އަންނަ މަސް ނިމުމުގެ ކުރިން ބްރިޖް ހުޅުވާނެ: މުއިއްޒު

ިހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު --ސަން ފޮޓޯ/ ފަޔާޒް މޫސާ

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް އަންނަ އޮގަސްޓް މަސް ނިމުމުގެ ކުރިން ހުޅުވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ބްރިޖްގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު އާންމުކުރަމުން ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި މަސައްކަތް ކުރިއަށްދަނީ ޝެޑިއުލަށްވުރެ ވެސް އަވަހަށް ކަމަށާއި އަންނަ މަސް ނިމުމުގެ ކުރިން ބްރިޖްގައި ކުރަން ހުރި ހުރި މަސައްކަތެއް ނިމި ހުޅުވާނެ ކަމަށެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ އެގްރިމަންޓްގައި ވާގަޮތުން ބްރިޖްގެ މަސައްްކަތް ނިންމަންޖެހެނީ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހަށް ނަމަވެސް އެ މަސައްކަތް ކުރާ ކުންފުނިން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ކަނޑައެޅިފައިވާ ދުވަހަށް ވުރެ އަވަހަށް މަސައްކަތް ނިންމާނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ. އަދި ޖުލައި 26 ވަނަ ދުވަހަށް ބްރިޖް ހުޅުވަން މަސައްކަތް ކުރަނީ އެ މަސައްކަތް ކުރާ ކުންފުނިން ކަމަށާއި ހައުސިން މިނިސްޓްރީން އެ ދުވަހު ބްރިޖް ހުޅުވާނެ ކަމަށް ވިދާޅުވެފައި ނުވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ ހޯމަ ދުވަހަކީ ދިވެހި ތާރީހުގައި ފާހަގަކޮށްލެވޭ ދުވަހަކަށް ވެގެންދާނެ ކަމަށާއި ހޯމަ ދުވަހު ފުރަތަމަ ފަހަރަށް އެއްގަމު މަގުން މާލެއާ ހުޅުލެއާ ދެމެދު ގުޅާލެވިގެންދާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެއީ ދިވެހި ތާރީހުގައި ރަން އަކުރުން ލިޔެވިގެންދާނެ ކަމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މާލެއާއި ހުޅުލެ ގުޅުވާލައި ނިމުމުން ދެން ކުރިއަށްދާނީ ބްރިޖް ފުރިހަމަކުރުމަށް ކުރަންޖެހޭ މަސައްކަތްކަމަށާއި އެ މަސައްކަތުގެ ދަށުން ބްރިޖުގެ ޑެކު މަތީގައި ތާރު އެޅުމާއި ލައިޓު ޖެހުން ފަދަ ކަންކަން ހިމެނެއެވެ.

ބުރިޖު އެޅުމަށް ޖުމްލަ 300 މިލިއަން ޑޮލަރު (4.6 ބިލިއަން ރުފިޔާ) ޚަރަދުވެއެވެ. އެ ފައިސާގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 170 މިލިއަން ޑޮލަރު ޗައިނާ އިން ދޭނީ ލޯނު އެހީގެ ގޮތުގަ އެވެ. އެ ލޯނުގެ އިންޓްރެސްޓަކީ ދެ ޕަސެންޓެވެ. ބުރިޖް އެޅުމަށް ދިވެހި ސަރުކާރުން 30 މިލިއަން ޑޮލަރު ޚަރަދުކުރާނެ ކަމަށް ފައިނޭންސް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް