ބޭރުގެ ރައްޔިތުކަން ނޫނީ ހިމާޔަތް ދޫކޮށްލިތާ 10 އަހަރު ނުވާ ނަމަ ދެން ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނެ

ރައީސް ޔާމީން: ފައިލް ފޮޓޯ

ބޭރުގެ ރައްޔިތުކަން ނޫނީ ހިމާޔަތް ދޫކޮށްލިތާ 10 އަހަރު ނުވާ ނަމަ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަމަށް ކަނޑައަޅާ، ރިޔާސީ އިންތިޚާބުގެ ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާ އެކު އެ އިސްލާހު ގެޒެޓުކޮށްފި އެވެ.

އެ އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފައި ވަނީ މިއަދު އެވެ. އިސްލާހު ތަސްދީގު ކުރައްވާ ގެޒެޓު ކުރެވުމާ އެކު އިސްލާހަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެންނެވެ.

ރިޔާސީ އިންތިޚާބުގެ ގާނޫނުގެ ހަތް ވަނަ މާއްދާގެ (ށ)ގެ އިތުރަށް (ނ) އިތުރުކޮށް ގެނައި އިސްލާހުގައި ބުނެފައި ވަނީ ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހެއްގައި ހުންނަން ޖެހޭ ޝަރުޠުތަކުގެތެރޭގައި ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ހ)ގައި އެމީހަކީ، ދިވެހި މަންމައަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައިވުން އަދި ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ނުވުން ކަނޑައަޅާފައި ވާތީ، ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހަކު އެއްވެސް އިރެއްގައި ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައިވެފައިވާ ނަމަ، ނުވަތަ ބޭރު ގައުމެއްގެ ޙިމާޔަތް ނުވަތަ ރައްކާތެރިކަން ހޯދާފައިވާ ނަމަ އެފަދަ މީހަކަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލެވޭނީ އެމީހަކު ބޭރު ރައްޔިތުކަން ނުވަތަ ބޭރު ގައުމެއްގެ ޙިމާޔަތް ނުވަތަ ރައްކާތެރިކަން ދޫކޮށްލިތާ މަދުވެގެން 10 އަހަރު ފަހުން ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ގާނޫނަށް ގެނައި މި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އިސްލާހު ފާސްކޮށްފައި ވަނީ 31 މެންބަރުންގެ ވޯޓާއެކު އެވެ.

ރިޔާސީ އިންތިޚާބުގެ ގާނޫނަށްގެނައި އެއްވަނަ އިސްލާހުވެ މިއަަދު ރައީސް ވަނީ ތަސްދީގު ކުރައްވައިފަ އެވެ. އެ އިސްލާހާއެކު ރިޔާސީ އިންތިޚާބުގައި ވާދަކުރާ ފަރާތްތަކުން ދައްކަންޖެހޭ ޑިޕޮސިޓްފީ 40،000 ރުފިޔާ އިން އެއްލައްކަ ރުފިޔާ އަށް ވަނީ ބޮޑުވެފަ އެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 15 ގައި ހުޅުވާލާނެ ކަމަށް އިލެކްޝަންސްއިން މީގެ ކުރިން ވަނީ ބުނެފަ އެވެ. އަދި އިންތިޚާބު ބާއްވާނެ ތާރީޚެއް ކަމަށް އިއުލާނުކޮށްފައި ވަނީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ.

ރިޔާސީ އިންތިޚާބަށް ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައި ވަނީ ޕީޕީއެމްގެ ފަރާތުން ދެވަނަ ދައުރަކަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ފަރާތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަދި އަމިއްލަ ގޮތުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސައިނެވެ.

comment ކޮމެންޓް