އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑުގެ އިސްކޮޅާ ގުޅޭގޮތުން މަލާމާތް ނުކުރާ ކަމަށް ބެލްޖިއަމްގެ ގައުމީ ޓީމުގެ ކީޕަރު ތީބޯ ކޯޓުއާ ބުނެފިއެވެ.
ކޯޓުއާ އެހެން ބުނެފައި ވަނީ ބެލްޖިއަމްއާއި އިންގްލެންޑް ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗަށްފަހު ޕިކްފޯޑަށް އަމާޒުކޮށް އޭނާ ބުނި އެއްޗަކާ ގުޅިގެން މީޑިއާގައި ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. ބެލްޖިއަމްއާއި އިންގްލެންޑް ވާދަކުރި މެޗުގައި ބެލްޖިއަމްގެ އަދުނާން ޔަނޫޒާއި ޖެހި ގޯލާ ގުޅިގެން ކޯޓުއާ ބުނީ އޭނާއަށް އެ ބޯޅަ ސޭވް ކުރެވޭނެ ކަމަށެވެ. ސަބަބަކީ ޕިކްފޯޑަށްވުރެ ކޯޓުއާ 15 ސެންޓިމީޓަރު ދިގުވުމުން ކަމަށެވެ.
އެ ވާހަކައަށް ރައްދު ދިނުމުގެ ގޮތުން ޕިކްފޯޑު ބުނީ ދިގަކަސް ކުރަކަސް އޭނާއަށް މައްސަލައެއް ނެތް ކަމަށާއި، ކޯޓުއާ ދިން ބަހުގެ ހަމަލާއަށް ރައްދެއް ނެތް ކަމަށެވެ.
ބެލްޖިއަމްއާއި ބްރެޒިލް ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗަށްފަހު ކޯޓުއާ ވަނީ އޭނާ ޕިކްފޯޑަށް ފުރިހަމައަށް އިހުތިރާމް ކުރާ ކަމަށް ބުނެފައެވެ.
"އަހަރެން ޕިކްފޯޑަށް މަލާމަތް ކުރުމަށް ބުނި އެއްޗެއް ނޫން އެއީ. އަހަރެން ފުރިހަމައަށް އިހުތިރާމް ކުރަން ޕިކްފޯޑަށް. އޭނާ ކޮންމެ އިސްކޮޅެއްގައި ހުރި ނަމަވެސް ޕިކްފޯޑަކީ ވަރަށް މޮޅު ކީޕަރެއް،" ކޯޓުއާ ރޭގެ މެޗަށްފަހު ބުންޏެވެ.
މިއަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ބެލްޖިއަމް ދަތުރުކޮށްފައިވާ އިރު، މިއީ 1986 ވަނަ އަހަރަށްފަހު ވޯލްޑް ކަޕެއްގެ ސެމީ ފައިނަލަށް އެޓީމު ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެ އަހަރު މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕް ބެލްޖިއަމްއިން ނިންމާލީ ހަތަރުވަނަ ޓީމުގެ ގޮތުގައެވެ.
މިއަހަރުގެ ވޯލްޑް ކަޕް ސެމީ ފައިނަލްގައި ބެލްޖިއަމް ވާދަކުރަން ޖެހޭނީ ފްރާންސާ ދެކޮޅަށެވެ.