އިސްލާހަށް އޮތް ފަޅި!

16 ފެބްރުއަރީ 2018: އިދިކޮޅު ފަރާތްތަކުން "ވޯމްއަޕް"ގެ ނަމުގައި މާލޭގައި ކުރިއަށްގެންދިޔަ އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސަ

އިސްލާހަށް އޮތް ފަޅިއަކީ ކޮބައިތޯއެވެ. މަގުމަތިން އެކަން ކުރެވިދާނެތޯ އެވެ. ނޫނީވިއްޔާ އިސްލާހަށް އޮތް ފަޅިއަކީ ބޭރު ކަަރަކަރައިން އެދޭ ގޮތަކަށް ކަންތައް ކުރުންތޯ އެވެ. ނޫނީ އަހަރުގެ ދެކޮޅު އިންތިހާބެއް ބާއްވަން އެދޭ ބަޔަކާއެކު ކުރިއަށް ދިޔުންތޯއެވެ. މި މައުލޫއަށް އިންސާފު ކުރާއިރު މިއީ ކޮށްލަން ރަނގަޅު ސުވާލެކެވެ.

އިސްލާހެއް ހޯދަން މީގެ ކުރިން ވެސް ބަޔަކު މަސައްކަތް ކުރިއެވެ. ތިރީސް އަހަރު ވަންދެން ގައުމުގައި ވެރިކަން ކުރި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަން ބަދަލު ކުރީ ވެސް އެ އިސްލާހު ބޭނުންވެގެންނެވެ. އަދި އެއަށް ފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުން ބަލިކޮށް ރައީސް ޔާމީނާ ވެރިކަން ހަވާލުކުރީ ވެސް ބަޔަކު އިސްލާހު ބޭނުންވެގެންނެވެ.

އެއަށް ފަހު އެ އިސްލާހު ގެންނަން ބޭނުންވި ބޭފުޅުންނަށް ކަންކަން ކުރަން ބޭނުންވާ ގޮތަށް ކަންކަން ނުވުމުން އެ އިސްލާހު ވެސް ކަމުނުގޮސްގެން ރައީސް ޔާމީން ދޫކުރައްވައި ވަޑައިގަތީ އެވެ. އަނެއްކާ ވެސް ފެއްޓެވީ ކަންކަން އިސްލާހުކުރަން ކަމަށް ބުނެ މަގުމަތީގެ މުޒާހަރާތަކެެވެ. އެންމެ ފަހު އިސްލާހުގެ ޓެގް ޖައްސަވައި އިދިކޮޅު ހުރިހާ ވެރިން "އެއް ގަލަކަށް"ވެސް އެރީއެވެ. އެއަށް ފަހު އަދިވެސް އިސްލާހު ކުރަނީ އެވެ. ނަމަވެސް އިސްލާހު ކުރަނީ ކޮންކަމެއް ކަމެއް ނުބުނެވެ އެވެ.

3 ޖުލައި 2017: މަސީހާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ފަހު އިދިކޮޅު ކޯލިޝަނުން އެކަމުގެ އުފަލުގައި މ. ކުނޫޒުގައި ބޭއްވި ޖަލްސާގެ ތެރެއިން-- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިސްލާހު ގެނައުމަށް ރިޔާސީ އިންތިހާބަށް ނެރުނީ މީގެ ކުރިން ހިންގުމުގެ ދާއިރާގައި އެއްވެސް ތަޖުރިބާއެއް ނެތް ނަމަވެސް ސިޔާސީ މައިދާނުގައި ނަން ހިނގާ ބޭފުޅެކެވެ. މިޒާޖުއި މަޑުމައިތިރިކަން ހުންނަ އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) ކުރިއަށް ނެރެ އަނެއްކާ ވެސް އިސްލާހުގެ މަސައްކަތް ފެށި އިރު އިދިކޮޅު ގަބޫލުރާ އިސްލާހުގެ އާހިރު ނަތީޖާއަކަށްވީ އިންތިހާބު ވެއްޖެ ނަމަ ދޮޅު އަހަރު ފަހުން އަނެއްކާ ވެސް އިންތިހާބެއް ބޭއްވުމެވެ. ނަމަވެސް އެއީ ގާނޫނު އެކަމަށް ތަންދޭ ކަމެއް ނޫނެވެ. އަދި އެއި ފައިސާގެ ގޮތުން ވެސް ބޮޑު އިސްރާފެއް ކަަމަށް ސިޔާސީ ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.

