ދިވެހި އުފެއްދުންތެރި މަސައްކަތް ދަސްކޮށްދޭ ކޯހެއް ވިލިނގިލީގައި ކުރިއަށްދަނީ

ކޯހުގެ ބައިވެރިން--- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

ސަބާ މޯލްޑިވްސްއާއި ގއ. ވިލިނގިލީ ޒުވާނުންގެ މަރުކަޒު ގުޅިގެން، ތިމާވެއްޓާ ރަހުމަތްތެރި ތަކެތި ބޭނުންކޮށްގެން ތަކެތި އުފައްދަން ދަސްކޮށްދޭ ހަރަކާތެއް ގއ. ވިލިނިގިލީގައި ފަށައިފިއެވެ.

"ސަބާ" ނުވަތަ ސާކް ބިޒްނަސް އެސޯސިއޭޝަން އޮފް ހޯމް ބޭސްޑް ވޯކާސްއަކީ ގޭގައި ތިބެގެން މަސައްކަތްކުރާ ޒުވާނުންނާއި އަންހެނުން ކުރިއަރުވައި، އިގްތިސާދީ ގޮތުން ބާރުވެރިކުރުވުމަށް ސާކް ޑިވެލޮޕްމެންޓް ފަންޑުގެ މާލީ އެހީގައި ހިންގާ ޖަމިއްޔާއެކެވެ. ސަބާ ޖަމިއްޔާއިން ސާކްގެ ކޮންމެ ގައުމެއްގައިވެސް ޗެޕްޓަރެއް ހިންގައެވެ.

އެގޮތުން ރާއްޖޭގައި ސަބާ މޯލްޑިވްސްގެ ނަމުގައި ކޯޕަރޭޓިވް ސޮސައިޓީއެއް ހިންގައެވެ. މި ކޯޕަރޭޓިވް ސޮސައިޓީއަކީ ގޭގައި ތިބެގެން މަސައްކަތްކުރާ މަސައްކަތްތެރީންގެ 40 ޕަސަންޓު، އަދި ދިވެހި ސަރުކާރުގެ 60 ޕަސަންޓު ހިއްސާ އޮންނަ ގޮތަށް ވިޔަފާރި އުސޫލުން ހިންގގުމަށް ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކޯޕަރޭޓިވް ސޮސައިޓީއެކެވެ.

ކޯހުގެ ބައިވެރިން ތައްޔާރު ކުރި އުފެއްދުންތަކެއް--- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

ސަބާ މޯލްޑިވްސް"ގައި ޖުމްލަ 1،300 މެންބަރުން ހިމެނެއެވެ.

(ސަބާ މޯލްޑިވްސް)ގެ ސޭލްސް އެންޑް މާކެޓިން އޮފިސަރު މުހައްމަދު ރަޝްވާން ސަން އަށް ވިދާޅުވީ ޖުމްލަ 36 ބައިވެރިންނާއެކު ގއ. ވިލިނގިލީގައި ފެށި އެ ކޯސް ކުރިއަށްދަނީ ވަރަށް ކާމިޔާބުކޮށް ކަމަށެވެ.

ދިވެހިން ތައްޔާރުކުރާ މި ފަދަ ތަކެއްޗަކީ މާކެޓުކުރެވޭނެ ތަކެތި ކަމަށާއި އެކި ރިސޯޓްތަކަށް މި ތަކެތި ވިއްކުމަށް ހަމަޖެހިފައިވާ ކަމަށް ރަޝްވާން ވިދާޅުވިއެވެ.

ކޯހުގެ ބައިވެރިން ތައްޔާރުކުރި އުފެއްދުމެއް--- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

ރަޝްވާން ވިދާޅުވީ ރާއްޖެއަށް އަންނަ ފަތުވެރިންނަށް ދިވެހި އުފެއްދުންތެރިކަން ވިއްކާނެ ކަމަށާއި އަދި ބޮޑެތި އެއާޕޯޓުތަކުގައި ވެސް މި ތަކެތި ލިބެން ހުންނާނެ ކަމަށެވެ.

އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ދަރަވަންދޫ އެއާޕޯޓްގައި މިހާރުވެސް ދިވެހި އުފެއްދުންތެރި މަސައްކަތްތައް ލިބެން ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދިވެހި އުފެންދުތެރި ތަކެތި އުފައްދާ ދިވެހިންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ އެ ތަކެތި ނުވިކުމެވެ.

ކޯހުގެ ބައިވެރި އެއް ދިވެހި އުފެއްދުމެއް ހަދަނީ--- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

"އެއީ އެ މީހުންގެ އެންމެ ބޮޑު ޝަކުވާ. އަސްލު ރާއްޖޭގައި މިކަހަލަ އެއްޗެހި އުފައްދާ މިންވަރު މަދުވީމަ އަގުބޮޑު ވަނީ އެހެން ގައުމުތަކާ އަޅާ ބަލާއިރު، ސަބާ މޯލްޑިވްސްއިން ކޮށްދޭ ކަމަކީ މި އުފެއްދުންތެރި ދިވެހި ތަކެތި ވިއްކުމަށް އެހީތެރިވެދިނުން،"

ކޯހުގެ ބައިވެރިންގެ އުފެއްދުންތަކެއް--- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

"މި ތަކެތި މި އުފައްދަނީ އުކާލެވޭ އަދި ތިމާވެށްޓާއި ރަށްޓެހި އެއްޗެހިން. އިލާ، ލަކުޑި، ބޮނބި، ނާށި، ބޮލި އަދި ފުޅަފި ކަހަލަ އެއްޗެހި ބޭނުންކުރަނީ،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް