ދަތުރުވެރިންނަށް ޚާއްސަކޮށްގެން އެލައިޑް އިންޝުއަރެންސް އިން ޚާއްސަ ޓްރެވަލް އިންޝުއަރެންސް ވެބްސައިޓެއް ތައާރަފުކޮށްފި އެވެ.
މިއީ އެލައިޑަށް 33 އަހަރު ފުރުމާ ގުޅުވައިގެން ބޭއްވި ހަފްލާގައި ތައާރަފުކުރި އެލައިޑް ޓްރެވަލް ޕްރޮޓެކްޝަން ޕްލޭންގައި ހުރި ޕެކޭޖުތަކަށް ޚާއްސަ ވެބްސައިޓެކެވެ.
ދަތުރުކުރާ ފަރާތްތަކަށް ޚާއްސަ މި އިންޝުއަރެންސް ޕްލޭންއަކީ ދަތުރުމަތީ ކުރިމަތިވާ ކަންތަކުން ރައްކާތެރިކަން ލިބޭނެ ގޮތަކަށް ފަރުމާކޮށްފައިވާ ޕްލޭންތަކެއްކަމަށް އެލައިޑުން ބުންޏެވެ. ބިޒްނަސް ދަތުރުތަކާއި ޗުއްޓީ ދަތުރުތައް، އެޑްވެންޗާ ދަތުރުތައް އަދި އިތުުރު ކަންތައްތައް ވެސް މި ޕެކޭޖުގެ ދަށުން ކަވަރު ކުރާނެ ކަމަށް އެލައިޑުން ބުންޏެވެ. އެގޮތުން ކުޅިވަރު ކުޅުން ނޫނީ ކޮންމެވެސް ހަރަކާތެއްގައި އުޅެނިކޮށް ލިބޭ ގެއްލުން މި ޓްރެވަލް ޕްލޭންތަކުން ކަވަރު ކުރާނެ ކަމަށް ވެސް ބުންޏެވެ.
މި ޓްރެވަލް ޕްލޭންތައް އެކަމަށް ޚާއްސަ ވެބްސައިޓު މެދުވެރިކޮށް ނެގޭނެ ކަމަށް އެލައިޑުން ބުންޏެވެ. ޕްލޭންތައް ފެށޭ އަގަކީ 10 ޑޮލަރެެވެ.
މިހާރު ކުރިއަށްދާ ވެކޭޝަންސް އެކްސްޕޯގެ ތެރެއިން މިރޭ މި ޕްލޭންތައް އިފްތިތާހުކޮށްދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން އެލައިޑްގެ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފް ވިދާޅުވީ ޓްރެވެލާސް ޕްލޭން ފަރުމާކޮށްފައި ވަނީ ކަސްޓަމަރުންގެ ފީޑްބެކަށް ބަލައި ދިރާސާ ކުރުމަށް ފަހު ކަމަށެވެ.
"މި ޕްލޭނުގެދަށުން ޝެންގެން ވިސާ އިން ފެށިގެން އެމަޖެންސީ މެޑިކަލް އެސިސްޓެންޓު ލިބޭނެ. ކަވަރޭޖުލިބޭ ހާލަތްތައް އިތުރުކޮށް ކޮންމެ ހާލަތަކަށް ހާއްސަ ޓޯޓަލް ލިމިޓް ވެސް އިތުރު ކުރެވިފައިވާނެ. މި ޕެކޭޖުގައި ވިޔަފާރި ދަތުރަކަށް ނޫނީ ޗުއްޓީއަށް ދާ މީހުންނަށް އެމީހެއްގެ ދަތުރުގެ ބޭނުމާ ގުޅުވައިގެން ހިމަނަން ބޭނުންވާ އޮޕްޝަނަލް ކަވާސް ނެގުމުގެ ފުރުސަތު ވެސް އޮންނާނެ،" ނިއުޝާދު ވިދާޅުވި އެވެ.