ރީތީގެ ރާނީ ވަކިވެދިއުން، ބާރަށަށް ލިބުނު ފަޅުކަމެއް!

ރާއްޖޭގެ ފުރަތަމަ ރީތީގެ ރާނީ ރަމްލާ ގެ މަހާނަ---ސަން ފޮޓޯ/މުހައްމަދު އަފްރާހު

ހއ. ބާރަށަކީ ދިވެހި ތާރީހުގައި ފާހަގަކޮށްލެވޭ ރަށެކެވެ. ދިވެހި ތާރީހުގެ މުހިންމު ސަފުހާތަކެއް ބާރަށުގައި ވަނީ ލިޔެވިފައެވެ. މުހައްމަދު ތަކުރުފާނު ނަމާދުކުރެއްވުމަށް ޚާއްސަ ކުރެވިފައިވާ ތަނެއްކަމަށްވާ، "ބައު ހުކުރު މިސް" އެރަށުގައި ހުރެއެވެ. މުހައްމަދު ތަކުރުފާނު ޕޯޗުގީޒުންނާ ދެކޮޅަށް ކުރި ހަނގުރާމައިގައި ބޭނުން ކުރެއްވި ކަޅުއޮށްފުންމި ބަނީ އެ ރަށުގައެވެ. ކަޅުއޮށްފުންމި ބެންނެވި މަގާއި، އެމަގުގައިހުރި ދެ ދެވަޅުކޮޅަކީވެސް އެ ރަށުގެ ތާޜީހުގެ ތެރެއިން ފަހަގަކޮށްލެވޭ ބައެއް ކަންކަމެވެ. ބާރަށުގައި އޮންނަ ކަމަނާމަގާއި އަދި އެ މަގުގައި ހުންނަ ހާއްސަ ވަޅާއި ކަމަނާއޮޅު އަދި ބާރަށުގައި އޮންނަ ކަނބާ ޢާއިޝާގެ މަހާނައަކީވެސް ހަމަ އެ ލިސްޓުން ޖާގަ ހޯދާކަންކަމެވެ. އެހެން ކަމުން މިވަގުތު އެ ފަހުރުވެރި ތާރީޚުގެ ތަފްސީލަށް ދާކަށް ނެތީމެވެ.

ބުނެވޭ ގޮތުގައި ބާރަށަކީ މިނިރީތިކަމުގެ ގޮތުންވެސް ފާހަގަކޮށްލެވޭ ރަށެކެވެ. އެ ރަށު މީހުންނަކީ ރީތި ބައެއް ކަމަށް ބުނެއެޅެއެވެ. މި ބަހަށް އިތުރު ބާރެއް ލިބިގެންދިޔައީ 1953 ވަނަ އަހަރު ބޭއްވި ރާއްޖޭގެ ފުރަތަމަ ރީތީގެ ރާނީ ހޮވުމުގެ މުބާރާތުގެ އެއްވަނައަށް ބާރަށު ރަމްލާ އަހުމަދު އަލީ ހޮވުމުންނެވެ. އެކާވީސް ބައިވެރިއަކު ބައިވެރިވި އެ މުބާރާތުގައި ރަމްލާ އެއްވަނަ ހޯދީ ހާއްސަ ކޮމިޓީއެއްގެ ވޯޓުންނެވެ.

އަލްމަރުހޫމް ރަމްލާ އަހުމަދު އަލީ--ފޮޓޯ: ބަގީފޮޓޯސް

ފުރަތަމަ ޖުމްހޫރީ ދުވަހުގެ ހަފުލާގެ ކުޅިވަރުގެ ތެރެއިން ބޭއްވި ހާއްސަ ހަރަކާތެއްގެ ގޮތުގައި ކުރިއަށްދިޔަ އެ އިވެންޓުގައި ފަނޑިޔާރުކަން ކުރެއްވީ ކުރީގެ ރައީސް މުހައްމަދު އަމީނާއި، އިބްރާހިމް މުހައްމަދު ދީދީ އާއި އާމިނަތު ހުސައިން އާއި އަލީ ނަޖީބާއި ހަސަން ދީދީ އާއި ދައްޕަރު މޫސާ މަނިކެވެ.

