ހިސްޓްރީ ޗެނަލްއިން އެނބޫދޫފަޅު މަޝްރޫއާ ބެހޭ ޑޮކިއުމެންޓްރީއެއް ހަދަނީ

ކްރޮސްރޯޑްސް މޯލްޑިވްސް މަޝްރޫއުގެ ޑޮކިއުމެންޓްރީ ހަދާ އޭއެންޑްއީ ނެޓްވޯކްސް އޭޝިއާގެ ޑިރެކްޓަރ އޮފް ޕްރޮޑަކްޝަން ކްރިސް ހަމްފްރީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ތައިލެންޑްގެ ސިންހަ އެސްޓޭޓް ކުންފުނިން ކ. އެނބޫދޫފަޅު ތަރައްގީކުރާ މަސައްކަތާ ގުޅޭ ޑޮކިއުމެންޓްރީއެއް، އޭއެންޑްއީ ނެޓްވޯކްސްއިން ހަދަން ނިންމައިފިއެވެ.

ސިންހަ އެސްޓޭޓުން ކ. އެނބޫދޫފަޅު ތަރައްގީކުރަނީ ގުޅިފައިވާ ނުވަ ރަށެއް ހިއްކައި، އެތަނުގައި ރިސޯޓު ޕްރޮޕަޓީތަކެއް ޑިވެލޮޕްކުރާ ގޮތުގައެވެ. މި މަޝްރޫއަށް ކިޔަނީ "ކްރޮސްރޯޑްސް މޯލްޑިވްސް"އެވެ.

އެނބޫދޫފަޅުގައި "ކިއުރިއޯ ބައި ހިލްޓަން" ބްރޭންޑުގެ ރިސޯޓު ތަރައްގީކުރަމުން ގެންދާ ރަށުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭއެންޑްއީ ނެޓްވޯކްސް އޭޝިއާގެ ޑިރެކްޓަރ އޮފް ޕްރޮޑަކްޝަން ކްރިސް ހަމްފްރީ ވިދާޅުވީ މި ޑޮކިއުމެންޓްރީ ގޮންޖެހުންތައް ބޮޑު ކްރޮސްރޯޑްސް މޯލްޑިވްސް މަޝްރޫއު ދައްކުވައިދޭނެ ގޮތަކަށް ކަމަށެވެ.

އިންޓަގްރޭޓެޑް ރިސޯޓު ތަރައްގީކުރަމުން ގެންދާ ކ. އެނބޫދޫފަޅު ---ފޮޓޯ/އަފްރާހް

މި ޑޮކިއުމެންޓްރީގެ ނަމަކަށް ވާނީ "މޭކިންގް މެގަ އިން ޕެރަޑައިސް"އެވެ. މި ޑޮކިއުމެންޓްރީ ބިނާވާނީ 30 މިނިޓުގެ ހަ އެޕިސޯޑުގެ މައްޗަށެވެ. ޑޮކިއުމެންޓްރީ ދައްކާނީ އޭއެންޑްއީ ނެޓްވޯކްގެ ހިސްޓްރީ ޗެނަލުންނެވެ.

ކްރޮސްރޯޑްސް މޯލްޑިވްސް މަޝްރޫއަކީ އިންޑިއާ ކަނޑުގައި ހިންގާ އެންމެ ބޮޑު އިންޓަގްރޭޓެޑް ރިސޯޓު މަޝްރޫއެވެ.

ހަމްފްރީ ވިދާޅުވި ގޮތުގައި، ކޮންމެ މަހަކު ވެސް އޭނާއާއި އޭނާގެ ޓީމުން ރާއްޖެ އައިސް، ކްރޮސްރޯޑްސް މޯލްޑިވްސްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކުރިއަށް ދާ ގޮތް ބަލައި، ވީޑިއޯ ޝޫޓުކޮށް ހަދަމުން ގެންދާނެ ކަމަށެވެ.

އިންޓަގްރޭޓެޑް ރިސޯޓު ތަރައްގީކުރަމުން ގެންދާ ކ. އެނބޫދޫފަޅު ---ފޮޓޯ/އަފްރާހް

ހަމްފްރީ ވިދާޅުވީ، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މި ޑޮކިއުމެންޓްރީ ރިލީޒްކުރާނެ ކަމަށެވެ.

"މޭކިންގް މެގަ އިން ޕެރަޑައިސް" ޑޮކިއުމެންޓަރީއިން، އެނބޫދޫފަޅުގެ މަޝްރޫއު ކުރިއަށް ގެންދާ ގޮތާއި، ކޮންސްޓްރަކްޝަނުގެ މަސައްކަތްތައް ފެނިގެން ދާނެއެވެ. ސިންހަ އެސްޓޭޓުން ބުނި ގޮތުގައި އެނބޫދޫފަޅުގެ ރީތިކަމާއި ހިތްގައިމުތައް ވެސް ޑޮކިއުމެންޓަރީ ސީރީޒްއިން ފެނިގެން ދާނެ ކަމަށެވެ.

comment ކޮމެންޓް