ޖީޖީ ހޮސްޕިޓަލުގެ އިހުމާލުން ދިވެހި ކުއްޖާއަށް ގެއްލުން ލިބުނު މައްސަލަ އިންޑިއާ ފުލުހުންނަށް ހުށަހަޅަނީ

ދިވެހި ކުއްޖާގެ އޮޕަރޭޝަން ކުރި ޖީޖީ ހޮސްޕިޓަލް--

އިންޑިއާގެ ޓްރެވިންޑްރަމްގައި ހުންނަ ޖީޖީ ހޮސްޕިޓަލުގައި ދިވެހި ކުއްޖެއްގެ ނުބައި ފައެއް އޮޕަރޭޝަން ކުރި މައްސަލަ އިންޑިއާގެ ފުލުހުންނަށް ހުށަހަޅަން ނިންމައިފިއެވެ.

އިންޑިއާގެ ޓްރެވިންޑްރަމްގައި ހުންނަ ކޮންސިއުލޭޓްގެ އޮފިޝަލަކު މިރޭ ސަން އަށް ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ނިންމާފައިވާ ކަމަށާއި މާދަމާ އެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެ މައްސަލަ ފުލުހުން މެދުވެރިކޮށް ތަހުގީގު ކުރަން ނިންމާފައިވާއިރު ނުބައި ފައެއް އޮޕަރޭޝަން ކުރި އަންހެން ކުއްޖާ އިތުރު ފަރުވާއަށް އެހެން ހޮސްޕިޓަލަކަށް މާދަމާ ބަދަލު ކުރާނެ ކަމަށެވެ. އަދި އެކަން ކަމާބެހޭ ފަރާތްތަކާއެކު ގާތުން ބަލަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި އެ އޮފީހުގެ ޓީމެއް އެ ކުއްޖާ ގާތަށް ދިޔަކަމަށްވެސް ވަނީ ބުނެފައެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެކަން ހިނގާފައިވަނީ މިއަދު އެވެ. ނުބައި ފައެއް އޮޕަރޭޝަން ކޮށްފައިވަނީ 12 އަހަރުގެ ދިވެހި އަންހެން ކުއްޖެއްގެއެވެ.

ނުބައިފައެއް އޮޕަރޭޝަން ކޮށްފައިވަނީ އއ. ތޮއްޑޫ އަށް ނިސްބަތްވާ އަންހެން ކުއްޖެއެކެވެ. އޭނާގެ ބައްޕައަކީ އެ ރަށު މީހެކެވެ. އަދި މަންމަ އަކީ އިންޑިއާ މީހެކެވެ.

އެ ހާދިސާއާ ގުޅޭ ތަފްސީލް މިރޭ "ސަން"އާ ހިއްސާ ކުރަމުން އެ ކުއްޖާގެ މަންމަ ރަޝީދާ ބުނީ އަންހެން ކުއްޖާގެ ވައަތު ފަޔަށް މީގެ ތިން މަސް ކުރިން އަނިޔާވެފައިވާ ކަމަށާއި އޭރު ޑޮކްޓަރަށް ދެއްްކުމުން މައްސަލައެއް ނެތް ކަމަށް ބުނެފައިވާ ކަމަށެވެ.

އިންޑިއާގެ ޓްރެވިންޑްރަމްގައި ހުންނަ ޖީޖީ ހޮސްޕިޓަލުގައި ދިވެހި ކުއްޖެއްގެ ނުބައި ފައެއް އޮޕަރޭޝަން ކުރުމުން އެކަމުގެ މައުލޫމާތު އޭނާގެ މަންމަ ނޫސްވެރިންނާއި ހިއްސާ ކުރަނީ--

އޭނާ ބުނީ ތަދު ބޮޑުވާން ފެށީ ސްކޫލަށް ގޮސް ސިޑިން އަރަން ފެށި ހިސާބުން ކަމަށާއި ފަހުން ޑޮކްޓަރަށް ދެއްކުމުން "ފައިގެ ލިގަމަންޓް ހަލާކުވެފައިވާ ކަމަށް" ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ޑޮކްޓަރުގެ ލަފާގެ މަތިން އޮޕަރޭޝަން ކުރަން ނިންމައި ކުއްޖާގެ ފައި އޮޕަރޭޝަން ކުރަން އެޑްމިޓްކޮށްފައިވަނީ ރޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"އެއްލައްކަ ފަންސާސް ހާސް ރުޕީޒް ދާނެ ކަމަށް ބުނީ. އޭރު ނެތް ލާރި އެއް. ދެން އާސަންދައިން ފައިސާ ހޯދަން އެދުނީ. އޮޕަރޭޝަން ކުރަން ނިންމީ އާސަންދަ ހަމަ ޖެހުނު ހިސާބުން،" އިންޑިއާގެ ޓްރެވިންޑްރަމްގައި ހުރެގެން ފޯނުން މައުލޫމާތު ދެމުން އޭނާ ބުންޏެވެ.

ރަޝީދާ ބުނީ ދަރިފުޅުގެ އޮޕަރޭޝަން ކުރީ މިއަދު ހެނދުނު 9:00 ގައި ކަމަށާއި ޑޮކްޓަރުން އޮޕަރޭޝަން ކުރީ ނުބައި ފައެއްކަން އެނގުނީ ދަރިފުޅު ބުނުމުން ކަމަށެވެ.

"ދަރިފުޅު މި ބުނީ މަންމާއޭ ރިއްސާ ފައެއް ނޫނޭ އޮޕަރޭޝަންކޮށްފައި އޮތީ،" ރަޝީދާ ބުންޏެވެ.

ރަޝީދާ ބުނީ އެކަން ހޮސްޕިޓަލުގެ ސަމާލުކަމަށް ގެނައުމުން މާފަށް އެދިފައިވާ ކަމަށެވެ. ނަމަވެސް އެހާ ފަރުވާ ކުޑަކޮށް އެކަން ހިނގަން މެދުވެރިވީ ކީއްވެކަން އެނގެން ބޭނުންވާ ކަމަށް ރަޝީދާ ބުންޏެވެ.

ޖީޖީ ހޮސްޕިޓަލުގެ އިހުމާލުން ނުބައި ފައެއް އޮޕަރޭޝަން ކުރި ޚަބަރު މިހާރު ވަނީ އިންޑިއާގެ ނޫސްތަކަށްވެސް އަރާފައެވެ. އަދި ރަޝީދާ ވަނީ އެވާހަކަ އިންޑިއާގެ ނޫސްތަކަށް ކިޔާދީފައެވެ.

comment ކޮމެންޓް