ރ. ފައިނުގައި ތަރައްގީކުރާ އެއާޕޯޓު އަޅާނީ ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އާދަމް ޝަރީފަކީ ފައިނަށް އުފަން ބޭފުޅެކެވެ. ފެހިކަންގަދަ ބިޔަ ޖަންގައްޔެއް އޮތް ފައިނުގައި އެއާޕޯޓު އަޅާތީ ބައެއް ފަރާތްތަކުން ދަނީ އެ މަސައްކަތް ހުއްޓާލުމަށް ގޮވައިލަމުންނެވެ. އެ މަޝްރޫއު ހުއްޓައިލުމަށް އެދި 140 މީހުން ސޮއިކޮށްފައިވާ ޕެޓިޝަނެއްވެސް މިއަދު ވަނީ ހުށަހަޅައިފައެވެ.
މިނިސްޓަރު "ސަން" އަށް ވިދާޅުވީ ފައިނު އެއާޕޯޓާމެދު ރައްޔިތުން ހިތްހަމަ ނުޖެހޭ ކަމެއް އޮތްތޯ ބައްލަވާނެ ކަމަށާއި އެފަދަ ކަމެއް އުޅޭނަމަ އެ މައްސަލައަކަށް ހައްލު ހޯދައި ދެއްވާނެ ކަމަށެވެ.

ފައިނު އެއާޕޯޓް ތަރައްގީ ކުރަން އައިލެންޑްއޭވިއޭޝަނާއި ހަވާލު ކުރަން ބޭއްވި ރަސްމިޔާތުގެ ތެރެއިން--ފޮޓޯ/ނާއްޕެ
"އެއާޕޯޓު މަޝްރޫއު ކުރިއަށް ގެންދާނީ ކަންބޮޑުވުން ތަކަށް ބެލުމަށް ފަހު. މިއީ ރަށުގެ ގިނަ ބަަޔަކު ބެނުންވާ މަޝްރޫއެއް،" މިނިސްޓަރު ވިދާޅުވިއެވެ.
ދަނޑުވެރިކަން ފުޅާ ދާއިރާއެއްގައި ކުރާ އެރަށުގައި އެއާޕޯޓު ތަރައްގީ ކުރާ ގޮތުގެ ކުރެހުމެއް ދައުރުވަމުންދާއިރު އެ ކުރެހުމާމެދު ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ރަށުގައި މީހުން ދިރިއުޅޭ ސަރަހައްދު ފިޔަވައި ދެން އޮތް ސަރަހައްދު މަޝްރޫއަށް ނަގަން ނިންމާފައިވާކަމަށް ދަނީ ވާހަކަ ދެކެވެމުންނެވެ. އެކަމާ ގުޅޭގޮތުން މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ ފައިނުގެ އާބާދީ އަށް ބަދަލު ނާންނަ ކަމަށާއި ރަށުގެ ރައްޔިތުންނަށް ވާވަރަށް ބިން އެބައޮތް ކަމަށެވެ. އަދި އެއާޕޯޓު އެޅިނަމަވެސް ރަށުގެ "ނަލަކަމަށް ބަދަލެއް ނާންނާނެ" ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވާހަކަފުޅު ދައްކަވަނީ --- ސަންފޮޓޯ/ ފަޔާޒު މޫސާ
ފައިނުގައި އަޅާ އެއާޕޯޓު ތަރައްގީކުރަން ހަވާލުކޮށްފައިވަނީ އައިލެންޑް އޭވިއޭޝަން އާއެވެ. އެއީ ދެ ސިޓީ ހޮޓަލަކާއި އާޔުރްވެދިކް މެޑިކަލް ޓްރީޓްމެންޓް ސެންޓަރަކާއި މެޑިކަލް ރީހެބް ސެންޓަރެއް ވެސް ހިމެނޭގޮތަށް ތަރައްގީކުރާ އެއާޕޯޓެކެވެ. އަދި އެ އެއާޕޯޓުގައި އައިލެންޑް އޭވިއޭޝަންގެ ޓްރެއިނިންގް ސެންޓަރަކާއި މަތިންދާބޯޓު މަރާމާތުކުރަން ރަނގަޅު ފެންވަރެއްގެ ހޭންގަރއެއް ހަދަން ވަނީ ނިންމައިފަ އެވެ. އަދި މި އެއާޕޯޓަކީ ރޭގަނޑުވެސް މަތިންދާ ބޯޓުފަހަރު އެއްވެސް ދަތިކަމެއް ނެތި ޖެއްސޭ ގޮތަށް ތަރައްގީ ކުރާ އެއާޕޯޓެކެވެ.