ގްރޭޓާ މާލެ ސަރަހައްދުގެ ކުނި މެނޭޖުކުރުމަށް އޭޑީބީން 33 މިލިޔަން ޑޮލަރު ދޭން ނިންމައިފި

ވެމްކޯ ސައިޓްގައި އޮތް ކުނި ލޮރީއަކަށް ކުނި އަޅަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގްރޭޓާ މާލެ ސަރަހައްދުގެ ދެމެހެއްޓެނިވި ތަރައްގީއާއި ތިމާވެށި ހިމާޔަތްކުރުމަށްޓަކައި ކުނި މެނޭޖުކުރުމުގެ ރަނގަޅު ނިޒާމެއް ގާއިމުކުރުމަށް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)އިން ރާއްޖެއަށް 33.07 މިލިޔަން ޑޮލަރުގެ ހިލޭ އެހީ ދިނުމަށް އެ ބޭންކުގެ ބޯޑުން ނިންމައިފިއެވެ.

އޭޑީބީގެ ސީނިއާ އާބަން ޑިވެލޮޕްމެންޓް ސެޕްޝަލިސްޓް ރޮން ސްލެންގެން ވިދާޅުވީ އޭޑީބީގެ މި އެހީގެ ސަބަބުން ގްރޭޓާ މާލެ އޭރިއާއާއި އެ ސަރަހައްދު ވަށައިގެންވާ ރަށްރަށުގެ މާހައުލަކީ ދިރިއުޅުމަށް ރައްކާތެރި ތަންތަނަށް ހަދައިދޭނެ ކަމަށެވެ.

އޭޑީބީއިން ރާއްޖެއަށް ދޭ 33 މިލިޔަން ޑޮލަރުގެ ހިލޭ އެހީގައި ހިންގާ މަޝްރޫޢުގެ ދަށުން ކުނި ކަލެކްޓުކުރުމާއި، އެއްތަނުން އަނެއް ތަނަށް ގެންދިއުމާއި އަދި ކުނި ނައްތާލުމަށް މިހާރު ގެންގުޅޭ ނިޒާމަށް ވުރެ ރަނގަޅު ނިޒާމެއް ގާއިމުކުރެވޭނެއެވެ. އޭގެ ތެރޭގައި ކުނި އުފުލަން ބޭނުންކުރާ އުޅަނދުފަހަރާއި ޓްރާންސްފާ ސްޓޭޝަންތަކާއި ކުނި އުކާ ސަރަހައްދުތަކަށް ބޭނުންވާ މެޝިނަރީ ވެސް ހިމެނެއެވެ. މި މުޅި ނިޒާމު ގާއިމުކުރެވޭނީ މޫސުމީ ބަދަލުތަކާއި ކާރިސާތަކުން ރައްކާތެރި ގޮތަކަށެވެ.

މި މަޝްރޫއުގެ ދަށުން 32 ރަށެއްގައި މިހާރު ހުރި ކޮމިއުނިޓީ ބޭސްޑް ވޭސްޓް މެނޭޖްމެންޓް ނިޒާމުތައް ވަރުގަދަ ކުރެވޭނެއެވެ.

ވޯލްޑް ބޭންކުން ދޭ 33 މިލިޔަން ޑޮލަރުގެ އެހީގައި ހިންގާ މަޝްރޫއުގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ރާއްޖޭގެ 200،000 އަށް ވުރެ ގިނަ މީހުންނަށް ފައިދާ ކުރާނެކަމަށް އެ ބޭންކުން ބުންޏެވެ.

މަޝްރޫއުގެ ދަށުން ހިނގާނެ ކަންކަން

  • މާލެ ސަރަހައްދުގެ ކުނި މެނޭޖްމެންޓް ނިޒާމު ވަރުގަދަކުރުން
  • ވެމްކޯއަށް 500،000 ޑޮލަރުގެ ޓެކްނިކަލް އެހީ ފޯރުކޮށްދިނުން
  • 32 ރަށެއްގެ ކުނި ނައްތާލުމުގެ ނިޒާމުތައް ވަރުގަދަކުރުން
  • ޖަޕާން ސަރުކާރުން ދޭ ދެ މިލިޔަން ޑޮލަރުގެ ހިލޭ އެހީގައި ރަށްރަށުގައި ތިމާވެށީގެ ހޭލުންތެރިކަން އިތުރުކޮށް، ވޭސްޓް މެނޭޖްމެންޓް ސެންޓަރުތައް ގާއިމުކޮށް، އަންހެނުންނަށް ކެޕޭސިޓީ ބިލްޑިންގް ޕްރޮގްރާމް ހިންގުން

އޭޑީބީގެ 33 މިލިޔަން ޑޮލަރުގެ ޖަޕާން ސަރުކާރުން ދޭ ދެ މިލިޔަން ޑޮލަރާއި، ރާއްޖޭގެ ސަރުކާރުން 4.93 ޑޮލަރާ އެކު، މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމުގެ މަޝްރޫއުގެ ޖުމްލަ އަގު 40 މިލިޔަން ޑޮލަރަށް އަރައެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި، 2023 ވަނަ އަހަރާ ހަމައަށް ނިންމާލެވޭނެކަމަށް އޭޑީބީން ލަފާކުރެއެވެ.

comment ކޮމެންޓް