24 އެގްޒެބިޓަރުންނާ އެކު ވެކޭޝަން އެކްސްޕޯ ފަށައިފި

ވެކޭޝަންސް އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތު --- ސަން ފޮޓޯ: ފަޔާޒު މޫސާ

ފަތުރުވެރިކަމުގެ ހިދުމަތްތައްދޭ ފަރާތްތަކުގެ ޚިދުމަތްތަކުގެ މައުލޫމާތުތައް އެއް ފުރާޅެއްގެ ދަށުން އާންމުންނަށް އަދި ފަތުރުވެރިންނަށް ފޯރުކޮށްދިނުމަށް ބާއްވާ ވެކޭޝަން އެކްސްޕޯ އާޓް ގެލެރީގައި ފަށައިފި އެވެ.

ވެކޭޝަން އެކްސްޕޯގައި ހުރި ބެންކޮކް ހޮސްޕިޓަަލުގެ ސްޓޯލް ---- ސަން ފޮޓޯ: ފަޔާޒު މޫސާ

އެކްސްޕޯ ހުޅުވައިދެއްވީ އދ. އިން ރާއްޖެއަށް ކަނޑައަޅާފައިހުންނަވާ ރެޕްރެޒެންޓޭޓިވް އަދި ޔޫއެންޑީޕީގެ ރެޒިޑެންޓަލް ރެޕްރެޒެންޓޭޓިވް ޝޯކޯ ނޮޑާ އެވެ.

އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެކްސްޕޯ އިންތިޒާމުކުރާ ހައިރައިޒްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝާމިން ވިދާޅުވީ ވެކޭޝަން އެކްސްޕޯގެ ފުރާޅުގެ ދަށުން ކުރިއަށް އޮތް ބަންދުގައި ޗުއްޓީ ހޭދަކޮށްލަން ދާނެ ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ މަންޒިލުތަކުން ޑިސްކައުންޓު ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މިއީ މި އެކްސްޕޯ ބާއްވާ ތިން ވަނަ އަހަރެވެ.

މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އެކްސްޕޯގައި ރާއްޖޭގެ އިތުރުން ބޭރުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެއާލައިންތައް ބައިވެރިވެ އެވެ.

ވެކޭޝަން އެކްސްޕޯ ކުރިއަށް ދާނީ މެންދުރު 2:00 އިން ހަވީރު 6:00 އަށް، އަދި އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ. ހުކުރު ދުވަހު ހުޅުވާފައި ހުންނާނީ ހަވީރު ހަތަރަކުން ރޭގަނޑު 11 އަށެވެ.

މި އެކްސްޕޯގެ ޕްރިންސިޕަލް ސްޕޮންސަރަކީ އިނަ މޯލްޑިވްސް އެވެ. ކޯ ސްޕޮންސަރަކީ ތައިލެންޑްގެ ފަތުރުވެރިކަމާ ބެހޭ އިދާރާ، ޓޫރިޒަމް އޮތޯރިޓީ އޮފް ތައިލެންޑު އަދި އެލައިޑް އިންޝުއަރެންސެއެވެ.

މެލޭޝިއާގެ ޓޫރިޒަމް ބޯޑުގެ އިތުރުން ބޫޓާނުގެ ހޮޓެލްސް އެންޑް ރެސްޓޯރެންޓް އެސޯސިއޭޝަނުން ވެސް މި އެކްސްޕޯގައި ބައިވެރިވެ އެވެ.

އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަގުހުރި އިނާމުތައް ވެސްދޭ ގޮތަށް ވަނީ އިންތިޒާމުކޮށްފަ އެވެ. އެގޮތުން އެކްސްޕޯއަށް ޒިޔާރަތްކޮށްގެން އަންނަ ބޮޑު އީދު ބަންދުގައި ޗުއްޓީ ހޭދަކޮށްލަން ދާނެ ތަނެއް ނިންމުމުގެ ފުރުސަތު ދެ އެވެ. އެގޮތުން ގިނަ ގެސްޓްހައުސްތަކާއި ރިސޯޓުތައް އަދި ރާއްޖެއިން ބޭރުގެ ޓްރެވަލް އިންޑަސްޓްރީގެ ފަރާތްތަކުން މި އެކްސްޕޯގައި ބައިވެރިވެ، އެ ފަރާތްތަކުގެ ޓްރެވަލް ޕެކޭޖުތަކާއި ޗުއްޓީ ޕެކޭޖުތަކުގެ މައުލޫމާތު ހިއްސާކުރާނެ އެވެ.

ވެކޭޝަން އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގްރޭންޑް ލަކީޑްރޯއިން ހޮވޭ ފަރާތްތަކަށް ކަނޑައަޅާފައިވާ އިނާމުތަކުގެ ތެރޭގއި ހައްޖު ކޯޕަރޭޝަނުންދޭ އުމްރާ ދަތުރު، އަލް މަނާސިކު ގްރޫޕުންދޭ އުމްރާ ދަތުރު، ގެސްޓް ހައުސްތަކުންދޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު، ރާއްޖެ އިން ބޭރަށް ޒިޔާރަތް ކުރުމަށް ބެންކޮކް އެއާވޭސް، ސިންގަޕޯ އެއާލައިންސް، ސްރީލަންކަން އެއާލައިންސް އަދި އެއާ އޭޝިއާ، ގަތަރު އަދި ސްކޫޓް އެއާލައިނުން ހުށަހަޅާ ޓިކެޓް، ބޫޓާން، މެލޭޝިއާ، ތައިލެންޑް އަދި ސިންގަޕޫރުގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

މީގެ އިތުރުން ވެސް އެކްސްޕޯއަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތްތަކަށް ގިނަ އިނާމުތަކެއް ވަނީ ހުށަހަޅައިފަ އެެވެ. އޭގެ ތެރޭގައި ބެންކޮކް ހޮސްޕިޓަލުން ހުށަހަޅާ ޚާއްސަ ޕެކޭޖު، ޕަޑި އޯޕަން ވޯޓާ އަދި ޑައިވް ކޯސް، އަދި އެލައިޑްއިން ހުށަހަޅާ އިންޝުއަރެންސް ޕެކޭޖު ހިމެނެ އެވެ.

މި އިނާމުތަކުގެ އިތުރުން އެކްސްޕޯގެ ސްޓޯލުތަކަށް ޒިޔާރަތް ކޮށްގެން ވެސް އިނާމު ހޯދުމުގެ ފުރުސަތު އޮވެ އެވެ.

ވެކޭޝަންސް އެކްސްޕޯއަކީ ޓްރެވަލް މާކެޓަށް ހިދުމަތްތައް ދޭ ފަރާތްތަކުގެ ހިދުމަތްތަކުގެ މައުލޫމާތުތައް އެއް ފުރާޅެއްގެ ދަށުން އާންމުންނަށް އަދި ފަތުރުވެރިންނަށް ފޯރުކޮށްދިނުމަށް ބާއްވާ އެކްސްޕޯއެކެވެ.

comment ކޮމެންޓް