ސިޔާސީ ތަޖުރިބާކާރުންގެ ނަޒަރުގައި އިދިކޮޅުން ގަބޫލުކުރާ އިސްލާހަކީ ކޮންމެ ގޮތަކުން ނަމަވެސް ވެރިކަން ކުރުމުވެ. ދިވެހިންގެ ތެރޭގައި ހުރި އިޖްތިމާއި ކަންކަމަށް އިސްލާހު ގެނައުމަކީ އެވެރިން ދަންނަ ކަމެއް ނޫނެވެ. އަދި އެ ވެރިންގެ ނަޒަރުގައި އިސްލާހު ކުރަންވީ ކުށްތަކެއްގެ ސަބަބުން ހުކުމް އިއްވާފައި ތިބި ހަތަރު ލީޑަރުންގެ ހުކެމެވެ. ނަމަވެސް ގާނޫނީ އެތައް ހުރަސްތަކެއް އެކަމަށް ވެސް އެބައޮތެވެ.

12 ޖުލައި 2017 ވަނަ ދުވަހު އިދިކޮޅު ކޯލިޝަންގައި ހިމެނޭ މަޖިލިސް މެމްބަރުން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެން އޮތީ ރައީސް އަބްދުﷲ ޔާމީންގެ އިސްލާހީ އެޖެންޑާ އެވެ. މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ރައީސް ޔާމީން އިސްލާހު ކުރެއްވީ ދިވެހިންގެ އިޖްތިމާއި ފޭރާން ކަމަށް އެމަނިކުފާނަށް ސަޕޯޓްކުރާ މީހުން ބުނެ އެވެ. އިސްލާހު ކުރީ ޒަމާނުންސުރެ ގަނޑުވަރު ތެރޭގައި އޮތް ތަރައްގީގެ ފަލްސަފާ އެވެ. ގަނޑުވަރު ތެެރެއިން އެ މަޝްރޫއުތައް ނެރެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ މަޝްރުއުތައް ރުކުރުވާލީ އެވެ. އަމާންކަން ނަގާލަމުން ދިޔަ މުޒާހަރާތައް ހުއްޓުވައި މަގުތަކަށް އަމާންކަން އެމަނިކުފާނު ގެންނެވީ އެ އިސްލާހީ އެޖެންޑާގެ ތެރެއިން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ރައީސް ޔާމީން، އިސްލާހަށް މަސައްކަތް ކުރައްވަން ބޭނުންވާކަން އެންމެ ބޮޑަށް ދޭހަކޮށްދިން އެއް ކަމަކީ އިސްލާމްދީނަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް އެފަދަ ގޮންޖެހުންތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ކުރިއަށް އޮތް ދައުރުގައި އެކުގައި މަސައްކަތް ކުރައްވާނެ ބޭފުޅަކަށް އިސްލާމީ ތައުލީމުން މަތީ ތައުލީމް ހާސިލް ކުރައްވާފައި ހުންނެވި މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖެއްސެވުމެވެ. އެއާ އެކު ގިނަ ބަޔަކު އެންމެ ގަދައަށް ދެއްކި ވާހަކައަކީ މި ދައުރުގައި ގައުމަށް ތަރައްގީ ގެނެސްދިނުމަށް ފަހު ރައީސް ޔާމީން ދެން އެންމެ އިސްކަމެއް ދެއްވާނެ ކަމަކީ އިސްލާހު ކުރަން ޖެހޭ ކަންކަން އިސްލާހު ކުރުމުވެ. އެކަމަށްޓަކައި އެމަނިކުފާނު ބޭނުން ކުރެއްވީ އިސްލާމްދީނުގެ "އިސްލާހީ އެޖެންޑާ"އެވެ.

ރައީސް ޔާމީނާއި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ---- ފޮޓޯ/ ރައީސް އޮފީސް

ޑރ. ޝަހީމް ވިދާޅުވާ ގޮތުން ގައުމު އިސްލާހު ކުރުމަށް ޓަކައި އޮތް ފަޅިއަކީ ޕީޕީއެމްގެ ފަޅިއެވެ. އަދި އެ ފަޅިއަށް ހުރިހާ އެންމެން ވެސް އެރުމަށް ޝަހީމްވަނީ ގޮވާލާލައްވައިފަ އެވެ. ޝަހީމް އެ ވިދާޅުވި އިސްލާހަށް އެތައް އިލްމްވެރިއަކު ދަނީ ތާއިދު ކުރަމުންނެވެ. މިވަގުތަކީ ހުރިހާ ބޭޅުން އެކަތިގަނޑަކަށް ވާންވީ ވަގުތު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކޯލިޝަންތަކުގެ ހުވަފެންތައް އެއްފަރާތްކޮށްލާފައި ވަރުގަދަކަމާ އެކު ކުރިއަށްދާ ނިޒާމާ އެކުގައި ތިބެން ޖެހޭ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ. އަދި މިފަހަރުގެ އިންތިހާބު ޕީޕީއެމުން ކާމިޔާބު ކުރާނީ އިދިކޮޅު ފަރާތްތަކުގެ ވެސް ވޯޓާ އެކު ކަމަށް ޝަހީމް ވަނީ ފާހަގަކުރައްވައިފަ އެވެ.

އިދިކޮޅުން ގެންނަން ބޭނުންވާ އިސްލާހުތަކަށް ނަޒަރު ހިންގަމުން ޝަހީމް ވިދާޅުވީ ދޮޅު އަހަރުގެ ސަރުކާރު ގާއިމް ކުރަން ފުރުސަތު ދީފި ނަމަ ރާއްޖެ ގާނޫނީ ގޮތުން ހުސްކަމެއްގެ ތެެރެއަށް ގޮސް، ސިޔާސީ ގޮތުން ހަލަބޮލިވެ މިގައުމު ފުނޑު ފުނޑުވެގެން ހިނގައިދާނެ ކަމަށެވެ. އެހެންވީމާ އެކަމަށް ފުރުސަތު ބޭނުން ނުވާ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން ކުޅުދުއްފުށީ ރައްޔިތުންނާ ސަލާމް ކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް

އިސްލާހަށް މަސައްކަތް ކުރާ ކަމަށް ބުނާ މީހުންނަށް ރިޔާސީ ކެނޑިޑޭޓެއް ދެއްކުނީ ވެސް އެތައް "ކޯޅުމަކަށް"ފަހު އެވެ. އަދި ވެސް އެ ކޯޅުން ބޮޑުވެ ރަނިން މޭޓަކު ވެސް ހަމަ ނުޖެއްސި ފަސް ކުރަމުން ގޮސް މުޅި ކޯލީޝަންގައި ރެނދުލާފައި އޮތް އިރު ހަގީގަތުގައި ވެސް އިދިކޮޅު ލީޑަރުން ގެންނަން އުޅޭ އިސްލާހުގެ އަސްލު އޮޅޭ ކަމަށް ސިޔާސީ ތަޖުރިބާކާރުންވިދާޅުވެ އެވެ.

މީގެ ކުރިން އެއް ފިކުރެއްގެ ގޮތުގައި މަސައްކަތް ނުކުރި ހަތަރު ފިކުރު އަލުން އެއްވެ އިސްލާހަކާ ދިމާއަށް ދެވިދާނެތޯ މާޒީގެ ތަޖުރިބާއިން "ނަފީ" ކުރާއިރު އުފެދޭ ސުވާލަކީ އަނެއްކާ ވެސް އެ އިސްލަހަށް އިތުބާރުކުރާނީތޯ އެވެ. ނުވަތަ ގަބޫލު ކުރާނީ ދީނީ އިލްމްވެރިންނާއި އަދި ކަންކަމުގެ ތަޖުރިބާކާރުން ހިމެނޭ ގޮތަށް ކުރަން އުޅޭ އިސްލާހީ މަސައްކަތައްތޯ މިއީ ސުވާލެކެވެ. އަރާނެ ފަޅިއެއް ނިންމާނީ އެމީހަކު އަމިއްލައަށެވެ. ނަމަވެސް އިސްލާހު މިން ކުރެވޭ ގޮތަކުން ގައުމު ހަލާކުގެ ތެރެއަށް ދިޔުން ވެސް ހަމަ އެކަށީގެންވެ އެވެ.

comment ކޮމެންޓް