ހއ. ދިއްދޫގައި ބަޔަކު ވެހިކަލްތަކަށް ގެއްލުންދެނީ

ހއ. ދިއްދޫގައި ބައެއް ސައިކަލުތަކަށް ގެއްލުންދީފައި--

ހއ. ދިއްދޫގައި ބަޔަކު މީހުން ނުކުމެ ބައެއް ވެހިކަލްތަކަށް ގެއްލުންދޭ މައްސަލަ ބޮޑުވެއްޖެ އެވެ.

މީސް މީޑީއާގައި ވަނީ އެ ރަށުގައި ގެއްލުން ދީފައި ހުރި ބައެއް ސައިކަލުތަކުގެ ފޮޓޯ ހިއްސާކޮށްފަ އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ބައެއް ސައިކަލުތަކަށް ވަނީ ބޮޑެތި ގެއްލުންތައް ދީފަ އެވެ.

މިކަމާ ގުޅޭ ގޮތުން "ސަން"އަށް މައުލޫމާތު ދެއްވަމުން ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ވިދާޅުވީ މި ކަން ހިނގަމުން އަންނަތާ ދުވަސްކޮޅެއް ވެފައިވާ ކަމަށާއި ރަށުތެރޭގައި އެކަމުގެ ކަންބޮޑުވުން އުޅޭ ކަމަށެވެ. އަދި އެކަން ފެށިގެން އައީ މީގެ ދެ މަސްކުރިން ކަމަށް ވިދާޅުވި އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި މިކަން ކުރަނީ ދެ ބައެއްގެ ދޭތެރޭގައި އުފެދުނު ހަމަނުޖެހުންތަކަށް ފަހު އެއްބަޔަކު އަނެއް ބަޔަކަށް ރުޅިވެރިކަން ބޭލުމުގެ ގޮތުންނެވެ.

މިހާތަނަށް ތިން ސައިކަލަކަށް ގެއްލުންދީފައިވާ އިރު ލޮރީއަކަށް ވެސް ވަނީ ގެއްލުންދީފަ އެވެ. ތިން ސައިކަލުގެ ތެރެއިން އެއް ސައިކަލު އެއްލާލާފައި އޮއްވާ ފެނުނީ އެ ރަށު ފަޅުތެރެއިންނެވެ. އަނެއް ސައިކަލު ރާޅު ޖަހާ ހިސާބު ގޮނޑުދޮށަށް އެއްލާލާފައި އޮތް އިރު އިތުރު ސައިކަލެއްގެ މަޑި ވަނީ ކޮށާލާފަ އެވެ. އަދި ލޮރީއެއްގެ ބިއްލޫރިގަނޑު ވަނީ ގެއްލުވާލާފަ އެވެ.

އަލީ ހާޝިމް ވިދާޅުވީ ކައުންސިލްގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އެކަމާ ގުޅިގެން އެބައޮތް ކަމަށާއި ނަމަވެސް އަދި އެކަން ހުއްޓިފައި ނުވާ ކަމަށެވެ.

ފުލުހުން އަންނަނީ މި މައްސަލަ ބަލަމުންނެވެ.

comment ކޮމެންޓް