ރަޝީދާއަކީ ދިވެއްސަކާ އިނދެގެން އުޅޭ އިންޑިއާ އަންހެނެކެވެ. ރާއްޖޭގައި އުޅޭތާ ދުވަސްވެފައި ވުމުން ދިވެހި ބަހަށް އޭނާ ފަރިތައެވެ. އއ. ތޮއްޑޫ މީހަކާ އިނދެގެން އޭނާއަށް ވަނީ އަންހެން ކުއްޖަކު ލިބިފައެވެ. އެ އަންހެން ކުއްޖާއާއެކު އޭނާ މިހާރު ދިރިއުޅެނީ، އިންޑިއާގެ ޓްރިވެންޑްރަމްގައެވެ. ދަރިފުޅަށް ކިޔަވައިދިނުމަށްޓަކައި އިންޑިއާގައި ދިރިއުޅޭތާ މިހާރު ދެ އަހަރު ވެއްޖެއެވެ.
މީގެ ތިން މަސް ކުރިން އޭނާގެ 12 އަހަރުގެ އަންހެން ދަރިފުޅު ކުޅެން އުޅުމުގެ ތެރޭގައި ތަނެއްގައި ޖެހި އެކުއްޖާގެ ވައަތު ފަޔަށް އަނިޔާވިއެވެ. އެންމެ ފުރަތަމަ ހޮސްޕިޓަލަށް ދެއްކުމުން މައްސަލައެއް ނެތް ކަމަށް ބުންޏެވެ. ނަމަވެސް ތަދު ކޮންމެވެސް ވަރަކަށް ހުރި ކަމަށް އޭނާ ކިޔަދިނެވެ.
ދުވަސް ވަރަކީ ސްކޫލު ބަންދު ދުވަސްކޮޅެއް ކަމުން ރަޝީދާގެ ދަރިފުޅު ގިނަ ވަގުތު ހޭދަކުރަނީ ގޭގައި އަރާމް ކުރުމަށެވެ. އަނިޔާވި ފަޔަށް އެހާބޮޑަށް ތަދު ނުވީވެސް އެހެންވެ ކަމަށް އޭނާ ލަފާ ކުރެއެވެ. ނަމަވެސް ރިހުން ބޮޑުވީ އަލުން ސްކޫލަށް ދާން ފެށުމުންނެވެ.
"އޭނާގެ ކްލާސް ހުންނަނީ ދެވަނަ ބުރީގައި. ސިޑިން އަރަން ފެށީމަ އަލުން ތަދުބޮޑުވާން ފެށީ. ދެން އަލުން ޑޮކްޓަރަށް ދެއްކީ،" އިންޑިއާގެ ޓްރެވިންޑްރަމްގައި ހުރެގެން ރަޝީދާ ސަން އަށް ފޯނުން ކިޔައިދިނެވެ.
ރަޝީދާ ބުނީ ފައިގައި ރިއްސާ ވަރުން ދަރިފުޅަށް ކެތް ނުވާ ހިސާބަށް ދިޔުމުން ހޮސްޕިޓަލުން އެމްއާރްއައި ހަދަން އެދުނު ކަމަށެވެ. އަދި އެއަށްފަހު ދަރިފުޅުގެ "ވައަތު ފައިގެ ލިގަމަންޓް ހަލާކުވެފައިވާ ކަަމަށް" ބުނި ކަމަށެވެ. އަދި ޑޮކްޓަރުގެ ލަފާގެ މަތިން އޮޕަރޭޝަން ކުރަން ނިންމައި ކުއްޖާގެ ފައި އޮޕަރޭޝަން ކުރަން އެޑްމިޓްކުރީ ކަމަށް އޭނާ ކިޔައިދިނެވެ.
"އެއްލައްކަ ފަންސާސް ހާސް ރުޕީޒް ދާނެ ކަމަށް ބުނީ. އޭރު ނެތް ލާރިއެއް. ދެން އާސަންދައިން ފައިސާ ހޯދަން އެދުނީ. ފުރަތަމަ ނުލިބުނު އާސަންދައެއް. ފަހުން އެމްބަސީގެ އެހީގަ އާސަންދަ ލިބުނީ. އޮޕަރޭޝަން ކުރަން ނިންމީ އާސަންދަ ހަމަ ޖެހުނު ހިސާބުން،" ރަޝީދާ ބުންޏެވެ.
އޭނާގެ ދަރިފުޅުގެ އޮޕަރޭޝަން ކުރީ އިއްޔެ ހެނދުނު 9:00 ކަންހާއިރު އިންޑިއާގެ ޖީޖީ ހޮސްޕިޓަލުގައެވެ. ޖީޖީ ހޮސްޕިޓަލަކީ ގިނަ ހިދުމަތްތަކެއް ދެމުން އަންނަ، ޓްރިވެންޑްރަމްގެ މަޝްހޫރު ހޮސްޕިޓަލެކެވެ. މިއީ ދިވެހީންވެސް ވަރަށް ގިނައިން ގޮސްއުޅޭ ހޮސްޕިޓަލެކެވެ.
ރަޝީދާ ކިޔައިދިން ގޮތުން އޮޕަރޭޝަން ނިމުނީ އިއްޔެ މެންދުރު 13:00 ކަންހާއިރުއެވެ. އަދި އޮޕަރޭޝަނަށް ވެއްދުމުގެ ކުރިން އޮޕަރޭޝަނަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއްވެސް ދިޔައީ ރަނގަޅަށް ކަމަށާއި އެކްސްރޭއާ އަދި އެހެންވެސް ޓެސްޓްތައް ހެދީ އޭރު ތަދުވާ ފައިގެ ކަމަށެވެ.
