ރީބްރޯޑްކާސްޓަރަކު ޖޫރިމަނާކުރަން ނިންމި ނިންމުން ބާތިލުކުރަން ހުށަހަޅަނީ

ދިރާގު، މީޑިއާނެޓް އަދި ޕީއެސްއެމް އާއެކު ބްރޯޑްކާސްޓިން ކޮމިޝަންގައި ބޭއްވި ބައްދަލުވުމަށްފަހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ސަންފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގައި ރީބްރޯޑްކާސްޓިންގް ޚިދުމަތްދޭ އެކްސް ޕަވާ މޯލްޑިވްސް، އެއް މިލިޔަން ރުފިޔާއިން ޖޫރިމަނާކުރުމަށް ބްރޯޑްކާސްޓިންގް ކޮމިޝަނުން ނިންމި ނިންމުން ބާތިލުކުރުމަށް އެކުންފުނިން ނިންމައިފިއެވެ.

ބްރޯޑްކާސްޓިންގް ކޮމިޝަނުން އެކްސް ޕަވާ މޯލްޑިވްސް ޖޫރިމަނާކުރުމަށް ނިންމީ ރީބްރޯޑްކާސްޓް ކުރުމުގެ ހައްގު ނެތް ޗެނަލްތަކެއް، ރާއްޖޭގެ 11 ރިސޯޓަކަށް ރީބްރޯޑްކާސްޓްކުރިކަމުގެ ޝަކުވާއެއް ލިބުމުން، އެ މައްސަލަ ތަހުގީގުކުރުމަށްފަހުއެވެ.

ބްރޯޑްކޮމްގެ ނިންމުމުގައި ބުނެފައިވަނީ އެކްސް ޕަވާ މޯލްޑިވްސްއިން ހަތް ރިސޯޓަކަށް ޓެސްޓު ސިގްނަލް ދެމުން ގެންދާކަމަށް އިއުތިރާފުވެފައިވާ ކަމަށެވެ. އަދި ބާކީ ހަތަރު ރިސޯޓަށް ޗެނަލްތައް ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ އޮތްކަމުގެ ލިޔެކިޔުން ހުށަހެޅި ނަމަވެސް، އެ ރިސޯޓުތަކަށްވެސް ރީބްރޯޑްކާސްޓްކުރުމުގެ ހައްގު ލިބިފައިނުވާ ޗެނަލްތަކެއް ރީބްރޯޑްކާސްޓްކުރަމުން ދިޔަކަން ސާބިތުވެފައިވާ ކަމަށް ބްރޯޑްކޮމްއިން ބުންޏެވެ.

އެހެންކަމުން ރީބްރޯޑްކާސްޓްކުރުމުގެ ހައްގު ނެތި ރީބްރޯޑްކާސްޓުކުރި ކޮންމެ ޗެނަލަކަށް 2،000 ރުފިޔާގެ މަގުން ޖޫރިމަނާކޮށް، ޖުމްލަ 1،046،000 ރުފިޔާއިން އެކްސް ޕަވާ މޯލްޑިވްސް ޖޫރިމަނާކުރުމަށް ޖުލައި 21 ވަނަ ދުވަހު ބްރޯޑްކޮމްއިން ނިންމިއެވެ.

މިކަމާ ގުޅިގެން އެކްސް ޕަވާ މޯލްޑިވްސްއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނިން ބްރޯޑްކާސްޓުކުރުމުގެ ގާނޫނާއި ރީބްރޯޑްކާސްޓުކުރުމުގެ ގަވައިދާ ހިލާފުވެފައިވާ ކަމަށް ބްރޯޑްކޮމްއިން ނިންމައި، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ނިންމި ނިންމުމަކީ ގާނޫނީ އެތައް މައްސަލަތަކެއް ހުރި ބާތިލު ނިންމުމެއް ކަމަށް އެކުންފުނިން ގަބޫލުކުރާ ކަމަށެވެ.

"އެ ނިންމުމަކީ އޭގައި ގާނޫނީ އެތައް މައްސަލައެއް ހުރި ބާތިލު ނިންމުމެއްކަމަށް މި ކުންފުންޏަށް ގަބޫލުކުރެވޭތީ، އެ ނިންމުން ދިރާސާކޮށް، ގާނޫނީ ހަމަތަކުގެ މަތިން އެ ނިންމުން ބާތިލުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މިހާރު ވަނީ މި ކުންފުނީގެ ގާނޫނީ ވަކީލުންނާ ހަވާލުކުރެވިފައެވެ." އެ ބަޔާނުގައި ވެއެވެ.

އެ ކުންފުނިން ބުނީ އެ ކުންފުނިން މަސައްކަތް ކޮށްފައިވަނީ، އަދި ކުރަމުން ދާނީވެސް ރާއްޖޭގެ ބްރޯޑްކާސްޓުކުރުމާއި ރީބްރޯޑްކާސްޓުކުރުމާ ބެހޭގޮތުން އެކުލަވާލެވިފައިވާ ގާނޫނީ އޮނިގަނޑުގެ ތެރެއިން ކަމަށެވެ.

comment ކޮމެންޓް