ރަމްލާއަށް އެއްވަނަ ދިނީ ހުރިހާ ބައިވެރިންގެ ފޮޓޯތަކަށް ބެލުމަށް ފަހު އެންމެ ރީތިކަަމަށް ކޮމިޓީގެ ގިނަ މެމްބަރުން އިއްތިފާގުވުމުންނެވެ. އޭނާއަށް އިނާމެއްގެ ގޮތުގައި ހާއްސަ މެޑައްޔަކާއެކު ގަލަމެއް ވަނީ ދީފައެވެ. އަދި އިތުރު ހަދީޔާތައްވެސް ދިނެވެ.

ރަމްލާގެ ވާހަކަ އެހާ ހިސާބުން އެކި ފެންވަރުގެ މަޖިލިސްތަކުގައި ދެކެވެން ފެށިއެވެ. ކައިވެނި ކުރުމަށް މާލޭގެ ބޮޑެތި އާއިލާތަކުގެ ފިރިހެނުންވެސް އޭނާއަށް ހުށަހެޅިއެވެ. ނަމަވެސް އަމީންގެ ވެރިކަން ނިމި ހިނގައިދިޔަ ކަންކަމަށްފަހު އޭނާ ބަދަލުވީ އަނބުރާ ބަރަށަށެވެ.

އަލްމަރުހޫމް ރަމްލާ އަހުމަދު އަލީ--ފޮޓޯ:މީސް މީޑިއާ

ބާރަށަށްދާ ކޮންމެ މީހަކު އެންމެ ފުރަތަމަ އަހާ ވާހަކައެއް އެބައޮތެވެ. އެއީ ރީތީގެ ރާނީ ރަމްލާގެ ވާހަކައެވެ. އެ ރަށަށް އަންނަ މެހެމާނުން އެންމެ ފުރަތަމަ ބަލަން ބޭނުންވަނީ އޭނާއެވެ. ރަމްލާއާއެކު ފޮޓޯއެއް ކޮންމެހެންވެސް ނަގަން އެމީހުން ބޭނުންވެއެވެ. ބާރަށު ކައުންސިލްގެ ރައީސް އަލީ ޝަމީމް "ސަން"އަށް ވިދާޅުވީ، ރަމްލާއަކީ ވަރަށް ހިދުމަތްތެރި ބޭކަނބަލެއް ކަމަށާއި "އާލަސްކަންފުޅާ އުޅުއްވަމުންވެސް ރަށުގެ އެކިއެކި ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވާ" ކަމަށެވެ.

ޝަމީމް ވިދާޅުވީ، ރަމްލާ ނިޔާވުމަކީ ލިބުނު ހިތްދަތިކަމެއް ކަމަށާއި މުޅި ރަށް އޮތީ މާޔޫސްކަމުގެ ތެރޭގައި ކަމަށެވެ.

އެ ރަށަށްދާ ގިނަ ބަޔަކު ރަމްލާއާ ބައްދަލު ކުރަން އެދޭ ކަމަށާއި ބަލިހާލުގައި އުޅެމުންވެސް ރަމްލާ އެމީހުންނަށް ވަގުތުދޭ ކަމަށް ޝަމީމު ވިދާޅުވިއެވެ. އަދި ކިތަންމެ ގިނައިން މާޒީގެ ވާހަކަތައް ކިޔައިދޭން ޖެހުނު ނަމަވެސް އޭނާ ފޫހި ނުވާ ކަމަށާއި ހިތްހެޔޮކަމާއިއެކު އެންމެންނާވެސް މުހާތަބު ކުރާ ކަމަށެވެ.

