ހޮހޮޅައިގައި ތިބި ކުދިންގެ ސިޓީތައް: ކޯޗު އެދެނީ މާފަށް، ކުދިން ބުނަނީ ކަންބޮޑުނުވުމަށް

ތައިލޭންޑުގެ ހޮހޮޅައެއްގައި ތާށިވި ބައެއް ކުދިންނާއި އެކުދިންގެ ކޯޗު -- ފޮޓޯ: ފޭސްބުކް

މިދިޔަ މަހުގެ 23 އަކީ ފީރަފަތު ސޮމްޕިއެންޖައިގެ 16 ވަނަ އުފަން ދުވަހެވެ. އެ ދުވަހު އޭނާގެ އާއިލާއިން މަޑުކޮށްގެން ތިބީ އެ ކުއްޖާ ފުޓުބޯޅަ ކުޅުމަށްފަހު ގެއަށް އައުމުން، ކޭކެއް ފަޅައި ހަދިޔާ ދިނުމުގެ ތައްޔާރީތަކާ އެކުގައެވެ. ނަމަވެސް އެ ދުވަސް ނިމި، ރޭގަނޑު ވީއިރުވެސް ސޮމްޕިއެންޖައިގެ ހަބަރެއް ނުވިއެވެ.

ސޮމްޕިއެންޖައިއަކީ ތައިލޭންޑުގެ އުތުރުގައި އޮންނަ ސިޓީއެއް ކަމަށްވާ ޗިއަން ރައިގެ "ވައިލްޑް ބޯ" ނަމަކަށް ކިޔާ ފުޓުބޯޅަ ޓީމަކަށް ނިސްބަތްވާ ކުއްޖެކެވެ. އުމުރުން 11 އަހަރާއި 16 އަހަރާ ދެމެދުގެ 12 ކުދިން ހިމެނޭ އެ ޓީމުގެ ކޯޗާއެކު، އެ ކުދިން ވަނީ މިދިޔަ މަހުގެ 23 ގައި ތަމް ލުއަންގް ހޮހޮޅައިގައި ތާށިވެފައެވެ.

އަދި އިއްޔެއަކީ އެކުދިންނާއި އެކުދިންގެ އާއިލާއާ ދެމެދު ސިޓީ މެދުވެރިކޮށް މުއާސަލާތުކުރެވުނު ފުރަތަމަ ފަހަރެވެ.

"މަންމައާއި ބައްޕައާއި ދައްތަ ދެކެ ލޯބިވޭ. އަޅުގަނޑުގެ ހާލާ މެދު ކަންބޮޑުވާނެ ކަމެއް ނެތް. އެންމެން ދެކޭ ވަރަށް ލޯބިވޭ!" ފީރަޕަތުގެ ނޯޓުގައި ވެއެވެ.

ފުރަތަމަ ނޯޓުގައި ވަނީ މަންމަ އާއި ބައްޕަ އާއި ބޭބެ ދެކެ ލޯބިވާ ކަމަށް އަދި ކަންބޮޑުނުވުމަށް. ދެވަނަ ނޯޓުގައިވެސް ވަނީ މަންމަ އާއި ބައްޕަ ދެކޭ ލޯބިވާ ކަމަށާއި، އަބަދުވެސް މަންމަ އާއި ބައްޕައާ ދެމެދު ވިސްނާ ކަމަށް، އަދި ކަންބޮޑު ނުވުމަށް -- ފޮޓޯ: ރޮއިޓާސް

އެކުދިން ހޮހޮޅައިގައި ތާށިވެފައި ތިބި ތަން ފެނުނީ ގެއްލުނުތާ ގާތްގަނޑަކަށް 10 ދުވަސްވީ ފަހުންނެވެ. އަދި އެކުދިން ހޮހޮޅައިން ނެރުމުގެ މަސައްކަތް އެގައުމުގެ އަސްކަރިއްޔާއިން މިއަދު ވަނީ ފަށާފައެވެ.

"ހުރިހާ ބެލެނިވެރިންނަށް ބުނެލަން، ހުރިހާ ކުދިންގެ ހާލުވެސް ރަނގަޅު. އަޅުގަނޑަށް ވެވުނު ވަރަކުން އެކުދިންނަށް އަޅާލާނެކަމުގެ ޔަގީންކަން ދެން. އަދި ހުރިހާ މައިންބަފައިންގެ ފަރާތުންވެސް މާފަށް އެދެން،" ޑައިވަރުން މެދުވެރިކޮށް އެކުދިންގެ ކޯޗު އެއްކަޕޯލް ޗަންޓަވޮންގް ފޮނުވި ނޯޓުގައިވެއެވެ.

މިދިޔަ ހޯމަ ދުވަހު އެކުދިން ހޮހޮޅައިގެ ތެރެއިން ފެނުނު ފަހުން ތައިލޭންޑުގެ އަސްކަރިއްޔާއިން ވަނީ އެކުދިންނަށް ކާނާ ފޯރުކޮށްދީފައެވެ. އަދި ޑޮކްޓަރުންނާއި ނަރުހުން ވަނީ އެކުދިންގެ ހާލު ބަލާފައެވެ. ނަމަވެސް މި ދުވަސްވަރަކީ ތައިލޭންޑުގައި ވިއްސާރަ މޫސުން ކަމަށްވުމުން، ވާރޭ ވެހި، ހޮހޮޅައިގައި އިތުރަށް ފެންބޮޑުވުމުގެ ސަބަބުން ކުދިން ސަލާމަތްކުރުމަށް ހުރަސް އެޅިދާނެކަމުގެ ބިރު ވަނީ ހީވެފައެވެ.

ނަމަވެސް އެފަދަ ދަނޑިވަޅެއްގައިވެސް، ބައެއް ކުދިންގެ ސަމާސާ މިޒާޖަކަށް ބަދަލެއް ނާދެއެވެ. އެކަން އެނގިގެން ދަނީ 15 އަހަރުގެ ފިފަޓް ފޮޓީ އޭނާގެ އާއިލާއަށް ފޮނުވާފައިވާ ނޯޓުންނެވެ.

"މަންމައާއި ބައްޕައާއި ކޮއްކޮ ދެކެ ވަރަށް ލޯބިވޭ. މިތަނުން ނުކުމެވިއްޖެ ނަމަ ގްރިލްޑް ޕޯކްއާއި ތަރުކާރީ ގެނެސްދެއްޗޭ،" ފޮޓީގެ ނޯޓުގައިވެ އެވެ.

ތައިލޭންޑުގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި 12 ކުދިން ހޮހޮޅައިން ނެރުމުގެ މަސައްކަތް މިއަދު ފެށި ނަމަވެސް، އެކަމަށް ދުވަސްތަކެއް ހޭދަ ވެދާނެއެވެ. ނަމަވެސް ސޮމްޕިއެންޖައިގެ އާއިލާއިން އަދިވެސް ތިބީ އެކުއްޖާ ގެއަށް އައުމާއެކު އުފަން ދުވަސް ފާހަގަކުރަން ތައްޔާރަށެވެ. ހަމަ އެފަދައިން އެ ހުރިހާ ކުދިންގެ އާއިލާތަކުންވެސް ދަނީ އުންމީދު ކަނޑާލަން ދެކޮޅު ހަދައި، އެކުދިން ފެންނާނެ ވަގުތަކަށް އިންތިޒާރު ކުރަމުންނެވެ.

comment ކޮމެންޓް