އޮޕަރޭޝަނަށް ފަހުވެސް، އޮޕަރޭޝަން ކުރެވުނީ ނުބައި ފައެއްކަން ޑޮކްޓަރުންގެ ފަރާތުން އަންގާފައި ނުވާ ކަމަށް އޭނާ ބުންޏެވެ. ނުވިތާކަށް އޮޕަރޭޝަން ކުރެވުނީ ނުބައި ފައެއްކަން، އެކަންކުރި ޑޮކްޓަރުންނަށްވެސް އެނގިފައިނުވާ ކަމަށް އޭނާ ބުންޏެވެ. އަދި ނުބައި ފައެއް އޮޕަރޭޝަން ކުރިކަން އެނގުނީވެސް އޭނާގެ ދަރިފުޅު އެވާހަކަ ބުނުމުން ކަމަށް ރަޝީދާ ބުންޏެވެ.
"ދަރިފުޅު މި ބުނީ މަންމާއޭ ރިއްސާ ފައެއް ނޫނޭ އޮޕަރޭޝަންކޮށްފައި އޮތީ،" ރަޝީދާ ކިޔައިދިނެވެ.
ރަޝީދާ ބުނީ އެކަން ހޮސްޕިޓަލުގެ ސަމާލުކަމަށް ގެނައުމުން "މާފަށް އެދުނު" ކަމަށެވެ. އެހާ ފަރުވާ ކުޑަކޮށް އެކަން ހިނގަން މެދުވެރިވީ ކީއްވެކަން އެނގެން ބޭނުންވާ ކަމަށް ރަޝީދާ ބުންޏެވެ. ނަމަވެސް އެ ސުވާލަށް ހޮސްޕިޓަލުން މާބޮޑު ޖަވާބެއް ނުދޭ ކަމަށް އޭނާ ވަނީ ކިޔައިދީފައެވެ.
"މާފު ކުރާށޭ ބުނީ. ދެން ބުނީ އެކަން ފޮރުވައިދޭށޭ. މީހުންގާތު ނުބުނާށޭ. ހޮސްޕިޓަލުގެ އިހުމާލުން ވީ ކަމެއްކަން އެނގޭ. މާފުކުރާށޭ،" ރަޝީދާ ބުންޏެވެ.
ޖީޖީ ހޮސްޕިޓަލުގެ އިހުމާލުން ނުބައި ފައެއް އޮޕަރޭޝަން ކުރި ޚަބަރު މިހާރު ވަނީ އިންޑިއާގެ ނޫސްތަކަށްވެސް އަރާފައެވެ. އަދި ރަޝީދާ ވަނީ އެވާހަކަ އިންޑިއާގެ ނޫސްތަކަށް އަސަރާ އެކު ކިޔައިދީފައެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު އެ ހޮސްޕިޓާ ކައިރިއަށް އެއްވެ ވަނީ ނުރުހުންވެސް ފާޅުކޮށްފައެވެ.
އިހުމާލާ އެކު ހޮސްޕިޓަލުން އެކަން ސިއްރުކުރަން އުޅުމުން ރަޝީދާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި އެ މައްސަލަ ޓްރިވެންޑްރަމްގެ ފުލުހުންނަށް ވަނީ ހުށަހަޅައިފައެވެ. އަދި ރަޝީދާގެ ދަރިފުޅު މިހާރު ވަނީ އެހެން ހޮސްޕިޓަލަކަށް ބަދަލުކޮށް އޭނާގެ ފަޔަށް ފަރުވާ ދިނުމަށް ނިންމާފައެވެ. މި މައްސަލަ އަންނަނީ މިހާރު ރާއްޖޭގެ ކަމާބޭހޭ އިދާރާތަކުންވެސް ބަލަމުންނެވެ.
ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓްގެ އިސް ވެރިންވަނީ އެ ހާދިސާއާ ގުޅިގެން ރޭ އެ ހޮސްޕިޓަލުގައި ހަރަކާތްތެރިވެފައެވެ. އަދި މިހާރުން މިހާރަށް ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ދަނީ އެ އާއިލާއަށް ފޯރުކޮށްދެމުންނެވެ.
"12 އަހަރުގެ ދިވެހި އަންހެން ކުއްޖެއްގެ އޮޕަރޭޝަން ކުރާން ޖެހޭ ފައި ނޫން އަނެއް ފައި އޮޕަރޭޝަން ކުރި މައްސަލަ ޓްރިވެންޑްރަމް ފުލުހުން މެދުވެރިކޮށް ތަހުގީގުކުރަމުން ދަނީ،" ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓުގެ އޮފިޝަލަކު ސަންއަށް ވިދާޅުވިއެވެ.
"މީގެ އިތުރުން ޕޭޝަންޓުގެ ހާލަތު ދެނެގަނެގަތުމަށް، ބެލެނިވެރިޔާގެ ލަފަޔާއެކު އެހެން ހޮސްޕިޓަލަކަށް ބަދަލުކުރުމާއި އިތުރަށް ބޭނުންވާ ފަރުވާ ވެސް ދިނުމަށް ވަނީ ނިންމާފައި."