ޝަމީމް ވިދާޅުވީ މުސްކުޅިވެ ހިނގާބިނގާވެ އުޅެން ދަތިވި ނަމަވެސް ރަށުގައި ހިނގާ މުހިންމު ކަންކަމުގައި ބައިވެރިވެ އެކަންކަން ޝަރަފްވެރިކޮށްދެއްވާނެ ކަމަށާއި އަދި ޒުވާން ކުދިންނަށް އަބަދުވެސް އިރުޝާދުދީ ހައްދަވާނެ ކަމަށެވެ. ރަމްލާ ނެތުމަކީ ބާރަށަށް ލިބުނު ފަޅުކެމެއް ކަމަށާއި އޭނާގެ ކާމިޔާބީ އަކީ މުޅި ބާރަށް އަބަދުވެސް ފަހުރުވެރިވާ ކާމިޔާބީއެއް ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ރަމްލާއާ ބައްދަލުވެ ވާހަކަ ދައްކާ މީހުން ފާހަގަކުރާ ޚާއްސަ ކަމެއް އޮވެއެވެ. އެއީ ރީތި ކަމާއި އެއްވަރަށް އޭނާގެ ޚުލްގު ހެޔޮކަމާއި ހިތުގައި ކިލަނބުކަމެއް ނެތުމެވެ. އޭނާގެ ހިނިތުންވުމަކީ އުމުރުން 83 އަހަރުވީއިރުވެސް ޖާދޫއެއްކަމަށް ބައެއް މީހުން ގަބޫލުކުރާއިރު ހަތް ދަރިންގެ މަންމަ ރަމްލާއަކީ ބާރަށުގެ ކޮންމެ ރައްޔިތަކުވެސް ފަހުރުވެރިވާ ކަނބަލެކެވެ.

ރަމްލާ ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެ ހެނދުނު 10:30 ހާއިރުއެވެ.

ރަމްލާ ނިޔާވީ މުސްކުޅި ބަލީގައެވެ. އޭނާގެ ބަލި ހާލު ބޮޑުކަމުން މާލޭގައި ދިރިއުޅެމުން ގެންދާތާ ދެ އަހަރު ވެއްޖެއެވެ. ރަމްލާ ނިޔާވީ ރޯދަމަހުން ފެށިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އަދި އޭނާގެ ގާތް މީހަކު ބުނީ އިއްޔެ ހެނދުނުވެސް، ހާލު އާދައިގެ ގޮތަކަށް ހުރުމަށްފަހު ނިޔާވީ ކުއްލިއަކަށް ކަމަށެވެ.

ރަމްލާ ގެ ޖަނާޒާ--ސަން ފޮޓޯ

ފަޚުރުވެރި މާޒީއެއް އޮތް ބާރަށު ތާރީހުގެ އެންމެ ރީތި އެއް ސަފުހާ މާޒީވެގެން ދިޔައީއެވެ. ރަމްލާގެ ދިރިއުޅުން ސާދާވެފައި ހިތްގައިމެވެ. ދުނިޔެ ދޫކުރީ ގައުމަށް ހިދުމަތްތެރި ހަތް ކުދިން ދޫކޮށްފައެވެ. ރާއްޖޭގެ ރީތިގެ ރާނީގެ ތާޖު ރަމްލާގެ މުޅި އުމުރުދުވަހު އޭނާގެ ބޮލުގައި އުފުލިއެވެ. ޒިންމާދާރު ކަމާ އެކުއެވެ. މާޒީގެ މުހިންމު އެ ސޮފުހާ ދިރިހުރި މީހެއްގެ ގޮތަށް ރަމްލާ މި ޖީލަށް ގެނެސްދިން އިރު އޭނާ މިހާރު އެވަނީ ދެމިއޮތުމުގެ އާލަމަށް ދަތުރުކޮށްފައެވެ. ދޫކޮށްފައި ދިޔައީ ފުރަތަމަ ރީތީގެ ރާނީގެ މުބާރާތުގެ ހަނދާންތަކެވެ. ހިތްހެޔޮކަމާއި ގުޅުން ބަދަހިކުރުމުގެ މިސާލުތަކެވެ. ބާރަށުގައި ތިބި ރަމްލާގެ އެކުވެރިންނަށް ފަޅުކަމެވެ.

comment ކޮމެންޓް