ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ދޭ ވޯޓަކީ މާތް ވެގެންވާ އިސްލާމް ދީނާއީ މި ރާއްޖޭގެ މިނިވަންކަމާ ދެކޮޅަށްދޭ ވޯޓެއް ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
މ. މުލަކުގައި ގާއިމް ކޮށްފައިވާ ނަރުދަމާގެ ޚިދުމަށް ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ މާތްވެގެންވާ އިސްލާމް ދީނުގެ ހިޔާވަހިކަމުގެ ދަށުގައި ރާއްޖެ ބާއްވަން ބޭނުންވާނަމަ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވޯޓު ދޭން ޖެހޭ ކަމަށެވެ.
"ރައީސް ޔާމީނާ ދެކޮޅަށް ވޯޓު ދެއްވާ ކޮންމެ ރައްޔިތަކީ މާތް ވެގެންވާ އިސްލާމް ދީނާ ދެކޮޅަށް ވޯޓު ދެއްވާ ރައްޔިތެއް. އެއީ ދީނުގެ އަދުއްވެއް. މި ރާއްޖޭގެ މިނިވަންކަމުގެ އަދުއްވެއް،" އަދުރޭ ވިދާޅުވިއެވެ.
އަމިއްލަ ގައުމާއި އިސްލާމް ދީނަށްވުރެ ޕާޓީ މުހިންމު ނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އަދުރޭ ވަނީ އިދިކޮޅު ފަރާތްތަކަށް ގޮވާލައްވައިފައެވެ.
އޭނާ ވިދާޅުވީ ޕާޓީ އުފެއްދި މަގުސަދާ އެއްގޮތަށް އަމަލުކުރާ ޕާޓީއެއް ޕީޕީއެމް ނޫނީ ނެތް ކަމަށެވެ. އަމިއްލަ ގައުމާއި، ރަށާއި، ވަތަން ދެކެ ލޯބިވާނަމަ ހުރިހާ ބޭފުޅުންވެސް ޕީޕީއެމާ ގުޅި ރައީސް ޔާމީނާއެކު މަސައްކަތް ކުރަންޖެހޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.
"ޑިމޮކުރަސީގެ އުސޫލުން ހިނގާ ހަމައެކަނި ޕާޓީ އަކީ އަޅުގަނޑުމެންގެ ޕާޓީ ޕީޕީއެމް. ޕާޓީ އަދިވެސް މި އޮތީ ޕާޓީ އުފެއްދި މަގުސަދާ އެއްގޮތަށް،" އަދުރޭ ވިދާޅުވިއެވެ.
ގަނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރެއް ގާނޫނާ ޚިލާފައް ވައްޓާލަން އުޅޭ ބަޔަކަށް ތަރައްގީ ގެނެސް ނުދެވޭނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.