ލޯންޗެއްގެ ބުރަފަތިން ޖެހި ފަތުރުވެރިޔަކު މަރުވެއްޖެ

ބ. ކަނުފުށީގައި ހިންގާ ފިނޮޅު ރިސޯޓު ---

ބ. ކަނުފުށީގައި ހިންގާ "ފިނޮޅު ބާ އެޓޯލް މޯލްޑިވްސް" ރިސޯޓުގެ ފަޅުތެރޭގައި ފީނަން އުޅުނު ޗައިނާގެ ދެ ފަތުރުވެރިއެއްގެ ގައިގައި އެ ރިސޯޓުގެ ލޯންޗެއްގެ ބުރަފަތިން ޖެހި، އޭގެ ތެރެއިން އެކަކު މަރުވެއްޖެއެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ ޑެޕިއުޓީ މެނޭޖަރ މުހަންމަދު ރަޝީދު "ސަން"އަށް ވިދާޅުވީ މިއަދު 11:15 ހާއިރު ލޯންޗެއްގެ ބުރަފަތިން ޖެހިގެން ދެ ފަތުރުވެރިއެއް އެ ހޮސްޕިޓަލަށް ގެނައި ކަމަށެވެ. އަދި އެ ދެ މީހުން ގެނައި އިރު ވެސް އޭގެ ތެރެއިން އެކަކު މަރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަރުވީ ފަތުރުވެރިއަކީ ޗައިނާއަށް ނިސްބަތްވާ 27 އަހަރުގެ ފިރިހެނެކެވެ. އަދި އޭނާއާ އެކު ފީނަން އުޅުނީ އޭނާގެ އަނބިމީހާއެވެ. ބ. އަތޮޅު ހޮސްޕިޓަލުގެ ޑެޕިއުޓީ މެނޭޖަރު ވިދާޅުވި ގޮތުގައި، 24 އަހަރުގެ އެ އަންހެން މީހާގެ މޫނުމަތީގެ ބައެއް ތަންތަން ކަނޑައިގެން ގޮސްފައިވާ ކަމަށެވެ.

ނަމަވެސް އެ މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަންހެން މީހާ އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

comment ކޮމެންޓް