ޝަހީމާ ބެހޭ ގޮތުން ނަޝީދު ދެއްކެވި ވާހަކަފުޅަށް ދީނީ އިލްމްވެރިން ރައްދުދެއްވައިފި

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ ގުޅޭ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ދީނީ އިލްމްވެރިން ރައްދު ދެއްވައިފިއެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑރ. ޝަހީމަކީ އިސްލާމިކް ސްޓޭޓް (އައިއެސް) އަށް މީހުން ވައްދާ ބޭފުޅެއް ކަަމަށާއި އަދި ސައުދީ ފަދަ ދީނީ ހަރުކަށި ފިކުރަށް ތާއިދު ކުރާ ގައުމަކުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވުމުން އެކަން ޔަގީންވެގެންދާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން އެތައް ބަޔަކު ނަޝީދަށް ފާޑު ވިދާޅުވެފައިވާއިރު މަޝްހޫރު ދީނީ އިލްމްވެރިންވެސް އޭގެ ތެރޭގައި ހިމެނެއެވެ. އަދި އިލްމްވެރިން ވަނީ ނަޝީދުގެ ވާހަކަފުޅު ދޮގުކުރައްވާފައެވެ.

މަޝްހޫރު ދީނީ އިލްމްވެރިއާ އިލްޔާސް ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކިތަންމެ ހިޔާލު ތަފާތު ވިޔަސް އަދި ކިތަންމެ ރުޅިއަޔަސް އަބުރާއި އިއްޒަތް ކަތިލެވޭ ގޮތައް ދޮގު ހަބަރުތައް ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އޭގެ އިތުރުން ޑރ. ޝަހީމާއި އައިއެސް ޖަމައާތާ ގުޅުމެއް ނުވާ ކަމުގެ ޔަގީންކަން އޭނާ ދޭ ކަމަށެވެ. އަދި އެކަމަށް ހެކިވާ ކަމަށެވެ.

މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފް ވިދާޅުވީ ޝަހީމަކީ ނަޝީދު އެ ވިދާޅުވާފަދަ ބޭފުޅެއް ނޫންކަމަށް ހެކިވާ ކަމަށާއި ސިޔާސީ ގޮތުން ވާދަވެރިކަން އޮތް ނަމަވެސް "ބުހުތާނު ދޮގު ހަދައިގެން މީސް މީހުންގެ އަބުރު ކަތިލަން ނޫޅޭއްވުމަށް،" ރައީސް ނަޝީދަށް ގޮވާލާފައެވެ.

ދީނީ އިލްމްވެރިޔާ ޝެއިހް މުހައްމަދު އަނިލް ވިދާޅުވީ ޝަހީމާ ގުޅޭ ގޮތުން ނަޝީދު ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށާއި އަދި ޝަހީމަކީ ހައްދުފަހަނައަޅާ ދިޔުމާއި ދެކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ.

ދީނީ މަޝްހޫރު ޖަމައަތެއް ކަމަށްވާ ޖަމްއިއްޔަތުލް ސަލަފް ގެ ރައީސް އަބްދުﷲ ބިން ޖަނާބް ވިދާޅުވީ ކެމްޕެއިން ކުރުމުގައި އެއްވެސް ފަރާތަކުން ދޮގު ފަތުރައިގެން އިސްލާމީ އަގީދާއާ އަމިއްލަ ގައުމު ވިއްކައިގެން ނަމަވެސް ބޭނުން ކަމެއް ހާސިލް ކުރަން އުޅުމަކީ އެބައެއްގެ ގޮތް ހުސްވެ ބާތިލްގައި ތިބި ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

ޝެއިޚް މުހައްމަދު ނަޝީދު އާދަމް ވިދާޅުވީ އެކަކު އަނެކަކަށް އެއްޗެހި ގޮވުމުގެ ބަދަލުގައި ހެއްކާއި ގަރީނާގެ މަތީގައި ސާބިތުވެ ތިބުމަށް ގޮވާލާފައެވެ. އަދި ޝަހީމަކީ އައިއެސް އަށް ވާގިވެރިވާ ބޭފުޅެއް ނޫން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް