން އޮފިސަރ ޓެރަޗަޓް ނުމަނިތު މިއަދު ވިދާޅުވީ ފުރަތަމަ ފިޔަވަހީގެ ދަށުން އެންމެ ފުރަތަމަ ހުޅުވާނީ "ކިއުރިއޯ ބައި ހިލްޓަން" ބްރޭންޑުގެ ރިސޯޓު ކަމަށެވެ.

ކ. އެނބޫދޫފަޅުގައި ހިންގާ "ކްރޮސްރޯޑްސް މޯލްޑިވްސް" މަޝްރޫއު ކުރިއަށް ދަނީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މި ރިސޯޓު ނިމި، ހުޅުވޭ ވަރު ވާނީ ޑިސެމްބަރު މަހުގެ ފަހުކޮޅު، ނުވަތަ 2019 ވަނަ އަހަރުގެ ކުރީކޮޅު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުވާ ދެވަނަ ރިސޯޓު ކަމުގައިވާ ހާޑްރޮކް ހޮޓެލް ނިންމައި ހުޅުވޭނީ 2019 ވަނަ އހަަރުގެ ފެބްރުއަރީ ނުވަތަ މާޗު މަހާ ހަމައިގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ފިޒިކަލީ ބުނާ ނަމަ މުޅި ތަނުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ނިމޭނެ. އެކަމަކު ބައެއް ކުދި ކުދި މަސައްކަތްތައް ހުންނާނެ. ހުޅުވާލެވޭ ވަރު ވާނީ އަންނަ އަހަރުގެ ކުރީކޮޅު،" ޓެރަޗަޓް ނުމަނިތު ވިދާޅުވިއެވެ.

ސިންހަ އެސްޓޭޓުގެ ޗީފް އޮޕަރޭޓިންގް އޮފިސަރ ތިޓީ ތޮންގްބެންޖަމަސް ވިދާޅުވީ ހާޑްރޮކް ހޮޓެލްއާއި ކިއުރިއޯ ބައި ހިލްޓަން ރިސޯޓު ހިންގާނީ ފްރެންޗައިޒް އުސޫލުން، ސިންހަ އެސްޓޭޓުން ކަމަށެވެ.

މީގެ އިތުރުން ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްގީކުރާ "ޓައުންޝިޕް އައިލެންޑް"އަކީ ލައިފްސްޓައިލް ރީޓެއިލް ބްރޭންޑްތަކުގެ ފިހާރަތަކާއި ރެސްޓޯރަންޓްތައް އަދި ސްޕާއާއި މުނިފޫހިފިލުވުމުގެ ތަންތަން ހުންނާނެ ރަށެކެވެ. މި ރަށް ތަރައްގީކުރަނީ ރާއްޖޭގައި ހަދާ ފުރަތަމަ ޔޮޓު މެރީނާއާ އެކުގައެވެ. މި ޔޮޓް މެރީނާ ތަރައްގީކުރަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ އަބޫ ދާބީއަށް ނިސްބަތްވާ ޖަލްބޫތު ކުންފުނިންނެވެ.

ސިންހަ އެސްޓޭޓުން މައުލޫމާތު ދޭ ގޮތުގައި ޓައުންޝިޕް އައިލެންޑުގައި ރާއްޖޭގެ ސަގާފަތާއި މައުލޫމާތު ލިބޭ ކަލްޗަރަލް ސެންޓަރަކާއި، ރާއްޖޭގެ ކަނޑުއަޑީގެ ދިރުންތަކާ ބެހޭ މައުލޫމާތުދޭ، އަދި ކަނޑު ހިމާޔަތްކުރުމާ ގުޅޭ މަސައްކަތްކުރާ މެރީން ޑިސްކަވަރީ ސެންޓަރެއްވެސް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސިންހަ އެސްޓޭޓުގެ ޗީފް ކޮންސްޓްރަކްޝަން އެންޑް ޑިޒައިން އޮފިސަރ ޓެރަޗަޓް ނުމަނިތު ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"މި ޓައުންޝިޕަކީ ދިވެހީންނަށާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އައިސް ޚިދުމަތްތައް ހޯދޭނެ ތަނަކަށް ވާނެ. މިތަނުގައި ފާމަސީ، ސްޕާ، ވޯޓާސްޕޯޓްސް، ކެފޭ ރެސްޓޯރަންޓް ހުންނާނެ. އަދި ރާއްޖޭގެ ވާހަކަތަކާއި ތާރީހާއި ސަގާފަތް މީހުންނަށް ކިޔައިދޭނެ ކަލްޗަރަލް ސެންޓަރެއް ހުންނާނެ،

"މި މަޝްރޫއަށް ކްރޮސްރޯޑްސް ކިޔަނީ މުހިންމު ސަބަބަކާ ހެދި. މި ތަން ހުންނަނީ މުޅި ދުނިޔޭގެ މެދުގައި. ގިނަ އަހަރުތަކެއް ކުރިން އޮޑިދޯނިފަހަރު މިތަނަށް ހުއްޓާ ހަދާ ފެނާއި އެހެނިހެން ތަކެތި ހޯދުމަށް،" ސިންހަ އެސްޓޭޓުގެ ޗީފް ކޮންސްޓްރަކްޝަން އެންޑް ޑިޒައިން އޮފިސަރ ޓެރަޗަޓް ނުމަނިތު ވިދާޅުވިއެވެ.

comment ކޮމެންޓް